ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. މާފުށީގައި ފޮތް ކިއުމަށް މަޑުކޮށްލާނެ ހާއްސަ ތަނެއް ގާއިމްކޮށްފި އެވެ.
'ފޮތް ގުންޒަރު'ގެ ނަމުގައި މި ޕްރޮޖެކްޓް ހިންގާފައިވަނީ ނިއު ސްޓާ ސްޕޯޓްސް ކްލަބުންނެވެ.
ރަށުގެ ބަނދަރު ސަރަހައްދުގައި ގާއިމް ކުރެވިފައިވާ މި ފޮތް ގުންޒަރުގައި އެކި އުމުރު ފުރާތަކަށް ހާއްސަ ފޮތް އެކުލެވެ އެވެ. އަދި ބޭރުގައި ބެންޗް ބަހައްޓައި އަދި އިންޑޯ ބައިގައި ބީން ބޭގް ވެސް ވަނީ ބަހައްޓާފަ އެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން ނިއު ސްޓާ ސްޕޯޓްސް ކްލަބްގެ ފަރާތުން ބުނީ މި ފޮތް ގުންޒަރަކީ ރަށުގެ ރައްޔިތުންނާއި ފަތުރުވެރިން ހިތްފަސޭހަ މާހައުލެއްގައި ދިމާވެ ފޮތްކިޔާލުމަށް ރަނގަޅު ތަނަކަށް ވެގެންދާނެ ކަމަށެވެ.
"ޖާގައެއް ނެތުމުގެ ސަބަބުން އާންމު ގޮތެއްގައި މި ޖެހެނީ ބަނދަރު މަތީގައި ހުންނަ ކެފޭ އެއްގައި މަޑުކޮށްލަން. މި ތަނުގައި އެކި އުމުރުފުރާތަކާ ގުޅޭ އެކަށީގެންވާ އަދަދެއްގެ ފޮތް ހުރުމާއެކު މި ތަނުގައި މަޑުކޮށްލާ ވަގުތަކީވެސް މައުލޫމާތު މުއްސަނދިވެ، ހިތް ފަސޭހަ ވަގުތުކޮޅަކަށް ވެގެން ދާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން،" ނިއު ސްޓާ ސްޕޯޓްސް ކްލަބް އިން ބުންޏެވެ.

މިއީ މާފުށީގައި ދިރިއުޅޭ ފަރާތްތަކާއި ޒިޔާރަތްކުރާ ފަރާތްތައް މަޑުކޮށްލާނެ ހިތްފަސޭހަ މާހައުލެއް ހޯދައި ދިނުމަށާއި މިތަނުގައި މަޑުކޮށްލާ ވަގުތަކީ ފައިދާހުރި ވަގުތުކޮޅަކަށް ހެދުމުގެ މަގުސަދުގައި ހިންގުނު ޕްރޮޖެކްޓެކެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން މިހާތަނަށް 65 ޕްރޮޖެކްޓަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކ. އަތޮޅުގެ ތިން ރަށަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެއީ ގާފަރާއި ކާށިދޫގެ އިތުރުން މާފުއްޓެވެ.













