މީރާއަށް ލިބެންޖެހޭ 22 ބިލިއަން ރުފިޔާގެ ތެރޭގައި ގިނައީ ރިސޯޓުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ކަމަށް އޮޑިޓް އޮފީހުން އާން މުކޮށްފައިވާ މީރާގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން މީރާއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން 2020 ވަނަ އަހަރުން ފެށިގެން މީރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު 22 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން އެ ރިޕޯޓުގައިވާ ގޮތުން 2016 ވަނަ އަހަރަށް ވުރެ 2020 ވަނަ އަހަރު ނުދައްކާ ފައިސާގެ އަދަދު 264 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ.
އެ ފައިސާގެ ތެރޭގައި އެންމެ ގިނައީ ރިސޯޓު ކުއްޔާއި އެއާ ގުޅޭ ޖޫރިމަނާ އެވެ. ރިސޯޓު ކުލީގެ ގޮތުގައި 17 ބިލިއަން ރުފިޔާ މީރާއަށް ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުގައި ވެ އެވެ.
މީގެ އިތުރުން ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ 1.8 ބިލިއަން ރުފިޔާ މީރާއަށް ނުލިބި ވާއިރު ޖީއެސްޓީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ އާއި ޓީޖީއެސްޓީގެ ގޮތުގައި މީރާއަށް ލިބެން ޖެހޭ 642 މިލިއަން ރުފިޔާ ވެސް ނުލިބޭ ކަމަށް ރިޕޯޓުގައި ބުނެ އެވެ.

މީގެ އިތުރުން އޮޑިޓް އޮފީހުން ފާހަގަ ކޮށްފައި ވަނީ ރިސޯޓު ތަރައްގީކުރުމަށް ދެވޭ މުއްދަތުގައި ރަށް ތަރައްގީކޮށް ނުނިންމުނު ނަމަވެސް އެ މުއްދަތު ހަމަވުމުން ކުލި ހިނގަން ފަށާގޮތަށް ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުން ތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"މިފަދަ ރަށްތަކާ ގުޅިގެން ކޮންސްޓްރަކްޝަން މުއްދަތު ހަމަވުމަށްފަހުވެސް ރަށް ނުހުޅުވި އަދި އެގްރިމެންޓް ބާތިލްނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވުމާއި، މިހެންވުމުގެ ސަބަބުން އެ ރަށްތަކަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ އިތުރުވަމުންދޭ،" އެ އޮފީހުން ބުނެފައިވެ އެވެ.
އަދި ތަފާތު ސަބަބުތަކާހުރެ އެއްބަސްވުން ބާތިލް ކުރެވިފައިވާ ރަށްތަކުގެ އެއްބަސްވުން ބާތިލު ކުރެވުނު ދުވަހާ ހަމައަށް ކުލި ކުރަން އޮތް ނަމަވެސް، އެ ކުލި ދައްކާ ދުވަހުގެ ނިޔަލަށް ޖޫރިމަނާ ހިނގާ ގޮތަށް އޮންނާތީ ދައްކަންޖެހޭ ފައިސާގެ އަދަދު ބޮޑު ތަނުން އިތުރުވެފައިވާ ކަމަށްވެސް އެ އޮޑިޓްގައި ފާހަގަ ކޮށްފައިވެ އެވެ.
މިފަދަ ބައެއް ހާލަތްތަކުގައި ކުއްޔަށް ވުރެ ޖޫރިމަނާ ބޮޑުވެފައިވާ ކަންވެސް އޮޑިޓްގައި ވެ އެވެ.
އޮޑިޓް އޮފީހުން ބުނީ އެ ފައިސާ ހޯދުމަށް މިހާރު އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކޮށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މީރާއަށް އަންގާފައިވާނެ ކަމަށެވެ.













