"ގެގް އޯޑަރު" އެއް އެންމެ ފަހުން ރާއްޖޭގައި ނެރުނީ އިއްޔެ އެވެ. ސުޕްރީމް ކޯޓުގައި ހިނގަމުންދާ އަހްމަދު މޫސާ މުހައްމަދު (އަންމަޓީ) ގެ މައްސަލައިގަ އެވެ. އަންމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ބޭއްވި ޝަރީއަތްތަކުގައި ހިނގި ބައެއް ކަންކަމާ ގުޅޭ ގޮތުން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވެ އެވެ. ސުޕްރީމް ކޯޓުން އަމުރު ކުރީ އެ ގޮތަށް ޝަރީއަތުގައި ހިނގާ ކަންކަން ޝަރީއަތުގެ ބޭރުން ވާހަކަ ނުދެއްކޭނެ ކަމަށެވެ.
ފަހުގެ ތާރީހެއްގައި ދެން މިފަދަ އަމުރެއް ނެރުނީ ޓެރަރިޒަމްގެ ދައުވާ އުފުލިފައިވާ މުހައްމަދު އަމީންގެ މައްސަލައިގައި ހަމަ ސުޕްރީމް ކޯޓުންނެވެ. އެ ފަހަރު އެ އަމުރު ނެރުނީ މީީޑިއާތައް ހިމެނޭ ގޮތަށެވެ. އަމީންގެ މައްސަލައިގެ ހަބަރުތައް ގެނެސްދޭއިރު އޭނާގެ އަބުރަށް އުނިކަން އަންނަ ގޮތަށް، ޓެރަރިސްޓެއް ގޮތަށް ލޭބަލް ވާނެ ގޮތަށް ހަބަރުތައް ގެނެސްދިނުން މަނާކޮށް އަމުރެއް ނެރުނީ އެވެ. އަމީންގެ ފޮޓޯއެއް އެޑިޓްކޮށް، ޓެރަރިސްޓެއް ގޮތަށް ސިފަކޮށް މީޑިއާއެއްގައި ޝާއިއު ކުރުމާ ގުޅިގެނެވެ. އެއީ ވެސް "ގެގް އޯޑަރެ" ކެވެ.
ގެގް އޯޑަރަކީ ކޮބައި؟ އުސޫލު އުފެދުނު ގޮތް!
ގެގް އޯޑަރަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިނގަމުންދާ ޝަރީއަތާއި އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ޝަރީއަތުގެ ބޭރުން ދެއްކުން މަނާކޮށް ކޯޓުން ނެރޭ އަމުރަކަށް ކިޔާ އުޅޭ ލަފުޒެކެވެ. މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ ވަކީލުންނާއި، ހެކިވެރިންނާއި، ކޯޓު އޮފިސަރުންނާއި، ޝަރީއަތަށް ވަދެ ތިބޭ އާންމުންނާއި ނޫސްވެރިންގެ މައްޗަށް ވެސް މިފަދަ އަމުރު ނެރެ އެވެ.
މިއީ ރާއްޖޭން ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ވެސް އޮންނަ އުސޫލެކެވެ. އިނގިރޭސިވިލާތާއި އެމެރިކާގައި ވެސް "ގެގް އޯޑާ" ގެ އުސޫލު އޮވެ އެވެ. އެމެރިކާގައި "ގެގް އޯޑާ" ގެ އުސޫލު އުފެދުނު ގޮތުގެ ތާރީހަކީ ދުނިޔޭގެ ޝަރުއީ ނިޒާމުގެ ތާރީހުގައި މަޝްހޫރު ވާހަކަ އެކެވެ. އެއީ އެމެރިކާގެ ދަށު ކޯޓަކުން ވަރަށް ބޮޑަށް ހުޅުވާލައިގެން ހިންގި ޝަރީއަތެއް އޭގެ ބަދަލުގައި ކޮންމެ ވެސް ވަރެއްގެ "ރެސްޓްރިކްޝަން" ނުވަތަ ހިފެހެއްޓުންތަކަކާ އެކު ގެންދަން ސުޕްރީމް ކޯޓުން ނެރުނު އަމުރެވެ.
މި ދެންނެވި ގަޒިއްޔާއަކީ ޝެޕާޑް ވ. މެކްސްވެލް 1966 ގަޒިއްޔާ އެވެ.

މި މައްސަލައިގައި ހިމެނޭ ޝެޕާޑްގެ މައްޗަށް އުފުލި ދައުވާއަކީ އޭނާގެ އަނބިމީހާ މަރާލުމުގެ ދައުވާ އެވެ. އޭނާގެ މައްޗަށް ދަށު ކޯޓުން ހުކުމް އިއްވި ނަމަވެސް ސުޕްރީމް ކޯޓުން ހުކުމް ބާތިލް ކުރީ އެވެ. ޝެޕާޑަށް އިންސާފުވެރި ޝަރީއަތެއް ނުލިބުނު އެއް ސަބަބެއްގެ ގޮތުގައި ކޯޓުން ފާހަގަކޮށްފައި އޮތީ ކޯޓުގެ ބޭރުން ބޭނުން ގޮތަކަށް ޝަރީއަތާ ގުޅޭ ގޮތުން ވާހަކަ ދެއްކުމާއި، މީޑިއާތަކަށް މާ ބޮޑަށް ޝަރީއަތް ހުޅުވާލާފައި އޮތުމެވެ. ކޯޓުން ނެރުނު "ގެގް އޯޑަރު" ގައި އެންގީ ދަށު ކޯޓުގެ ފަނޑިޔާރުން ޝަރީއަތް ހިންގަންވާނީ މީޑިއާތަކަށް އެއަށް ވުރެ ހަރުކަށި އުސޫލުތަކެއް އޮވެގެނެވެ.
ރާއްޖޭގައި ގެގް އޯޑަރު ނެރުނު ގަޒިއްޔާތަކުގައި ހިމެނޭ ނުކުތާތައް
ރާއްޖޭގައި ނެރެފައިވާ ގެގް އޯޑަރުތަކުގައި ވެސް ފާހަގަ ކޮށްފައި އޮންނަނީ އެ އުސޫލެވެ. ފަނޑިޔާރެއްގެ ކުރިމައްޗަށް ގޮތެއް ކަނޑައެޅުމަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭ ގޮތުން، އޭގެ ބޭރުގައި ވާހަކަ ދައްކައި ގޮތް ކިޔައި ނުހެދުމަށް އޮތް އުސޫލެކެވެ. ބޭނުމަކީ އިންސާފު ހޯދަން އައިސް ހުއްޓި ހުންނަ މީހެއްގެ މައްސަލައެއްގައި އޭގެ ބޭރުން ވާހަކަ ދެއްކުމަކީ ނިޒާމުގެ މުގައްދަސްކަން ހިފެހެއްޓުމަށް ހުރަސް އެޅޭ ކަމަކަށް ވެދާނެތީ އެފަދަ ކަންކަން ހުއްޓުމެވެ.
މި ކަމަށް އެދި ޝަރީއަތްތަކުގައި އެދޭއިރު ވަކީލުން ފާހަގަ ކުރައްވާ މައިގަނޑު ނުކުތާއަކީ ގާނޫނު އަސާސީގެ ހަވަނަ ބާބު، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާބު ފަށަމުން ލިޔެފައިވާ ކަންކަމެވެ. ހާއްސަކޮށް 141 ވަނަ މާއްދާގެ (ރ.) އެވެ. ގެގް އޯޑަރު ނެރެން ޖެހޭ އެއް ސަބަބަކަށް ވަނީ އެ މާއްދާ ތަންފީޒު ކުރުމެވެ. އެހެން ނޫން ނަމަ، އިންސާފުވެރި ޝަރީއަތެއް ކަށަވަރު ކުރަން ކޯޓުތަކަށް އެހީ ވުމުގެ ބަދަލުގައި އެ ކަމަށް ހުރަސް އެޅެނީ ކަމުގައި ބެލުމުގެ ފުރުސަތު ބޮޑު ކަމަށް ވަކީލުން ޝަރީއަތްތަކުގައި ފާހަގަ ކުރައްވާފައިވެ އެވެ.
titledesc
މީގެ އިތުރުން ވެސް ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ބައެއް ހައްގުތައް ކަށަވަރު ކުރުމުގެ ބޭނުމުގައި ވެސް ގެގް އޯޑަރުގެ ބޭނުން ކުރެ އެވެ. އޭގެ ތެރޭގައި ނަމާއި އަބުރު ރައްކާތެރި ކުރުމުގެ ހައްގާއި، ކުށެއް ކުރި ކަމުގެ ދައުވާ އުފުލޭ މީހުންނަށް އޮންނަން ވާނެ ކަމަށް ބަޔާން ކޮށްފައިވާ ހައްގުތަކެވެ.
މުހައްމަދު އަމީންގެ މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ފާހަގަ ކޮށްފައި ވަނީ، ހިޔާލު ފާޅު ކުރާ ފަރާތްތަކުންނާއި ހަބަރު ފަތުރާ ވަސީލަތްތަކުން މައުލޫމާތު ފެތުރުމުގައި، ދައުވާ އުފުލިފައިވާ ފަރާތަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ކުރި ފަރާތްކަން ކޯޓަށް ސާބިތު ނުކުރެވޭހާ ހިނދަކު އޭނާއަކީ މައުސޫމެއް ގޮތުގައި ބެލުމުގެ ހައްގުން މަހުރޫމު ކުރެވޭ ގޮތަށް އެ ކަން ކޮށްގެން ނުވާނެ ކަމުގަ އެވެ. އަދި އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ވެސް އަންގާފައި ވެ އެވެ.
titledesc
ގެގް އޯޑަރަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ކުރަމުން އަންނަ ކަމެކެވެ. އެފަދަ އަމުރެއް ކޯޓުން ނެރުމަށް ފަހު، ޝަރީއަތާ ގުޅޭ ގޮތުން ޝަރީއަތުގެ ބޭރުން ވާހަކަ ދެއްކުން މަނާ ވާނެ އެވެ. އެފަދަ އަމުރެއްގައި ވަކި ބަޔަކު ފާހަގަ ކޮށްފައިވާނަމަ އެ ބަޔަކަށް އެ ކަން މަނާވާނެ އެވެ. ގެގް އޯޑަރުގެ އުސޫލު ހިނގަނީ މިހެނެވެ.










