ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަލީ އާދަމް ޖަމިއްޔާއެއް އުފައްދައިގެން އެ ޖަމިއްޔާއިން ހިންގި ހަރަކާތްތަކުގައި ސިޔާސީ ގޮތުން ހިޔާލު ފާޅުކުރި ކަމަށް ބެލެވޭ މައްސަލައެއްގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑްކޮށްފި އެވެ.
ޖޭއެސްސީން މެޖިސްޓްރޭޓު އަލީ އާދަމްއާ މެދު އެޅި ފިޔަވަޅު ހާމަކޮށް ނެރުނު ބަޔާނުގައިވާ ގޮތުން، އޭނާ ސަސްޕެންޑް ކޮށްފައި ވަނީ ދެ ހަފުތާގެ މުއްދަތަކަށެވެ. އެ ދެ ހަފުތާގެ މުއްދަތަށްވާ މުސާރަ އޭނާއަށް ނުލިބޭނެ ކަމަށް ޖޭއެސްސީގެ އެ ބަޔާނުގައިވެ އެވެ.
ޖޭއެސްސީގެ ބަޔާނުގައިވާ ގޮތުން، އަލީ އާދަމް އުފެއްދެވި ޖަމިއްޔާއަކުން ހދ. ކުޅުދުއްފުށީގައި ބޭއްވި ހަރަކާތަކީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި އާންމުން ދެކުމުގެ ފުރުސަތު އޮތް ކަމެކެވެ.
އޭނާގެ ފޭސްބުކް ޕޭޖްގައި އެ ހަރަކާތް އިޝްތިހާރު ކޮށްފައިވާއިރު، އޭގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކާއި ފާޅުކޮށްފައިވާ ޝުއޫރުތަކަކީ ސިޔާސީ ގޮތުން ފާޅުކޮށްފައިވާ ޝުއޫރުތަކެއް ކަމަށް އާންމުން ދެކުމުގެ ފުރުސަތު ބޮޑު ކަމެއްގެ ގޮތުގައި އޮތް ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.
ދެ ހަފުތާގެ މުއްދަތަށް އަލީ އާދަމް ވަޒީފާއަށް ނުކުތުން މަނާ ކުރުމަށް ފަހު، އެ މުއްދަތުގައި ހދ. ޖުޑިޝަލް ދާއިރާ ހިންގުން ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އިސްމާއީލްއާ ހަވާލު ކުރަން ޖޭއެސްސީން ނިންމާފައިވެ އެވެ.














