އިންޑިއާއިން ރާއްޖޭގައި ކުރިޔަށްގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް ޕްރޮޖެކްޓްތަކުގެ އިތުރު ހަތް މަޝްރޫއެއް ކުރިޔަށް ގެންދިޔުމަށް މިއަދު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގަައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ.
އެ މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާ ސަރުކާރުގެ 10 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން އދ. ދިގުރަށް އަދި ގއ. ގެމަނަފުށީގައި ޔޫތު ސެންޓަރެއް ގާއިމުކުރާ މަޝްރޫއު ހިމެނެ އެވެ.
ޔޫތު މިނިސްޓްރީން ތަރައްގީކުރާ ގޮތަށް ހަމަޖެހިފައިވާ އެ ސެންޓަރުތަކުގައި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތަކުގެ އިތުރުން ޖިމް، އޮފީސް ސްޕޭސް އަދި ބައްދަލުވުންތައް ބާއްވާނެ މީޓިން ރޫމް ވެސް އިމާރާތްކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މިއަދު ދެން ސޮއި ކުރި މަޝްރޫއަކީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީ ޔުނިޓެއް ގާއިމްކުރުމަށާއި، ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗާކުރުމަށް ވޯކްޝޮޕެއް ގާއިމްކުރުމަށާއި އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ގާއިމްކުރުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީދޭ އެއްބަސްވުމެކެވެ.

އެ ޕްރޮޖެކްޓްގެ ދަށުން އެންމެ ޒަމާނީ ފެންވަރުގެ ސްޕީޗް ތެރަޕީ ޔުނިޓެއް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ގާއިމް ކުރާނެ އެވެ.
އަދި، ސައުންޑް ޕްރޫފް ސްޓޭޝަނަކާއެކު އޯޑިއޯމެޓްރީ ސެޓަޕެއް ގާއިމްކޮށް، އެތަނަށް ބޭނުންވާ ކޮމްޕިއުޓަރު ސިސްޓަމްތައް ބަހައްޓައި، ޔުނިޓްގެ އުމްރާނީ މަސައްކަތްތައް ކުރާނެ އެވެ. އެ ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުން ނުވަ ލައްކަ ދިވެހި ރުފިޔާގެ ހިލޭ އެހީ ދޭނެ އެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗާ ކުރުމަށް ވޯކްޝޮޕެއް ގާއިމްކުރުމަށް ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އިންޑިއާއިން 1.99 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭނެ އެވެ.
އެ އެހީގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗަރިން ވޯކްޝޮޕް ގާއިމްކޮށް، އެތަނަށް ބޭނުންވާ މެޝިނަރީޒްއާއި މެޓީރިއަލް ހޯދައި، އެ ވޯކްޝޮޕް ހިންގަން ބޭނުންވާ މުވައްޒަފުން ތަމްރީން ކުރެވޭނެ އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ގާއިމުކުރާ މެންޓަލް ހެލްތު ސެންޓަރު ގާއިމްކުރުމަށް 665،000ރ. ގެ ހިލޭ އެހީ އިންޑިއާއިން ފޯރުކޮށްދޭނެ އެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ނ. މަނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަން ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ.
އިންޑިއާ ސަރުކާރުގެ އަށް މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ޔޫތު މިނިސްޓްރީން ހިންގާ އެ ޕްރޮޖެކްޓްގައި ނ. މަނަދޫގައި ބައިނަލްއަގްވާމީ ސްޓޭންޑަޑަށް ފެތޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމް ކުރާނެ އެވެ.
އޭގެ އިތުރުން ވެސް ނ. ލަންދޫ އަދި ތ. ދިޔަމިގިލީގައި ހުރި އާސާރީ ބައެއް ތަންތަން މާރާމާތުކޮށް، ރައްކާތެރިކުރުމަށް ވެސް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ޖުމްލަ 5.2 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން ލަންދޫ މާބުދުގެ އާއި ދިޔަމިގިލީ ދަރިކޮޅުގެ ރަސްމަތިފުށާ ގުޅޭ ގަނޑުވަރު މަރާމާތުކޮށް، ރައްކާތެރިކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އަދި ސައިޓް މިއުޒިއަމް ގާއިމްކޮށް، އެތަންތަނަށް ޒިޔާރަތްކުރާ މީހުންނަށް އެތަންތަން ފެންނާނެ ގޮތަށް ހަދައި، ގެލެރީތައް ގާއިމްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ މިޒަމާނުގެ މިއުޒިމްތަކުގައި ގާއިމްކޮށްފައި ހުންނަ ޑިޖިޓަލް އެގްޒިބިޓްތައް ވެސް އެތަންތަނުގައި ގާއިމްކޮށް، އެތަންތަނާ ބެހޭ މައުލޫމާތު އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ އެވެ.













