ރަމަޟާން މަހަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕްބޯލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކުން ޔޫތު މިނިސްޓްރީ އާއި އިމިގްރޭޝަން މޮޅުވެއްޖެ އެވެ.
ފުރަތަމަ މެޗުން ހަޔަަ އެޑިއުކޭޝަނާ ވާދަކޮށް، އިމިގްރޭޝަން މޮޅުވީ ފަސް ވިކެޓުންނެވެ. އަދި މުލިއާގޭ ރެކްރިއޭޝަން ކްލަބް އަތުން ޔޫތު މިނިސްޓްރީ ކުރިހޯދީ ވެސް ފަސް ވިކެޓުންނެވެ.
އިއްޔެ ހަވީރު ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ޓޮސް ދިމާވުމުން ހަޔަ އެޑިއުކޭޝަނުން ނިންމީ ކުޅެން އެރުމަށެވެ. އެ ގޮތުން އަށް އޯވަރު ހަމަވިއިރު، އެ ޓީމުން ވަނީ 81 ލަނޑު ހަދައިފަ އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 14 ލަނޑު ހެދި އާދަމް އަބްދުﷲ އާއި 10 ލަނޑު އެއްކުރި އިބްރާހިމް ހަސަން އެވެ. ޖަވާބުގައި އިމިގްރޭޝަނުން ކުޅެން އަރައި ވަނީ 5.5 އޯވަރުގެ ތެރޭގައި 85 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. އެ ޓީމުގެ އަހުމަދު އާމިރު ވަނީ 19 ބޯޅައިން 35 ލަނޑު އެއްކޮށްފަ އެވެ.
ދެ ވަނަ މެޗުގައި ޔޫތު މިނިސްޓްރީ އަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ފީލްޑް ކުރުމަށެވެ. މުލިއާގޭ ރެކްރިއޭޝަން ކްލަބުން ކުޅެން އަރައި، އަށް އޯވަރު ތެރޭ ވަނީ 123 ލަނޑު އެއްކޮށްފަ އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 15 ބޯޅައިން 32 ލަނޑު ހެދި ޕްރަސަންތަ ރަޖެންދްރަން އާއި 11 ބޯޅައިން 31 ލަނޑު އެއްކުރި މުހައްމަދު ކަމާލް އެވެ.
ޖަވާބުގައި ޔޫތު މިނިސްޓްރީން ކުޅެން އަރައި، ހަތް އޯވަރު ތެރޭ 127 ޕޮއިންޓް ހަދައި، މެޗުން މޮޅުވި އެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުވަ ބޯޅަ އިން 22 ލަނޑު ހެދި އިމާދު އިސްމާއިލް އާއި 17 ލަނޑު އެއްކުރި، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އެވެ.












