ޓިއުރިން (އޭޕްރިލް 17) – ފޯވާޑް ޑޫސާން ވްލަހޯވިޗް 95 ވަނަ މިނެޓުގައި ވައްދާލި ގޯލާ އެކު އިޓާލިއަން ލީގުގައި ރޭ ނުވަ ކުޅުންތެރިންނާ އެކު މެޗު ނިންމާލި ބޮލޯނިއާއާ 1-1 އިން ޔުވެންޓަސް އެއްވަރުކޮށްފި އެވެ.
މި ނަތީޖާއާ އެކު ޔުވެންޓަސް އޮތީ ލީގުގެ ހަތަރު ވަނައިގައި 33 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ނަޕޯލީ އަށް 32 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނަށް ވަނީ 32 މެޗުން 69 ޕޮއިންޓް ލިބިފަ އެވެ. އަދި އެއް ވަނައިގައި އޭސީ މިލާން އޮތީ 33 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ.
ޔުވެންޓަސް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމުން ފުރަތަމަ ހާފުގައި ރަނގަޅު ދެ ހަަމަލާ އުފެއްދި އެވެ. ވްލަހޯވިޗް ބޮލުން ޖެހި ބޯޅައެއް ހުރަސްދަނޑިމަތިން ދިޔައިރު، ޕައޮލޯ ޑިބާލާގެ ހިލޭ ޖެހުން ދިޔައީ އަރިމަތިން ބޭރުންނެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތް ވަނަ މިނިޓްގައި ބޮލޯނިއާ އިން ލީޑުނެގި އެވެ. މި ގޯލު ޖެހީ އޮސްޓްރިއާ ގައުމީ ޓީމުގެ ފޯވާޑް، މާކޯ އާނައުޓޮވިޗް އެވެ. މެޗުގެ 52 ވަނަ މިނިޓްގައި ރޮބާޓޯ ސޮރިއާނޯ ދިން ބޯޅަ އޭރިއާތެރެއިން ކޮންްޓްރޯލްކުރުމަށް ފަހު އާނައުޓޮވިޗް މި ގޯލު ޖެހީ ޔުވެންޓަސްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ ކައިރިން ނައްޓައިފަ އެވެ.
ޔުވެންޓަސް އަށް އެއްވަރުކޮށްދޭން ކޯނަރަކުން ހުރަސްވި ބޯޅައަކުން ޑަނީލޯ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ 84 ވަނަ މިނިޓްގައި ޔުވެންޓަސްގެ މޮރާޓާ އަށް ބޮލޯނިއާގެ އެޑަމް ސުމާރޯ ކުރި ފައުލަކަށް އޭނާ އަށް ރަތް ކާޑެއް ދެއްކިއިރު، އެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރި ގޮތުން ބޮލޯނިއާގެ ގެރީ މެޑަލް އަށް ވެސް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
ދެ ކުޅުންތެރިން މަދުކޮށް ކުޅެމުންދިޔަ، ބޮލޯނިއާ ކޮޅަށް އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ވްލަހޯވިޗް ގޯލު ޖެހީ ކޯނަރަކުން އޭރިއާތެރެއަށް އައި ބޯޅައެއްގަ އެވެ. އަލްވާރޯ މޮރާޓާ އޯވަހެޑް ކިކަކުން ފޮނުވާލި ބޯޅަ ގޯލު ކުރިމަތިން ބޭރުވާން ދަނިކޮށް ވްލަހޯވިޗް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
އިޓާލިއަން ލީގުގައި ރޭ ވެނެޒިއާ އަތުން ފިއޮރެންޓީނާ ވަނީ 1-0 އިން މޮޅުވެފަ އެވެ. ލާޒިއޯ އާއި ޓޮރިނޯގެ މެޗު އެއްވަރުވީ 1-1 އިންނެވެ.












