ފަލަސްތީނުގެ ޤުދުސްގައި ހުންނަ އަލް އަޤުސާ މިސްކިތަށް އިިޒްރޭލު ސިފައިން އިއްޔެ ވަދެ، އެތަނުގައި އަޅުކަން ކުރަން ތިބި ފަލަސްތީނުމީހުންނާ ދެކޮޅަށް ހިންގި އުދުވާނު ރާއްޖޭން ކުށްވެރިކުރާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މާތްވެގެންވާ ރަމަޟާން މަހު އިޒްރޭލު ސިފައިން އަޤުސާ މިސްކިތަށް ވަދެ، ހަތިޔާރެއް ނެތް ފަލަސްތީނުމީހުންނަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. އަގުސާ މިސްކިތާއި ހިފާފައިވާ ފަލަސްތީނުގެ އެހެން ތަންތަނުގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކަކީ ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާއި އދ.ގެ ގަރާރުތަކާ ހިލާފުކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"އެފަދަ އަމަލުތަކަކީ ސަރަހައްދަށް ސުލްހަ ގެންނަން ކުރާ ހުރިހާ މަސައްކަތަކަށް ހުރަސް އަޅާ ކަންތައްތަކެކެވެ. ފަލަސްތީނު ރައްޔިތުންނަށް އަދި މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްކުރަން އެމީހުން ކުރާ ހައްގު ޖިިހާދަށް ދިވެހިރާއްޖޭން ކުރާ ދެގޮތެއް ނުވާ ތާއީދު ތަކުރާރު ކުރަމެވެ،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.
މެދުއިރުމައްޗަށް ދާއިމީ ސުލްހައެެއް އަންނަނީ 1967 ވަނަ އަހަރު އޮތް ސަރަހައްދީ ރޮނގާ އެއްގޮތަށް ދެދައުލަތް އޮންނާނެހެން، ފަލަސްތީނުމީހުންނަށް މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްކޮށްދީގެން ކަމަށް ވެސް ސަރުކާރުގެ ބަޔާނުގައި ބުންޏެވެ.
ހުކުރުވިލޭރޭ ފަތިހު އިޒްރޭލު ސިފައިން އަޤުސާ މިސްކިތަށް ވަދެގަނެ، ހިންގި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 150 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ. ރޯދަމަހު އަގުސާ މިސްކިތަށް ވަދެ ހަމަނުޖެހުން ހިންގުމަކީ 1967 ވަނަ އަހަރު އިޒްރޭލުން އިރުމަތީ ގުދުސް ހިފިފަހުން ކޮންމެ އަހަރަކުހެން ހިންގާ ޖަރީމާ އެކެވެ.














