ރިޕޯޓުވާގޮތް: ވެލި އުފެދެނީ ކިހިނެއް؟

ވާގޮތް: ވެލި އުފެދެނީ ކިހިނެއް؟

ވާގޮތް: ވެލި އުފެދެނީ ކިހިނެއް؟

ދެބައިހަމައާ ކައިރި ހިސާބުތަކުގައިވާ ޖަޒީރާތަކުގެ ގޮނޑޮދޮށްތަކުގައި ސުނޯހާ ހުދު ވެއްޔެވެ. އަލިފާން ފަރުބަދަތައް ހުންނަ ސަރަހައްދުތަކުގެ ގޮނޑުދޮށްތަކުގައި ކަޅުކުލައިގެ ވެއްޔެވެ. ހަވާއީގައި ކަޅު، ފެހި އަދި ރަތްވެއްޔެވެ. ބާމިއުޑާގައި ފިޔާތޮށި ވެއްޔެވެ. އެކަމަކު ދުނިޔޭގެ ގިނަ އެހެން ގޮނޑުދޮށްތަކުގައި މުށިކުލައިގެ ވެއްޔެވެ.

ގޮނޑުދޮށްތަކުގައިވާ ވެލީގެ ކުލަ ގުޅިފައިވަނީ ވެލީގެ މަސްދަރާ އެވެ. އެމެރިކާގައި މަރުކަޒު ހުންނަ ، ކަނޑުތަކާ ބެހޭ ދިރާސާކުރާ އިދާރާއެއްކަމަށްވާ ވުޑްސް ހޯލް އޯޝަނޮގްރަފިކް އިންސްޓްޓިއުޓް އިން ސިފަކުރާ ގޮތުގައި ގޮނޑޮދޮށުގައި އޮންނަ ވެެއްޔަކީ އެ ސަރަހައްދެއްގެ ހަގީގަތް ދައްކައިދޭ "ފިންގަޕްރިންޓެކެވެ،"

ވުޑްސް ހޯލް އޯޝަނޮގްރަފިކް އިންސްޓްޓިއުޓްގެ ލިއުމުގައިވާ ގޮތުން އާއްމު ގޮތެއްގައި ގޮނޑޮދޮށްތަކުގައިވާ ވެލީގެ އަސްލަކީ އެސަރަހައްދުގެ އެއްގަމުގައިވާ ހިލަތަކެވެ. މޫސުމީ އެކިއެކި ސަަބަބުތަކާ ހެދި އެ ހިލަތައް ބޮޑެތި އެތިގަނޑުގަނޑު (ބުލްޑާތަކުގެ) ގޮތުގައި ކަނޑަށް ފައިބަ އެވެ. ދެން ރާޅާއި އޮޔާއި އެކު އެއް ގާނގަނޑު އަނެއްގާގަނޑުގައި ތެޅުމާއި ގޭނުމުގެ ތެރެއިން ހިމުންވަމުން ގޮސް ވެއްޔަށް ވަނީ އެވެ. އެކަމަށް އެތައް ހާސް އަހަރެއް ނަަގަ އެވެ.

ގޮނޑުދޮށުގައި ނުވަތަ އެނޫން ސަރަހައްދެއްގައިވާ ހިލަގނޑެއް ނަަމަވެސް ކަނޑައިގެން ގޮސް އެތިގަނޑުގަނޑު ވަކިވާން މެދުވެރިގާ ދެތިން ސަބަބެއް ވެ އެވެ. ބައެއް ފަހަރު އެއީ ހިލަތަކަށް ޖަހާ ރާޅުތަކެވެ. އަނެއްބައި ފަހަރު ހިލަގަނޑުތައް ކަނޑަކަނޑައިގެން ދަނީ އެ ސަރަހައްދު ފިނިގަދަވެގެން ގޮސް ގަނޑުވެފައި އަލުން ހޫނުވާއިރުގަ އެވެ.

ގަސްގަހާގެހި ހެދިބޮޑުވުމާއި ވެއްޓުން އަދި ޖަނަވާރުތަކުގެ ހަރަކާތުގެ ސަބަބުުން ވެސް ހިލަތައް ކަނޑައިގެން ގޮސް މޫދަށް އެޅެ އެވެ.

ހިލަތައް ރޫޅި ވެއްޔަށްވާން ހޭދަވާ ވަގުތާއި ވެލީގެ ބާވަތް ގުޅެނީ ހިލައިގެ ހަރުކަމާއި އޭގައި އެކުލެވޭ މިނެރަލްތަކާ އެވެ. އަލިފާންފަރުބަދަތައް ހުންނަ ހަވާއީގައި ސީދާ ކަޅުކުލައިގެ ވެއްޔާއި ރަތްވެލި އަދި ފެހިކުލައިގެ ވެލި ހުންނަނީ އެެހެންވެ އެވެ. ރަތްކުލައިގެ ވެލީގައި ގިނައިން އެކުލެވިގެން ވަނީ ދަނގަނޑު (އަޔަން) އެވެ. ފެހިކުލައިގައިވާ ވެލީގައި ވަނީ އޮލިވައިން އެވެ. އަދި ކަޅުކުލައިގެ ވެލި އުފެދެނީ އޮބްސީޑިއަން އިންނެވެ.

ރާއްޖެއާއި ރާއްޖެ ފަދަ ޖަޒީރާ އެހެެން ބައެއް ގައުމުތަކުގެ ގޮނޑޮދޮށްތަކުން މިފެންނަ ދޮން ވެއްޔަކީ އެކަމަކު އޭގައި މިނެރަލްތަކެއް އެކުލެވިފައިވާ ވެއްޔެއް ނޫނެވެ. މި ވެލި އުފެދެނީ މުރަކައާއި ކަނޑުގެ އެެން ދިރުންތައް މަރުވެ ނެތިގެންދާއިރުގަ އެވެ. މިއީ ހަލާކުވާ މުރަކަ އޮޔާއި ރާޅާ އެކު ގޭނިގޭނި ހިމުންވެގެން އުފެދޭ ވެއްޔެވެ.

މޫދުގައިވާ ގާތަކުގެ ބޭރު ފަށަލައިގައިވާ އަލްގޭ ކައިގެން އުޅޭ މާހުޅުނބުލަނޑަޔާއި ރޮނޑަކީ ވެސް މުރަކައިގެ ވެލި އުފައްދާ މެޝިންތަކެކެވެ. ކޮންމެ މާހުޅުނބުލަނޑައެއް އަހަރަކު އެތައް ޓަނެއްގެ ވެލި އުފައްދާ ކަމަށް ވެ އެވެ. އެއީ އަލްގޭ ކެއުމުގެ ތެރޭގައި ގަލުން ކައިލެވޭ ބައިތައް ހަޖަމްކޮށް ވެލީގެ ގޮތުގައި ބޭރުކޮށްގެންނެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox