ޖަލުތަކުގެ މައްސަލަތައް ހައްލުކުރަން އެހެން ސަރުކާރަކުން ނުކުރާ ވަރު ކޮށްފިން: އިމްރާން

ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ: މި ސަރުކާރުގެ އަމާޒަކީ ޒަމާނުއްސުރެން ޖަލުތަކާ މެދު ކިލަނބުވެފައި އޮތް ތަސައްވަރު ސާފުކުރުން ކަމަށް އޭނާ ވިދާޅުވި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ: މި ސަރުކާރުގެ އަމާޒަކީ ޒަމާނުއްސުރެން ޖަލުތަކާ މެދު ކިލަނބުވެފައި އޮތް ތަސައްވަރު ސާފުކުރުން ކަމަށް އޭނާ ވިދާޅުވި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޖަލުގައި ހުރި މައްސަލަތައް ހައްލުކުރަން ކުރިން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ވަރަށް މި ސަރުކާރުން މަސައްކަތްކޮށްފި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ކަރެކްޝަންސް ސާވިސްއާ އަލަށް ގުޅުނު އޮފިސަރުންގެ ދަސްވެނިވުމާއި ހުވާކުރަން މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ޖަލުގައި ހުރި މަސައްކަތްތައް ރަނގަޅުކުރަން މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅުވަ އެވެ.

އެގޮތުން ޖަލުތަކުގެ ހާލަތު ގޯސްކަމަށް ވިދާޅުވުމަށް ފަހު، މި ސަރުކާރުން ގައިދީންގެ ހިތްދަތިކަން ބަލައިގަން އެކަން ބަދަލުކުރަން މަސައްކަތް ކުރާ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ޖަލުތަކުގައި ތިބޭ ގައިދީން އިންސާނީ ކަރާމާތާއި އަސާސީ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުން ސަރުކާރުން ސްޓްރެޓެޖިކް ޑައިރެކްޝަން ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މި ޒިންމާއާ ހަވާލުވީއިރުވެސް ޖަލުތަކުގެ ހާލަތު އަޅުގަނޑު ރަނގަޅަށް ދެނެހުރިން. ގައިދީން ތަހައްމަލުކުރަން ޖެހޭ ދަތިތަކާއި ހިތްދަތިކަމަކީ ފަރުވާ ހޯދަން ޖެހިފައިވާ ގައުމީ މައްސަލައަކަށް މި ސަރުކާރުން ފުރިހަމައަށް ގަބޫލުކުރޭ،" އިމްރާން ވިދާޅުވި އެވެ.

އެ މަސައްކަތުގެ ތެރެއިން ކުރެވުނު އެންމެ މުހިންމު މަސައްކަތުގެ ގޮތުގައި އިމްރާން ފާހަގަކުރެއްވީ ޖަލުތަކުގެ އޮޑިޓު ރިޕޯޓެވެ. ޖަލުތަކުގެ ހާލަތު ބަލަން މި ސަރުކާރުން އުފެއްދި ޖަލު ކޮމިޝަނުން 2019 ވަނަ އަހަރު އާންމުކުރި މި ރިޕޯޓުގައި 180 ކަމެއް އިސްލާހުކުރަން ލަފާދިނެވެ.

އިމްރާނު ވިދާޅުވީ މި ރިޕޯޓު އެކުލަވާލުމުގެ މަގުސަދަކީ ޖަލުގެ ހާލަތު ލިޔުމުން ފެންނާނެހެން ބޭއްވަމަށާއި ދާން ބޭނުންވާ ހިސާބު އަންގައިދޭން ކަމަށާއި މި ލިޔުމާ ޖަލުގެ އަދުގެ ހާލަތާ އަޅާކިޔުމުން ޖަލުގެ ކަންކަން ކުރިއަރާފައިވާ މިންވަރު ސާފުވާނެ ކަމަށެވެ. ނަމަވެސް އަދި ނުކުރެވި ހުރި ކަންކަން ހުރި ކަމަށް އިއުތިފާރުވެވަޑައިގަންނަވަމުން އޭނާ ވިދާޅުވީ އޮޑިޓުގައި ބުނި ކަންކަން ފުރިހަމަކުރަމުންދާ ކަމަށެވެ.

ޖަލުތަކުގެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ އެއް މައްސަލައަކީ ފެށުމުގައި އެހެން ބޭނުމަކަށް އަޅާފައިވާ އިމާރާތްތަކުގައި މީހުން ބަންދުކޮށް ޖަލުތަކުގެ ގޮތުގައި ބޭނުންކުރުމެވެ.

މި މައްސަލައަށް އަލިއަޅުއްވާލައްވަމުން އިމްރާން ވިދާޅުވީ، މިގޮތަށް މަސް ގުދަނާއި ކާށި އެއްކުރާ ޖަގަހަތައް ގައިދީން ބައިތިއްބަން ބޭނުންކޮށްފައިވާއިރު ބަންދުކުރަން ހާއްސަކޮށްގެން އެޅި އިމާރާތްތައް ވެސް ހުރީ ބާވެފައި ކަމަށެވެ. މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަނެވޭނެ ތަންތަން ނޫންކަމަށް ވިދާޅުވަމުން އިމްރާން ވަނީ މި ދައުރު ނިމުމުގެ ކުރިން އެ ހަގީގަތްތައް ބަދަލުކޮށްލާނެ ކަމަށް ވިދާޅުވެފަ އެވެ.

"ޖަލުގަ ބޭނުންކުރެވޭ ބައެއް މަދު އިމާރާތްތަކަކީ ޖަލަށްޓަކައި ބޭނުންކުރުމަށް ބޭނުމަށް ކުރިން އެޅިފައި ހުރި އިމާރާތްތަކެއް ނަމަވެސް އެތަންތަން ހުރީ އިންސާނީ ކަރާމާތާ އަސާސީ ހައްގުތަކަށް ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަތުމަށް އެކަށީގެންވާ ދަށް ފެންވަރެއްގައި ކަމީ އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް،" އޭނާ ވިދާޅުވި އެވެ.

ގައިދީން ބޭނުންކުރާ ތަންތަނުގެ އިތުރުން ޕްރިޒަންސް އޮފިސަރުން ބޭނުންކުރާ ވަސީލަތްތައް އިތުރަށް ތަރައްގީކުރާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ޖަލު އިމާރާތްތަކުގެ މައްސަލައިގެ އިތުރުން ކުރިން ޖަލު އޮފިސަރުން ތަމްރީނުކުރުމުގައި ހުރި ގޮންޖެހުންތަކުގެ މައްސަލަ އާއި ގައިދީންނަށް އެކަށީގެންވާ އަދަދަށް ޖަލު އޮފިސަރުން ނުތިބޭ މައްސަލަ ފާހަގަކުރައްވާފަ އެވެ.

އެކަމަކު މިހާރު އައްޑޫގައި ގާއިމުކޮށްފައިވާ ޕޮލިސް އިންސްޓިޓިއުޓުން ކަރެކްޝަންސް ހިމެނޭ ގޮތަށް ލޯ އެންފޯސްމަންޓު އިދާރާތަކަށް ބައިވެރިވެވޭގޮތަށް ކޯސްތައް ހިންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، މިހާރު ބަޖެޓު ލިބިފައިވުމާ އެކު، މި އަހަރުގެ ތެރޭގައި 180 އޮފިސަރުން ނަގަން ހަމަޖެހިފައިވާ ކަން އިމްރާން އިއުލާނުކުރެއްވި އެވެ.

މިހާރު ކަރެކްޝަންސްގެ ބެލުމުގައި ދަށުގައި 2000 އަށް ވުރެ ގިނަ ގައިދީން ތިބޭއިރު ގައިދީންގެ ކަންކަން ބަލަހައްޓަން ތިބެނީ 600 އޮފިސަރުންނެވެ. މިރޭގެ ރަސްމިއްޔާތުގައި އިތުރު 35 އޮފިސަރަކު ކަރެކްޝަންގެ ހިދުމަތާ ގުޅިފައިވާއިރު އާ އޮފިސަރުން ނެގުމުން އެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

ޖަލުތަކުގައި ހުރި ކަންކަން ކުރިޔަށް ވުރެ ރަނގަޅު ކަމަށް އިމްރާން ވިދާޅުވި ނަމަވެސް އަދިވެސް ޖަލުތަކުގައި ތިބި ގައިދީންނަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމާއި ކެއިންބުއިމުގެ ކަންކަމުގައި ކަރެކްޝަނުން އިހުމާލުވާ ކަމަށް ގައިދީން ޝަކުވާކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox