ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން ޓޭޕްބޯލް މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިއަދު ނިމުނުއިރު، ފައިނަލްގެ ޖާގަތައް މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެވިއާ މޯލްޑިވްސް އިން ހޯދައިފި އެވެ.
ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ ސެމީގައި އެއާޕޯޓް ރެކްރިއޭޝަން ކްލަބް (އޭއާރްސީ) ބައްދަލުކޮށް އެވިއާ މޯލްޑިވްސް ކާމިޔާބުކުރީ 15 ލަނޑުންނެވެ. އޭއާރްސީ އަށް ޓޮސް ދިމާވުމުން ނިންމީ ފީލްޑްކުރާށެވެ. އެވިއާ މޯލްޑިވްސް އިން ކުޅެންއަރައި އަށް އޯވަރު ހަމަވިއިރު، 169 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 34 ލަނޑު ހެދި ޖިލްވާޒް ރަސީދު އާއި 11 ބޯޅައިން 34 ލަނޑު ހެދި އަހުމަދު ޔާސީން އަދި 14 ބޯޅައިން 34 ލަނޑު ހެދި އިބްރާހިމް ރިޒާން އެެވެ.
ޖަވާބުގައި އޭއާރްސީން ކުޅެންއަރައި 8 އޯވަރުތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 154 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 23 ބޯޅައިން 72 ލަނޑު އެއްކުރި އިބްރާހިމް ނަސާތު އާއި 21 ބޯޅައިން 54 ލަނޑު ހެދި ލީމް ސަފީގު އެވެ.
ދެ ވަނަ ސެމީ ފައިނަލްގައި ވާދަކުރި ސަންކުއިލް ލިލީ އާއި އެމްއޭސީއެލް ވަނީ ސެމީއާ ހަމައަށް އައިއިރު، މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. އެމްއޭސީއެލް އަށް ޓޮސް ދިމާވުމުން ނިންމީ ފީލްޑްކުރުމަށެވެ. އޭގެ ފައިދާނަގައި އެ ޓީމުން ހަ ވިކެޓުން މެޗު ކާމިޔާބުކުރީ އެވެ.
ސަންކުއިކް ލިލީން ފުރަތަމަ ކުޅެން އަރައި 8 އޯވަރުތެރޭ 108 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 54 ލަނޑު ހެދި ހަސަން ހާޒިގު އާއި 38 ލަނޑު ހެދި ޔޫސުފް އަޒިޔާން އެވެ. ޖަވާބުގައި ކުޅެން އަރައި އެމްއޭސީއެލް އިން ވަނީ 7 އޯވަރު އެންމެ ކުޅުންތެރިއެއް ނުބައިވެގެން 112 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި އަހުމަދު އަމީލް އާއި 27 ލަނޑު އެއްކުރި އާދަމް ނާސިފު އެވެ.
އެވިއާ އާއި އެމްއޭސީއެލް ކުޅޭ ފައިނަލް އޮތީ މާދަމާ 16:30 ގަ އެވެ.












