ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތިލަފުށި ފަޅު ހިއްކައި، ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރިޔަށްގެންދަން ނިންމާފައިވާ ބޮޑު މަޝްރޫއުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އެ ކުންފުނިން ހުޅުވާލައިފި އެވެ.
އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމަށް ހުޅުވާލައި އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މޭ މަހުގެ ނުވަ ވަނަ ދުވަހުގެ 3:30 ގެ ކުރިން އެ ކުންފުންޏަށް އެކަމާ ބެހޭ ލިޔެކިޔުންތައް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ އިވެލުއޭޝަންގައި ކޮންޓްރެކްޓަރުގެ ގާބިލުކަން، މަސައްކަތް ނިންމުމަށް ހޭދަވާނެކަމަށް ބެލެވޭ މުއްދަތާއި މާލީ ގާބިލުކަމަށް ބަލާނެ ކަމަށެވެ. އަދި އެ މަޝްރޫއު އެޗްޑީސީން ތިލަފުއްޓަށް ތައްޔާރުކޮށްފައިވާ މާސްޓާޕްލޭނާއި ގުޅޭ މިންވަރަށް ވެސް އެ ކުންފުނިން ބަލާނެ ކަމަށެވެ.
އެޗްޑީސީން ތިލަފުށީގައި ކުރިޔަށްގެންދާ މަޝްރޫއަކީ އެ ރަށުގެ 160 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ކުރިޔަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއު ނިމުމުން ތިިލަފުށީގެ ސައިޒު ދެގުނައަށް ބޮޑުވާނެ އެވެ.

އެޗްޑީސީން ތިލަފުށި ތަރައްގީކުރަން ތައްޔާރުކުރި ކޮންސެޕްޓް.

ތިލަފުށީގައި އަލަށް ހިއްކާ ސަރަހައްދުތައް އެޗްޑީސީން ތަރައްގީކުރަނީ ޖުމްލަ ހަ ސަރަހައްދަކަށް ބަހާލައިގެންނެވެ. އެގޮތުން މެދު ސައިޒުގެ އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ވަކި ސަރަހައްދެއް ހާއްސަކޮށްފައިވާއިރު، ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށް ވެސް އަލަށް ބިން ހިއްކާ ސަރަހައްުދުން ބޮޑު ބިމެއް ވަނީ ހާއްސަކޮށްފަ އެވެ.
އޭގެ އިތުރުން ވެސް ދެން ބިން ހާއްސަކޮށްފައިވާ ސަރަހައްދުތަކަކީ ލުއި ސިނާއީ މަސައްކަތް ކުރިޔަށް ގެންދިޔުމަށާއި މިކްސް އޮފީސް އަދި ވިޔަފާރި ސަރަހައްދުތަކެވެ. ކުދި ސިނާއީ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ވެސް ތިލަފުށީގައި އަލަށް ބިން ހިއްކާ ސަރަހައްދުން ޖާގަ ހާއްސަކޮށްފައިވާއިރު، ބަލްކުކޮށް މުދާ ބޭލުމަށް އަދި އުޅަނދުފަހަަރު ބަނދަރުކުރުމަށް ވެސް ވަކި ސަރަހައްދެއް ވަނީ ހާއްސަކޮށްފަ އެވެ.
އޭގެ އިތުރުން ވެސް ހަމަ އެ ސަރަހައްދާއި ޖެހިގެން ގުޅިފަޅިގައި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ބައިނަލްއަގްވާމީ ބަނދަރަށް ސަޕޯޓު ދިނުމަށް ފެސިލިޓީއެއް ތަރައްގީކުރުމަށް ވެސް އެޗްޑީސީން ވަނީ ނިންމައިފަ އެވެ.
އަދި، މިހާރު ތިލަފުށީގެ ބިން އޮތް ސަރަހައްދު ކައިރިން އިތުރަށް ބިން ހިއްކައި އާންމު އުޅަނދުފަހަރު ބަނދަރުކުރުމަށް ވެސް ވަކި ޖާގައެއް ހެދުމަށް ވަނީ ނިންމައިފަ އެވެ.
އެއަށްފަހު ތިލަފުށީގައި މިހާރު މަގު ހަދާފައި އޮތް ގޮތުން ދުއްވަން ނުރައްކާތެރި ސަރަހައްދެއްގެ ޖާގަ އިތުރަށް ފުޅާކުރުމަށް ވެސް ބިން ހިއްކަން އެޗްޑީސީން ވަނީ ނިންމައިފަ އެވެ.
އެޗްޑީސީން އެ މަސައްކަތަށް ތައްޔާރުކުރި ޑިޒައިން ރިޕޯޓުގައި ބުނީ އެ މަޝްރޫއަށް ބޭނުންވާނެކަމަށް ބެލެވޭ 500،000 ކިއުބިކް މީޓަރުގެ ވެލި ހުޅުމާލެ ފޭސް 2 ގެ އެކި ސަރަހައްދުތަކުން ނަގައިގެން ބޭނުންކުރެވިދާނެ ކަމަށެވެ.
އެ މަޝްރޫއާއެކު މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ހައްލުލިބި، ޕްރައިވެޓް ސެކްޓަރަށް ވެސް އިތުރު ފުރުސަތުތަކެއް ލިބިގެެންދާނެކަމަށް އެޗްޑީސީން ބުނެ އެވެ. ގްރޭޓާ މާލެ ސަރަހައްދުގެ ހުރިހާ ރަށްތަކެއް ގުޅުވާލުމަށް ސަރުކާރުން މިހާރު އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ބްރިޖު މަޝްރޫއު ނިމުމާއެކު ސިނާއީ ގިނަ މަސައްކަތްތަކެއް ތިލަފުއްޓަށާއި ގުޅީފަޅަށް ބަދަލުކުރެވިގެންދާނެ ކަމަށް ބެލެވެ އެވެ.












