ހިޔާ މަޝްރޫއުގެ ފްލެޓްތައް ދޫކޮށްފައިވާ ފަރާތްތަކުން ދައްކަންޖެހޭ ކުލި 11 ވަނަ ޓަވަރަށް ގޮސް ދެއްކޭނެ އިންތިޒާމް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހަމަޖައްސައިފި އެވެ.
އެޗްޑީސީން ބުނި ގޮތުގައި، ހިޔާ ފްލެޓަށް ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި ޓަވަރު 11 ގައި ހިޔާ މެނޭޖްމަންޓް އޮފީހެއް ގާއިމް ކޮށްފައި ވާނެ ކަމުގަ އެވެ. އަދި ހިޔާ ސަރަހައްދުގައި ކުރިއަށްގެންދިޔަ މައުލޫމާތު ސެސަންޝަތަކަށް ބައެއް ފަރާތްތަކުން ހުރަސްއަޅަމުންދާތީ، އެ މަސަައްކަތް ވެސް 11 ވަނަ ޓަވަރުގެ އޮފީހަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
މިއަދުން ފެށިގެން ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން ފެށިގެން މެންދުރު 1:00 ޖަހަންދެން ފައިސާ ބަލައިގަތުމުގެ ހިދުމަތް ދެމުން ގެންދާނެ ކަމަށް ބުންޏެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ބޭންކް ކާޑު ނުވަތަ ޗެކުންނެވެ.
ހިޔާ ފްލެޓްތަކުގައި އުޅޭ ފަރާތްތަކުން ކޮންމެ މަހަކު 8،500 ރ. ދައްކަން ޖެހެ އެވެ. އެއީ އިންޓޯލްމެންޓަށް މަހެއްގެ މައްޗަށް ނަގާ 7،500 ރ. އާއި މެއިންޓެނަންސް ފީއެއްގެ ގޮތުގައި ނަގާ 1،000 ރ. އެވެ.
ތިން ފަހަރެއްގެ މަތިން ގްރޭސް ޕީރިއަޑް މުއްދަތު އިތުރުކުރުމަށް ފަހު، ހިޔާ ފްލެޓުގައި މީހުން ދިރިއުޅެން ފެށިތާ ހަތް މަސް ފަހުން މި އެޕްރީލް މަހުން ފެށިގެން ކުލި ނަގަން ފަށާފައިވާއިރު، ކުލި ނުނެގުމަށް ހިޔާ ޔޫނިއަންއިން ވަނީ ގޮވާލައިފަ އެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެޗްޑީސީން ވަނީ ޖޫރިމަނާއާ ނުލައި މި މަހުގެ ނިޔަލަށް ކުލި ބަލައިގަންނަން ނިންމައިފަ އެވެ. އެކަމަކު މެއި މަހުން ފެށިގެން ކޮންމެ މަހެއްގެ 10 ގެ ކުރިން ކުލި ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން އަންގާފައިވެ އެވެ.












