ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއޭއެމް) އިން ކޮންމެ ރަމަޟާން މަހަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކްރިކެޓް ކާނިވަލުގެ އޯޕަން ޓޭޕް ބޯލް މުބާރާތުގެ ދެ ވަނަ ބުރުގައި އިއްޔެ ހަވީރު ކުޅުނު މެޗުތަކުން އޭއާރްސީ އާއި އެވިއާ މޯލްޑިވްސް ރަނގަޅު މޮޅެއް ހޯދައިފި އެވެ.
ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުން ގަލޮޅު ކަންމަތި އަތުން އޭއާރްސީ މޮޅުވީ އަށް ވިކެޓުންނެވެ. ދެ ވަނަ މެޗުގައި ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް އެވިއާ ކުރި ހޯދީ ހަތް ވިކެޓުންނެވެ.
އިއްޔެގެ މެޗުގައި ޓޮސް ދިމާވުމުން ގަލޮޅު ކަންމަތިން ނިންމީ ބެޓް ކުރާށެވެ. އެ ގޮތުން އެ ޓީމުން ކުޅެން އަރައި އަށް އޯވަރު ތެރޭގައި 106 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ލަނޑު ހެދި އިސްމާއިލް އަނިލް އާއި 28 ލަނޑު އެއްކުރި މުހައްމަދު ސައީދު އެވެ. އަދި އަހުމަދު އާޒިމް ވަނީ 10 ލަނޑު އެއްކޮށްދީފަ އެވެ.
ޖަވާބުގައި އޭއާރްސީން ކުޅެން އަރައި، އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ، 107 ލަނޑު ހެދި އެވެ. އެ ޓީމުން، އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 11 ބޯޅައިން 34 ލަނޑު ހެދި ލީމް ޝަފީގާއި 13 ބޯޅައިން 24 ލަނޑު ހެދި ޒަކަރިއްޔާ އަބްދުލް ލަތީފް އެވެ.
ދެ ވަނަ މެޗުގައި ޓޮސް ދިމާވުމުން ސިފައިންގެ ޓީމުން ނިންމީ ބެޓް ކުރުމަށެވެ. ސިފައިންގެ ޓީމުން ކުޅެން އަރައި، އަށް އޯވަރު ހަމަވިއިރު ވަނީ 105 ލަނޑު ހަދައިފަ އެވެ. އެ ޓީމުގެ އަހުމަދު ތޮލްހަތު 23 ލަނޑު ހެދިއިރު، އަހުމަދު ހަސަން ވަނީ 21 ލަނޑު އެއްކޮށްފަ އެވެ. ޖަވާބުގައި އެވިއާ އިން ކުޅެން އަރައި، އަށް އޯވަރު ތެރޭ 109 ލަނޑު ހަދައި މެޗުން މޮޅުވި އެވެ. އެވިއާ ޓީމު މޮޅުވުމުގައި އެންމެ މުހިންމު ރޯލެއް ކުޅުނީ 33 ލަނޑު ހެދި މުހައްމަދު ސަހުދާނާއި 30 ލަނޑު އެއްކުރި އައިހަމް ޒިޔާދު އެވެ.
އޯޕަން ޓޭޕްބޯލް މުބާރާތުގެ ސެމީން ފުރުސަތު ހޯދާފައިވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް މޮޅުވި ދެ ޓީމު ކަމަށްވާ އެމްއޭސީއެލް އާއި ސަންކުއިކް ލިލީ އެވެ. ސެމީ އަށް ދެން ދާ ޓީމުތައް އެނގޭނީ ބާކީ މެޗުތައް ނިމުމުންނެވެ.
މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި މެރީ ކޯނާ ކުޅޭނީ ދިވެހި ސިފައިންގެ ކްލަބާ އެވެ. ދެ ވަނަ މެޗުގައި އެވިއާ އިން ގަލޮޅު ކަންމައްޗާ ބައްދަލުކުރާނެ އެވެ.












