ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އިސްތިއުނާފް ކުރަން އޮންނަ މުއްދަތު ފާއިތުވި ފަހުން މައްސަލަ ހުށަހެޅި ކަމަށް ބުނެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއް ބަންދުން ދޫކޮށްލި އަމުރުގެ މައްސަލަ ހައި ކޯޓުން ބޭރުކޮށް، ޑްރަގް ތުހުމަތުވާ މީހާ ބަންދުން ސަލާމަތް ވެއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު، ރާއްޖެ އައި ޕާކިސްތާނުގެ ދެ މީހަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދިވެއްސެއްގެ މައްސަލައެކެވެ.
އަފްޒާމް އަބްދުލް ސައްތާރު ނަމަކަށް ކިޔާ އެ މީހާ ބަންދު ކޮށްދޭން ފުލުހުން އެކި ފަހަރު މަތިން އެދުމުން ކޯޓުން ބަންދު އަމުރު ނެރެދީފައިވެ އެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު، އަނެއްކާ ވެސް ފުލުހުން ބަންދު އިތުރުކޮށްދޭން އެދުމުން ކޯޓުން އެ ފަހަރު ބަންދު އަމުރެއް ނެރެނުދިނެވެ.
ޝަރުތުތަކަކާ އެކު އޭނާ ބަންދުން ދޫކޮށްލަން ދަށު ކޯޓުން ނެރުނު އަމުރަކީ ބަންދާ މެދު ގޮތެއް ކަނޑައަޅަން ޖިނާއީ އިޖުރާއަތުގައި ބަޔާން ކުރާ މާއްދާއާއި ހިލާފަށް ނެރުނު ކަމެއް ބުނެ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފްކޮށް އެދުނީ 15 ދުވަހުގެ ބަންދު މުއްދަތެއް ދިނުމަށެވެ.
ނަމަވެސް ހައި ކޯޓުން މައްސަލަ ނިންމުމަށް ފަހު ނެރުނު ހުކުމުގައި ވަނީ ކޯޓު އަމުރު ނެރުނީ މާޗު މަހުގެ 21 ވަަނަ ދުވަހުގައި ކަމަށާއި އިސްތިއުނާފް ކުރީ މާޗު މަހުގެ 24 ވަނަ ދުވަހު ކަމުން އެއީ އިސްތިއުނާފް މުއްދަތަކަށް އޮންނަ 48 ގަޑިއިރު ފާއިތުވި ފަހުން ހުށަހެޅި މައްސަލައެއް ކަމުގަ އެވެ.

އިސްތިއުނާފީ މުއްދަތު ގުނުމުގައި ހައި ކޯޓުން ވަނީ އެންމެ ފަހުން ކޯޓުން އެފަދަ ގޮތަކަށް ކޯޓުން ބޭރުކޮށްލި މައްސަލައެއް ކަމުގައިވާ އަހްމަދު މޫސާ (އަންމަޓީ) ގެ މައްސަލާގައި ނެރުނު އަމުރު ވެސް ފާހަގަ ކޮށްފަ އެވެ. އެ ގޮތުން އެ ގަޑި ގުނާނީ ދަށު ކޯޓުގެ އަމުރު ނެރޭތާ ހުއްޓުމެއް ނެތި 48 ގަޑިއިރު ގުނައިގެން ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޝަރީއަތް ކުރުމުގެ އިޖުރާއަތްތަކުގެ ގަވާއިދުގައި އެ މުއްދަތު ގުނުމުގައި އަމުރު ނެރޭ ދުވަހާއި އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވާ ދުވަސް ނުގުނަން އޮތުމުން ވެސް ބެލެވޭނީ ހުއްޓުމެއް ނެތި ރަސްމީ ދުވަސްތައް ހިމެނޭ 48 ގަޑިއިރު ކަމަށެވެ. އެހެންވެ މުއްދަތު ހަމަވާ ދުވަހުގައި މައްސަލަ ހުށަހެޅުމުން އެ އޮތީ ވަގުތު ފާއިތުވެފައި ކަމުގަ އެވެ.
އެހެންވެ ހައި ކޯޓުގައި އެ މައްސަލަ އިޖުރާއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވެ އެވެ. ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި، ފަނޑިޔާރު ފާތިމަތު ފަރްހީޒާ އާއި، ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.












