މެޑްރިޑް (އޭޕްރީލް 9) - ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް މިރޭ ކުޅުނު މެޗުން މަޔޯކާ އަތުން 1-0 އިން ބަލިވިއިރު، ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑުން 2-0 އިން ގެޓަފޭ ބަލިކޮށް ހަމަޖެހިލައިފި އެވެ.
ލީގުގެ ފަހު ހަތް މެޗަށް ރެއާލް ނުކުންނައިރު، މި ވަގުުތު އެ ޓީމުން އެއް ވަނައިގައި އޮތީ 12 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ރެއާލް އެއް ވަނައިގައި އޮތީ 31 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ރޭ ގްރަނާޑާ އަތުން މޮޅުވި ސެވިއްޔާ އެވެ. ސެވިއްޔާ އަށް ވަނީ 31 މެޗުން 60 ޕޮއިންޓް ލިބިފަ އެެވެ. ތިން ވަނައިގައި އޮތް ބާސެލޯނާގެ ދެ މެޗު މަދެވެ. ބާސެލޯނާ މި ވަގުުތު ތިން ވަނައިގައި އޮތީ 29 މެޗުން 57 ޕޮއިންޓާ އެކު އެވެ. މެޗު ހަމަކުރާއިރު، ބާސެލޯނާ އަށް ރެއާލާ ނުވަ ޕޮއިންޓަށް ގާތަށް ޖެހިލެވޭނެ އެވެ.
ބާސެލޯނާ އިން މާދަމާރޭ ރަށުންބޭރުގައި ލެވަންޓޭއާ ކުޅޭނެ އެވެ.
އެތުލެޓިކޯ މިރޭ ބަލިވެ، ހަތަރު ވަނައިގައި އޮތީ 31 މެޗުން 57 ޕޮއިންޓާ އެކު އެވެ. ކަޑީޒް އަތުން 2-1 އިން މޮޅުވި ރެއާލް ބެޓިސް ފަސް ވަަނައިގައި އޮތީ 31 މެޗުން 56 ޕޮއިންޓާ އެކު އެވެ.
ރެއާލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ކޮންމެ ހާފެއްގައި ގޯލެއް ޖަހައިފަ އެވެ. ފުރަތަމަ ހާފުގައި ރެއާލަށް ލީޑުނަގައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އެވެ. މެޗުގެ 38 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ނެގި ހުރަހަކުން އޭރިއާތެރެއިން ކަސެމީރޯ ބޮލުން މި ގޯލު ޖެހީ ހަމަޖެހިލާފައި ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި މި ހަފްތާގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު އޮތުުމުން ރެއާލުން މިރޭގެ މެޗުގައި ޓޯނީ ކްރޫސް އާއި ލޫކަ މޮޑްރިޗް ނުކުޅުވަ އެވެ. ގެޓަފޭ އިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނު މިރޭގެ މެޗުގައި ރެއާލުން ދެ ވަނަ ގޯލު ޖެހީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. ރޮޑްރީގޯ އާއި ލޫކަސް ވަޒްކޭޒްގެ ރަނގަޅު ކޮމްބިނޭޝަނެއް ފެނިގެންދިޔަ އެޓޭކުގައި، ވަޒްކޭޒް ވަނީ އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ރެއާލްގެ ތަރި ކަރިމް ބެންޒެމާ ފޮނުވާލި ގިނަ ހަމަލާތަކެއް ގެޓަފޭ ޑިފެންޑަރުން ބްލޮކްކުރިއިރު، ބަދަލަކަށް ކުޅެން އަރައި ގަރެތު ބޭލް އޭރިއާބޭރުން ޖެހި ބޯޅަ ގެޓަފޭ ކީޕަރު ޑޭވިޑް ސޮރިއާ ވަނީ މަތަކޮށްފަ އެވެ. ގެޓަފޭ އިން ކައުންޓަ އެޓޭކުގައި ރެއާލަށް ނުރައްކާ ކުރެވޭތޯ ބެލިއިރު، މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ފޯވާޑް އެނެސް އުނިއާލް ޖެހި ބޯޅަ ބޭރުވީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ.
ލީގުގެ 17 ވަނައިގައި އޮތް މަޔޯކާ އިން އަމިއްލަ ދަނޑުގައި އެތުލެޓިކޯ ބަލިކުރިއިރު، ގޯލު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. މެޗުގެ 68 ވަނަ މިނިޓްގައި މަޔޯކާގެ ޕެނަލްޓީ ކާމިޔާބުކުރީ ވެދާތު މުރީގީ އެވެ. ޖެހިޖެހިގެން ހަތް މެޗުން ބަލިވެގެން މިރޭގެ މެޗަށް ނުކުތް، މަޔޯކާ އިން އެތުލެޓިކޯ އަތުން ވަނީ ސީޒަނުގެ ކުރީކޮޅުގައި ވެސް މޮޅުވެފަ އެވެ.












