މިއުނިކް (އޭޕްރީލް 9) - ޖަރުމަނު ބުންޑަސްލީގާގެ އެއް ވަނައިގައި އޮތް ބަޔާން މިއުނިކުން މިރޭ ކުޅުނު މެޗުގައި އެ ޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ޖެހި ޕެނަލްޓީން 1-0 އިން އޮއުގްސްބާގް ބަލިކޮށްފި އެވެ.
މި ނަތީޖާއާ އެކު ބަޔާނުން ވަނީ އެއް ވަނައިގައި ލީޑު ދަމަހައްޓައިފަ އެވެ. ހުކުރު ދުވަހުގެރޭ ސްޓުޓްގާޓް އަތުން ބޮރޫޝިއާ ޑޯޓްމަންޑް 2-0 އިން މޮޅުވުމުން މިރޭގެ މެޗަށް ބަޔާން ނުކުތްއިރު، އެ ޓީމުގެ ލީޑު އޮތީ ހަ ޕޮއިންޓަށް ކުޑަވެފަ އެވެ.
ބަޔާނުން މިރޭ ހޯދި މޮޅާ އެކު އަލުން އެއް ވަނައިގައި ނުވަ ޕޮއިންޓަށް ލީޑުފުޅާކުރީ އެވެ. ބަޔާނަށް 29 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޑޯޓްމަންޑްގެ އޮތީ 29 މެޗުން 60 ޕޮއިންޓެވެ.
މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރަށުންބޭރުގައި ވިޔަރެއާލް އަތުން ބަޔާން ވަނީ 1-0 އިން ބަލިވެފަ އެވެ. އެ މެޗުން ނުކުތް ނަތީޖާގެ މާޔޫސްކަމުން އަރަައިގަންނަން މިރޭ ބަޔާނުން ކުރަން ޖެހުނީ އުނދަގޫ މަސައްކަތެކެވެ.
ބަޔާނުން ކެނޑިނޭޅި ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތުގައި އަލިމަގެއް ފެނުނީ 82 ވަނަ މިނިޓްގަ އެވެ. އޮއުގްސްބާގްގެ ރީސް އޮކްސްފޯޑް އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީ ލެވަންޑޯސްކީ ވަނީ ގޯލަށް ވައްދާލައިފަ އެވެ. ފީފާ އިން ދޭ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު މިދިޔަ ދެ އަހަރު ހޯދި ލެވަންޑޯސްކީ، މި ސީޒަނުގައި މިހާތަނަށް ކުޅުނު 40 މެޗުން ވަނީ 46 ގޯލު ޖަަހައިފަ އެވެ. އޭގެ ތެރެއިން 32 ގޯލަކީ ލީގުގައި ޖެހި ގޯލުގެ އަދަދެވެ.
މުޅި މެޗަށް ބަލާއިރު އޮއުގްސްބާގުން ވަރަށް ރަނގަޅަށް ޑިފެންސް ކޮށްގެން ކުޅުނު މި މެޗުގައި ބަޔާނަށް މާ ގިނަ ހުސް ފުރުސަތެއް ތަނަވަސް ނުކުރެވުނެވެ. ޖުމްލަކޮށް މުޅި މެޗުގައި ވެސް ލެވަންޑޯސްކީގެ ބޭނުން ހިފޭ ވަރަށް ބަޔާނަށް ކުރިއަށް ބޯޅަތަކެއް ނުކުޅެވުނެވެ. ކައުންޓަ އެޓޭކުގައި އޮއުގްސްބާގުން ވެސް ގޯލެއް ޖެހޭތޯ ބަލަމުންދިޔައިރު، އެ ޓީމުގެ ރުބެން ވާގާސް ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާނަމަ މި ހަފްތާގައި ބަޔާން ދަނޑުގައި ކުޅޭ ލެގުން އެ ޓީމު މޮޅުވާން ޖެހޭނެ އެވެ. ބަޔާން ދަނޑުގައި އެއްވަރުކޮށްލައިގެން ވެސް ވިޔަރެއާލަށް ސެމީގެ ޖާގަ ހޯދިދާނެ އެވެ.
މިރޭގެ މެޗަށް ފަހު ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ޕްރެޝަރުގައި ކުޅޭއިރު، ބަޔާނަށް ގޯސްތަކެއް އެބަހެދޭ ކަމަށެވެ. އަދި ސީޒަނުގައި ކުރިއަށް ހުރީ އިތުރަށް ޕްރެޝަރު ބޮޑުވާނެ މެޗުތަކެއް ކަމަށްވާއިރު، ކޮންފިޑެންސާ އެކު މެޗުތަކަށް ނުކުތުން މުހިންމު ކަމަށް ނާގަލްސްމަން ދިން އިންޓަވިއުގައި އަލިއަޅުވާލި އެވެ.












