ބާމިންހަމް (އޭޕްރީލް 9) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އަތުން 2-1 އިން އާސެނަލް ބަލިވުމުގެ ފައިދާ ޓޮޓެންހަމް ހޮޓްސްޕާސް އިން ނަގައިފި އެވެ.
ސޮން ހެއުން މިންގެ ހެޓްރިކާ އެކު ޓޮޓެންހަމުން ރަށުންބޭރުގައި 4-0 އިން އެސްޓަން ވިލާ ބަލިކޮށް ވަނީ ހަތަރު ވަނައިގައި ލީޑު ނަގައިފަ އެވެ.
އެންމެ ފަހުން ކުޅުނު ދެ މެޗުން އަމިއްލަ ދަނޑުގައި ބަލިވި ޗެލްސީ މިރޭ ވަނީ ރަށުންބޭރުގައި 6-0 އިން ސައުތެމްޓަން ބަލިކޮށް ހިތްހަމަޖެހުމެއް ހޯދައިފަ އެވެ. ޗެލްސީ ތިން ވަނައިގައި އޮތީ 30 މެޗުން 62 ޕޮއިންޓާ އެކު އެވެ. ޓޮޓެންހަމް ހަތަރެއްގައި އޮތީ 31 މެޗުން 57 ޕޮއިންޓާ އެކު އެވެ. އާސެނަލް ފަސް ވަނައިގައި އޮތީ 30 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާއި ހަތް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 31 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ.
ސަތާރަ ވަނައިގައި އޮތް އެވަޓަން އަތުން މިރޭ ޔުނައިޓެޑް ބަލިވީ 1-0 އިންނެވެ.
އާސެނަލުން މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރަނގަޅަށް ފެށި ނަމަވެސް ގޯލެއް ނުޖެހުނެވެ. ކައުންޓަ އެޓޭކުގައި ލީޑުނެގީ ބްރައިޓަން އިންނެވެ. މެޗުގެ 28 ވަނަ މިނިޓްގައި ބްރައިޓަންގެ ގޯލު ޖެހީ ލެއަންޑްރޯ ޓްރޮސާޑް އެވެ. އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލްގެ ބްރެޒިލް ތަރި ގަބްރިއެލް މާޓިނެލީ ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްދީފަ އެވެ. އެކަމަކު، މާޓިނެލީ އެ ގޯލު ޖެހިއިރު، އެ ލަނޑު ބަލައިނުގަންނަން ނިންމީ ގިނައިރުތަކެއް ވަންދެން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މެޗުގެ 66 ވަނަ މިނިޓްގައި ބްރައިޓަންގެ އީނޮކް އެމްވޭޕޫ ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ. މެޗުގައި އާސެނަލުން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ހުއްޓަ އެވެ. މި ގޯލު ޖެހީ ނޯވޭގެ މިޑްފީލްޑަރު މާޓިން އޮޑެގާޑް އެވެ. އޭގެ ފަހުން އިތުރު ވަގުތާ އެއްކޮށް އާސެނަލުން ލަނޑެއް ޖެހޭތޯ ކުރިއަށް ޖެހިގެން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ބްރައިޓަން ކޮޅަށް އާސެނަލްގެ މާޓިނެލީ ގޯލު ޖަަހަނީ: މި ގޯލު ބަލައިނުގަންނަން ނިންމީ ވީއޭއާރް އިން ބަލާފައި.
ވިލާ ޕާކުގައި މިރޭ ކުޅުނު މެޗުގައި ޓޮޓެންހަމުން ލީޑުނެގީ ތިން ވަނަ މިނިޓްގައި ސޮން ޖެހި ގޯލުންނެެވެ. ފުރަތަމަ ހާފުގައި ޓޮޓެންހަމަށް އިތުރު ގޯލެއް ޖެހޭގޮތެއްނުވި އެވެ. އެސްޓަން ވިލާ އިން ގޯލެއް ޖެހޭތޯ ވަރަށް މަސައްކަތްކުރި ނަމަވެސް ގޯލްކީޕަރު، ހޫގޯ ލޮރީސް ހުރި ޓޮޓެންހަމް ކައިރިން ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. ފުރަތަމަ ހާފުގައި އެކަނި ވެސް ލޮރިސް ވަނީ ހަތް ބޯޅަ ހުއްޓުވައިފަ އެވެ.
ކޭން ދިން ބޯޅައަކުން ދެ ވަނަ ހާފް ފެށިގެން ފަސް މިނިޓް ތެރޭ ޓޮޓެންހަމުން ލީޑުފުޅާކުރި އެވެ. މި ގޯލު ޖެހީ ސްވިޑެންގެ ވިންގް، ޑޭޖާން ކުލުސެވްސްކީ އެވެ. އޭގެ ފަހުން ވެސް ޓޮޓެންހަމުން އެޓޭކްތައް ރަނގަޅުކޮށް އިތުރު ދެ ގޯލު ޖެހި އެވެ. މި ދެ ގޯލާ އެކު ސޮން ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ ސޮން ޕްރިމިއާ ލީގުގައި ހެދި ދެ ވަނަ ހެޓްރިކް އެވެ. ފުރަތަމަ ހެޓްރިކަކީ 2020 ވަނަ އަހަރު ސެޕްޓެމްބަރު މަހު ސައުތެމްޓަން ކޮޅަށް ހެދި ހެޓްރިކް އެވެ. އެ ފަހަރު އޭނާ ހަތަރު ގޯލު ޖެހި އެވެ.
މި ފަހަރު ލީގުގައި ސޮން ވަނީ 17 ގޯލު ޖަހައިފަ އެވެ. އެއީ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ލިވަޕޫލްގެ މުހައްމަދު ސަލާހް (20 ގޯލު) އަށް ވުރެ ތިން ގޯލު މަދުންނެވެ. ޕެނަލްޓީ ނޫން ގޯލަށް ބަލާނަމަ ސޮން އަށް ވުރެ ސަލާހުގެ ގޯލު މަދުވާނެ އެވެ. ސަލާހު ވަނީ ފަސް ޕެނަލްޓީ ޖަހައިފަ އެވެ.

ޗެލްސީގެ ވާނާ (ކ) ސައުތެމްޓަންގެ ގޯލްކީޕަރު ފޮސްޓާ ކައިރިން ނައްޓާފައި ގޯލަށް ބޯޅަ ފޮނުވާލަނީ.
ސައުތެމްޓަން ދަނޑުގައި ޗެލްސީން ފުރަތަމަ ހާފު ނިންމާލީ ވެސް ހަތަރު ގޯލުގެ ލީޑަކާ އެކު އެވެ. މެޗުގެ އަށް ވަނަ މިނިޓްގައި މާކޯސް އަލޮންސޯ ޗެލްސީގެ ފުރަތަމަ ގޯލު ޖެހިއިރު، އޭރިއާބޭރުން މެޗުގެ 16 ވަނަ މިނިޓްގައި މޭސަން މައުންޓް ޖެހި ގޯލުން ލީޑުފުޅާކުރި އެވެ. މެޗުގެ 21 ވަނަ މިނިޓްގައި ސައުތެމްޓަންގެ ކީޕަރު ފްރޭޒާ ފޮސްޓާ ކައިރިން ނައްޓާފައި ޓީމޯ ވާނާ ވަނީ ޗެލްސީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އަދި މެޗުގެ 31 ވަނަ މިނިޓްގައި ވާނާ ޖެހި ޝޮޓެއް ދަނޑީގައި ޖެހިފައި އައި ވަގުތު ކައި ހަވާޓްޒް ވަނީ ގޯލަށް ބޯޅަ ފޮނުވާލައި ޗެލްސީގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. ވާނާ މި މެޗުގައި ގޯލު ޖަހަން ފޮނުވާލި ބޯޅަތަކެއް ވަނީ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފަ އެވެ.
ދެ ވަނަ ހާފް ފެށިގެން ފުރަަތަމަ ނުވަ މިނިޓް ތެރޭ މައުންޓާއި ވާނާ ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެެވެ. އޭގެ ފަހުން ޗެލްސީ އަށް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ.
އެންމެ ފަހުން ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުންނާއި ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަތުން ޗެލްސީ ބަލިވީ އަމިއްލަ ދަނޑުގަ އެވެ. މިރޭ، ރަށުންބޭރުގައި ސައުތެމްޓަން އަތުން މޮޅުވިއިރު، މިއީ ޗެލްސީގެ ތާރީހުގައި ހަދާފައިވާ ރެކޯޑަކާ ހަމަކުރި މެޗެކެވެ. ޗެލްސީން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރަށުންބޭރުގައި ޖެހިޖެހިގެން ކުޅުނު ހަތް މެޗުން މޮޅުވެފަ އެވެ. އެއީ 1989 ވަނަ އަހަރާއި 2019 ވަނަ އަހަރު އެވެ. އެ ރެކޯޑް މުގުރާލަން ޗެލްސީ ޖެހޭނީ މި ހަފްތާގައި ރެއާލް މެޑްރިޑް ދަނޑުގައި މޮޅުވާށެވެ.












