ރަށު ނޯޓު: ޅ. ނައިފަރު

ޅ. އަތޮޅުގެ ވެރިކަންކުރާ ރަށް ނައިފަރު: 15 ހެކްޓަރުގެ މި ރަށް އެކި ފަހަރުމަތިން ބިން ހިއްކައި، މިހާރު ވަނީ 55 ހެކްޓަރަށް ބޮޑުކޮށްފައި. -- ފޮޓޯ: ހަސަން އިސްމާއިލް

ޅ. އަތޮޅުގެ ވެރިކަންކުރާ ރަށް ނައިފަރު: 15 ހެކްޓަރުގެ މި ރަށް އެކި ފަހަރުމަތިން ބިން ހިއްކައި، މިހާރު ވަނީ 55 ހެކްޓަރަށް ބޮޑުކޮށްފައި. -- ފޮޓޯ: ހަސަން އިސްމާއިލް

ދިވެހިރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން ފާދިއްޕޮޅު އަތޮޅުވެރިކަން ކުރާ ނައިފަރު ވެސް އުފެދިފައި އޮތީ މުރަކައިގެ ދޮންވެލިންނެވެ. ބޮޑުމިނުގައި މިހާރު 55 ހެކްޓަރު ހުރި މިރަށުގެ ގުދުރަތީ ގޮތުން ހިކިފައި އޮތް ބިމުގެ ބޮޑުމިނުގައި ހުރީ 15 ހެކްޓަރެވެ.

ނައިފަރުގެ ބިމުގެ ބޮޑުމިނުގައި 55 ހެކްޓަރު ހަމަވީ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި އެކި ފަހަރު މަތިން ބިން ހިއްކުމުގެ ސަބަބުންނެވެ. އެންމެ ފުރަތަމަ ބިން ހިއްކަމުން ދިޔައީ ރަށުގެ ރަށްވެހިން އަމިއްލަ އަށެވެ. ތިލަ ފަޅަށް ފަސް އަޅައިގެންނެވެ. ރަސްމީ ގޮތުން، ސަރުކާރުގެ ފަރާތުން ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދިޔައީ 1991 ވަނަ އަހަރު އެވެ. ނައިފަރުގެ ފަޅު ފުންކުރުމުގެ މަސައްކަތް ކުރިއިރު ނެގި ފަސް އަޅައިގެން ރަށުގެ އެކި ދިމާލުން ބައިތަކެއް އިތުރުކުރެވުނެވެ. އެފަހަރު އަލަށް ހިއްކި 7 ހެކްޓަރާއެކު ރަށުގެ ބޮޑުމިން 22 ހެކްޓަރަށް ބޮޑުވެއްޖެ އެވެ. އޭގެ ފަހުން 2003 ވަނަ އަހަރު އިފްތިތާހު ކުރެވުނު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ނައިފަރުގެ ބިމަށް 27 ހެކްޓަރު އިތުރުކުރެވުނެވެ. ދެން އެފަދަ މަޝްރޫއުއެއް ކުރިއަށް ގެންދެވުނީ 2012 ވަނަ އަހަރު އެވެ. ރަށުގެ އައު ބަނދަރު ހެދުމާއި، ކުރީގެ ބަނދަރުގެ އެއްގަމު ތޮށި ބޭރަށް ޖެއްސުމުން މިހާރު ރަށުގެ ބޮޑުމިނަކީ 55 ހެކްޓަރެވެ. ނައިފަރަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ޖީ-2 އެވެ.

ރާއްޖޭގެ އާންމު ރަށްރަށުގެ އާބާދީއާ އަޅާބަލާއިރު ނައިފަރުގެ އާބާދީ ބޮޑެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު ރަށުގެ އާބާދީއަކީ 5،693 އެވެ. އެއީ 2،746 އަންހެނުންނާއި 2،947 ފިރިހެނުންނެވެ. 1985 ވަނަ އަހަރަށް ބަލާއިރުވެސް ނައިފަރުގެ އާބާދީ އުޅެނީ 1،348 އަންހެނުންނާއި 1،424 ފިރިހެނުންނާއެކު ޖުމުލަ 2،772 ގަ އެވެ. މިއީ އޭރުގެ ނިސްބަތުން ބަލާއިރުވެސް ވަރަށް ބޮޑު އާބާދީއެކެވެ.

Advertisement

ނައިފަރު
ނައިފަރު

ނައިފަރު: މިއީ މުރާލި ރައްޔިތެއް ދިރިއުޅޭ ރަށެއް

މުރާލި ރައްޔިތެއް ދިރިއުޅޭ މިރަށުގައި އާމްދަނީ ހޯދުމަށް ކޮށްއުޅޭ މަސައްކަތްތައް ގިނަ އެވެ. ގެދޮރު އިމާރާތްކުރުމުގެ މަސައްކަތާއި މަސްވެރިކަމާއި އަމިއްލަ ވިޔަފާރިއަކީ މައިގަނޑު މަސައްކަތްތަކެވެ. އަތޮޅު ވެރިކަން ކުރާ ރަށަށް ވުމުން ސަރުކާރުގެ ގިނަ އޮފީސްތައް މިރަށުގައި ހުންނާތީ އުފެދިފައި ހުރި ވަޒީފާތަކަކީވެސް ރަށަށް ވަންނަ އާމްދަނީ އެވެ. ޕޮލިސް ބިލްޑިން، މަލްޓިޕާޕަސް ބިލްޑިން، ފަޔަ ބިލްޑިން، ފެމެލީ ސާވިސް ސެންޓަރު، ދަނާލު، ބޭންކް، ކޮމިޔުނިޓީ ސެންޓަރު ފަދަ ކޮންމެ ތަނަކީވެސް މިރަށުގައި އުފެދުނު ވަޒީފާގެ ފުރުސަތުތަކެކެވެ.

ހެޔޮވަރުގެ އާބާދީއެއް އޮތުމުން އިގްތިސާދީ ގިނަ މަސައްކަތަކަށް މިރަށުގައި އޮތީ މަގު ހުޅުވިފަ އެވެ. ހެދިކާ ހެދުމާއި، ކޭކު އެޅުމާއި ފެހުން ފަދަ މަސައްކަތްތަކަކީ ރަށު ތެރޭގައި ހިންގޭ ކުދި ވިޔަފާރިތަކެވެ. ރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ރިސޯޓުތަކުގައި ވެސް ވަޒީފާ އަދާކުރެ އެވެ.

އާންމު ވިޔަފާރީގެ 90 އަށްވުރެ ގިނަ ފިހާރަ މިރަށުގައި ހިންގަ އެވެ. މި ފިހާރަތަކުން އެކި ބާވަތްތަކުގެ މުދާ ވިއްކަން ހުންނައިރު ރަށުގައި ދިރިއުޅޭ އާބާދީއާއި، އެކި ބޭނުންތަކަށް ރަށަށް ޒިޔާރަތްކުރާ މީހުންގެ ފަރާތުން ލިބޭ ވިޔަފާރިން މި ފިހާރަތަކަށް އެކަށީގެންވާ އާމްދަނީއެއް ލިބޭ ކަމަށް ރަށުން ވާހަކަ ދެއްކި މީހުން ބުނެ އެވެ. ރަށުގެ ފިހާރަތަކުގެ އިޝްތިހާރުތައް ސޯޝަލް މީޑިއާއިން ވެސް ފެނެ އެވެ. މިއީ ރަށު ތެރޭގައި އޮތް ވިޔަފާރީގެ ދުޅަހެޔޮ ވާދަވެރިކަން ދައްކުވައިދޭ ކަމެކެވެ.

ނައިފަރުގައި ކާބޯތަކެތީގެ ހިދުމަތް ދޭ 12 ތަނެއް ހިންގާއިރު، މުޅި ރަށުގައި މިވަގުތު ހިންގަނީ ދެ ގެސްޓްހައުސް ކެވެ. އެހެން ނަމަވެސް މިވަގުތު ވެސް އިތުރު ގެސްޓްހައުސްތަކެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެކި ފަހަރުމަތިން ބިން ހިއްކައި، 15 ހެކްޓަރުން 55 ހެކްޓަރަށް ބޮޑުކޮށްފައި އޮތް ނައިފަރަށް އަދިވެސް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ބިމުގެ ދަތިކަމެވެ. އަލަށް ގޯތި ދޫކުރާކަށް ނައިފަރުގައި ބިމެއް ނެތެވެ. އެހެން ނަމަވެސް ގޯތި ދޭންޖެހޭ ބޮޑު އާބާދީއެއް މިރަށުގައި އެބައޮތެވެ.

ސަރުކާރުން 2021 ވަނަ އަހަރު ނައިފަރުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓަކީ ނައިފަރުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލިބުނު ކުޑަކުޑަ ހައްލެކެވެ. މައްސަލަ އެކީއެކަށް ހައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ގިނަ އެވެ.

ނައިފަރުގައި ފެނާއި ނަރުދަމާގެ މަސައްކަތް މީގެ ހަ އަހަރު ކުރިން ފެށުނު ނަމަވެސް އަދި މިހާތަނަށް މަސައްކަތް ނިމިފައެއް ނުވެ އެވެ. ފާދިއްޕޮޅު ކައުންސިލްގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، ރަށުގައި ސަރުކާރުގެ ފަރާތުން ނަރުދަމާގެ ނިޒާމެއް ގާއިމުކޮށްދީފައި ނުވި ނަމަވެސް، އަމިއްލަ ފަރުދުން އިސްނަގައިގެން ރަށުގެ އެކި ސަރަހައްދުތަކުގައި ފާހާނާ ލައިންތައް އަޅާފައިވާތީ ރަށުގެ އެއްވެސް ގޭބިސީއަކުން ރަށުގެ ބިމަށް ނަޖިސް ހިންދަމުން ނުދެ އެވެ.

ނައިފަރުގައި ބަނދަރު ހެދުމާއި، ބަނދަރުގެ ބޭރުތޮށިލުމުގެ މަޝްރޫއު އާއި ކައުންސިލްގެ އޮފީސް އިމާރާތްކުރުމާއި، ފުރަތަމަ ފިޔަވަހީގެ 100 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަޝްރޫއު އޮތީ ކާމިޔާބުކަމާއެކު ނިންމާލެވިފަ އެވެ. މިހާރު މިރަށުގައި ހިނގަމުންދާ މަޝްރޫއުތަކަށް ބަލާއިރު ޒުވާނުންގެ މަރުކަޒު ގާއިމުކުރުމާއި، ޕޮލިސް އެކަމަޑޭޝަން އިމާރާތްކުރުމާއި ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ސަޕްލައި ކުރުމުގެ މަޝްރޫއު އޮތީ ބިޑަށް ހުޅުވާލާފަ އެވެ. ދަތުރުފަތުރުގެ މުހިންމު މަންޒިލަކަށްވާތީ ފެރީ ޓާމިނަލެއްގެ މަޝްރޫއު ވެސް އޮތީ ޕްލޭންކުރެވިފަ އެވެ. މިރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން އެންމެ މުހިންމު މަޝްރޫއުއަކަށް ވާނީ މެރީނާ އަދި ޔޮޓިން ފެސިލިޓީސް ގާއިމުކުރުމުގެ މަޝްރޫއު އެވެ. މިއީ ޕްލޭން ކުރެވިފައިވާ ގޮތަށް ކުރިއަށް ގޮސްފިނަމަ މިރަށުގެ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނޭ މަޝްރޫއުއެކެވެ.

މިރަށުގައި އާސާރީ ތަނެއް ނެތެވެ. ދޮންވެލި ތުނޑިއާއި މޫދުވެސް ރާއްޖޭގެ އެހެން ރަށްރަށާ އެއްގޮތެވެ. އެހެންވީއިރު މިރަށުގައި އޮތް ހާއްސަ ކަމަކީ ކޮބައިތޯ ސުވާލުކުރާށެވެ. އަހަރެން ބެލިއިރު އެއީ މިރަށުގެ ރައްޔިތުންގެ މުރާލިކަމާއި ހެޔޮކަމެވެ. މިވާހަކަތައް އަޑުއަހާށެވެ.

ފާދިއްޕޮޅު އަތޮޅުކައުންސިލްގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި އެންމެފުރަތަމަ އިންޖީނު އަޅައިގެން ދުއްވާފައިވަނީ، ނައިފަރު ކާންނާ ކަލޭފާނުގެ “ރިތްމަސް” ކިޔާ އޮޑީގައެވެ. މި އޮޑީގައި އިންޖީނު އަޅައިދެއްވި ފަންނާނަކީ، ހ. ހިކަރީ އަހުމަދު އާދަމް އެވެ. ރާއްޖެތެރޭގައި އެންމެ ފުރަތަމަ ރޭޑިއޯ ފްރެކުއެންސީ ބޭނުންކޮށްގެން ބޭރު ރަށްރަށާއި މުއާމަލާތު ކޮށްފައިވަނީ ޅ.ނައިފަރުގަ އެވެ. ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތް އެންމެ ފުރަތަމަ ދޭންފެށިފައި ވަނީ، ޅ.ނައިފަރުގަ އެވެ. މި ހިދުމަތް ނައިފަރުގައި ދޭންފެށިއިރު، ޓީވީއެމް ފިޔަވައި އެހެން ޗެނަލްތައް މާލޭގައިވެސް ބަލައި އުޅުނީ ސެޓްލައިޓް ޑިޝްއެންޓަނާ ގަނެވޭފަދަ ފުދުންތެރިން އެކަންޏެވެ. ޓީވީ ކޭބަލް ތެރެއިން، އިންޓަރނެޓްގެ ހިދުމަތް ގޭބިސީތަކަށް އެންމެ ފުރަތަމަ ދޭން ފެށިފައިވަނީވެސް ޅ.ނައިފަރުގަ އެވެ.

ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު ރަށުގެ އާބާދީއަކީ 5،693 އެވެ. އެއީ 2،746 އަންހެނުންނާއި 2،947 ފިރިހެނުން
ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު ރަށުގެ އާބާދީއަކީ 5،693 އެވެ. އެއީ 2،746 އަންހެނުންނާއި 2،947 ފިރިހެނުން

ނައިފަރުގެ މިހާރުގެ އާބާދީއަކީ 5،693 އެވެ. އެއީ 2،746 އަންހެނުންނާއި 2،947 ފިރިހެނުން.

ނައިފަރުގެ ވާހަކަ ދައްކާއިރު މަދަރުސަތުލް އިފްތިތާހުގެ ވާހަކަ ނުދައްކާ ނިންމައެއް ނުލެވޭނެ އެވެ. ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ސުކޫލުތަކުގެ ތެރޭގައި ހިމެނޭ މި ސުކޫލަށް މިހާރު 89 އަހަރު ވެއްޖެ އެވެ. އެއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި އެޅި ފުރަތަމަ ސްކޫލެވެ. ނައިފަރަކީ، ދިވެހި ބޭހަށް އެންމެ މޮޅު ހަކީމުންގެތެރޭގައި ހިމެނުނު، މަރުހޫމް އަބްދުލްހަކީމް ކާންނާ ކަލޭފާނުގެ އުފަން ރަށެވެ. ރާއްޖޭގެ ކަންކޮޅުތަކުން، ބޮޑެތި ބަލިތަކުގައި ފަރުވާކުރުމަށް ކަލޭފާނުގެ ހަޔާތްޕުޅުގައި، ނައިފަރަށް އައިސްފައިވެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ސިއްހީ މަރުކަޒެއް ގާއިމްކޮށްފައިވަނީ ޅ.ނައިފަރުގަ އެވެ. މިމަރުކަޒު މިހާރުވަނީ ޒަމާނީ އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކުރެވިފަ އެވެ. އަތޮޅު ހޮސްޕިޓަލެއް ކަމުގައިވީ ނަމަވެސް ކައިރި އެހެން އަތޮޅުތަކުގެ މީހުން ވެސް މި ހޮސްޕިޓަލުން ހިދުމަތް ހޯދަ އެވެ.

ނައިފަރަކީ މިހާރުވެސް ރާއްޖޭގެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްލަން ޒިޔާރަތްކުރާ ރަށެކެވެ. އިހުގައި އުތުރުން މާލެ އަންނަ އޮޑިފަހަރު ބަނދަރުކުރާ އެއް މަންޒިލަކީ ނައިފަރެވެ. ރަށްވެހީންގެ ހެޔޮކަމާއި، މެހެމާންދާރީގެ ދިގު ސަގާފަތު ފެށިފައި އޮތީ އެ ހިސާބުން ކަމަށް ނައިފަރުން ވާހަކަ ދެއްކި މީހުން ބުނެ އެވެ. މެހެމާންދާރީ އާއި ހިތްހެޔޮކަމުގެ އެ އާދަ ނައިފަރުގައި އަދިވެސް އެގޮތުގައި އެބަ އޮތެވެ. ރަށުން ބޭރުން ފައިބައިހުރި ދަތުރުވެރި މެހެމާނެއްކަން ފާހަގަވެއްޖެނަމަ 'ސޭބޯލަން' ނޫނީ 'ދުފޭލަން' ދައުވަތު ނުލިބޭނޭ ގެއެއް ނައިފަރުގައި ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox