ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއޭއެމް) އިން ކޮންމެ ރަމަޟާން މަހަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކްރިކެޓް ކާނިވަލުގެ ޓޭޕް ބޯލް މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުތަކުން މޮޅުވެ، އެމްއޭސީއެލް އާއި ސަންކުއިކް ލިލީ ފިޔަވަޅެއް ކުރިއަށް ޖެހިލައިފި އެެވެ.
ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ލަވާލިޔާއާ ބައްދަލުކޮށް އެމްއޭސީއެލް މޮޅުވީ 112 ލަނޑުންނެވެ. ޓޮސް ދިމާވުމުން ލަވާލިޔާ އިން ނިންމީ ފީލްޑް ކުރާށެވެ. އެމްއޭސީއެލް އިން ކުޅެން އަރައި، އަށް އޯވަރުގެ ތެރޭ ޓީމުގެ އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 175 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި އަހުމަދު އަމީލް އާއި 37 ލަނޑު ހެދި ގައުމީ ޓީމުގެ ކުޅުންތެރިޔާ، އާދަމް ނާސިފު އުމަރު އެވެ.
ޖަވާބުގައި ލަވޭލިޔާ ކުޅެންއަރައި 8 އޯވަރު ހަމަވިއިރު، ހެދުނީ 63 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ލަނޑު ހެދި، އިސްމާއިލް ނާއިސް އާއި 16 ލަނޑު ހެދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން، އަސްއަދު އަބްދުލް ޣަނީ އެވެ. އެމްއޭސީއެލްގެ އަހުމަދު އަމީލް 2 ވިކެޓް ނެގި އެވެ.

ސަންކުއިކް ލިލީ ޓީމަށް ކުޅެމުން އަންނަ ކްރިކެޓް ބޯޑްގެ ރައީސް ފައިސަލް. --- ފޮޓޯ: ސީބީއެމް
އިއްޔެގެ ދެ ވަނަ މެޗުގައި ސުގަ ކޯން އަށް ޓޮސް ދިމާވުމުން ނިންމީ ބެޓް ކުރާށެވެ. ސަންކުއިކް ލިލީން މި މެޗު ކާމިޔާބުކުރީ ހަތް ވިކެޓުންނެވެ.
ސުގާ ކޯން އިން ފުރަަތަމަ ކުޅެން އަރައި 8 އޯވަރު ހަމަވިއިރު، ހެދުނީ 105 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ލަނޑު ހެދި މުހަންމަދު އާމިރު އާއި 22 ލަނޑު އެއްކުރި އަލީ އިބްރާހިމް 22 އެވެ.
ޖަވާބުގައި ސަންކުއިކް ލިލީން ކުޅެން އަރައި، އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 106 ލަނޑު ހެދި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ގައުމީ ޓީމުގެ ޔޫސުފް އަޒްޔާން އެވެ. އޭނާ 36 ލަނޑު ހެދިއިރު، ހަސަން ހާޒިގު ވަނީ 31 އެއްކޮށްފަ އެވެ. އަދި މުހަންމަދު ރިސްވާން ވަނީ 21 ލަނޑު ހަދައިފަ އެވެ.
މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެ އެވެ. އެ ގޮތުން 16:00 ގައި ފަށާ މެޗުގައި އޭއާރްސީއާ ކުޅޭނީ މެރީ ކޯނާ އެވެ. އަދި ދެ ވަނަ މެޗުގައި ގަލޮޅު ކަންމަތި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާ އެވެ.












