މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް މަސައްކަތްކުރަމުންދާ އައިމަން ލަތީފްއަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފަކު ބިރުދައްކާ، އިންޒާރުދިން މައްސަލަ ބަލަން ފަށައިފި އެވެ.
އައިން ލަތީފަކީ އެސީސިއޭޝަން ފޯ ޑިމޮކްރަސީ އިން މޯލްޑިވްސް (އޭޑީއެމް) އާއި އެމެރިކާގެ ނޭޝަނަލް ދެމޮކްރެޓިކް އިންސްޓިޓިއުޓްއާ ގުޅިގެން ހިންގަމުންދާ "އާރުޓީއައި 37" މަޝްރޫއުގައި މަސައްކަތްކުރަމުން އަންނަ މީހެކެވެ. އައިމަން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ މާލެ ސިޓީ މައުންސިލްގެ ފޯނު ނަންބަރަކުން ފޯނުކޮށް، އެ ކައުންސިލުގެ މުވައްޒަފަކު މިދިޔަ ބުދަ ދުވަހު ވަނީ އިންޒާރުދީ، ބިރުދައްކާފައި ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މި ނޫހަށް ވިދާޅުވީ އެ މައްސަލަ ސިޓީ ކައުންސިލުން ބަލަން ފަށާފައިވާ ކަމަށެވެ.
އައިމަން މަސައްކަތް ކުރަމުންދާ ޖަމިއްޔާ އޭޑީއެމް އިން ވަނީ އެ މައްސަލަ ފުލުހަށްވެސް ހުށަހަޅާފަ އެވެ.
"އިންޒާރާއި ބިރުދެއްކުމުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށައެޅުމުން ޕޮލިހުން ބުނެފައިވަނީ އެމައްސަލައަކީ ފުލުހުންނަށް ތަހުގީގުކުރެވޭވަރަށް ހެކި ހުރި މައްސަލައެއް ނޫންކަމަށާއި، މައްސަލަ ހުށައަޅަންވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ކަމަށް،" އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

ނަމަވެސް އެ ޖަމިއްޔާއިން ވަނީ ފުލުހުންނަށް ހުށަހެޅި މައްސަލަ ބަލައިގަނެ އެ މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް، ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.
"އަދި ތަހުގީގު ނުކުރެވޭނެކަމަށް މައުލޫމާތު ދީފައިވާ ފުލުހުންގެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމުން ލަސްނުކޮށް ބެލުމަށް ގޮވާލަން" އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
އެ ފޯނުކޯލަކީ މައުލޫމާތު ހޯދާ، ލިބިގަތުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް އާއްމުކުރަންޖެހޭ މައުލޫމާތު ފުރިހަމައަށް އާއްމުކޮށްފައި ނުވާތީ އެ މައުލޫމާތު ހޯދުމަށް އެދި މާލެ ސިޓީ ކައުންސިލަށް ހުށައެޅުމުން ލިބުނު ކޯލެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މީހުންނަށް އިންޒާރުދީ، ބިރުދެއްކުމަކީ ގާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ ދެ ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާއީ ކުށެކެވެ.
އަދި ފާއިތުވީ އަހަރުތަކުގައި މީހުންނަށް ބިރުދެއްކުމުގެ މައްސަލަތައް ނުބެލި ދިއުމަކީ ބިރުދެއްކުން އަމާޒުވެފައިވާ މީހުންގެ ފުރާނަ ގެއްލި، ބޮޑެތި އަނިޔާއާއި ޒަހަމްތައް ލިބުމަށް މަގުފަހިކޮށްފައިވާ ކަމެކެވެ.
އޭޑީއެމުން ބުނީ ނަފުރަތުގެ ކުށާއި، މީހުންނަށް އިންޒާރު ދިނުމާއި ބިރުދެއްކުމަކީ ދިވެހިރާއްޖޭގައި ކަންބޮޑުވާންޖެހޭ މިންވަރަށް އޮތް މައްސަލައެއް ކަމަށާއި އެފަދަ އަމަލުތަކަކީ ކުށްތަކަށް އަރައިގަތުމަށް މީހުންނަށް ލިބޭ ހިތްވަރެއް ކަމަށެވެ.
އެހެންކަމުން އެކަމަށް ސަމާލުވެ، އެކަކު އަނެކަކަށް އިންޒާރުދީ، ބިރުދެއްކުމަކީ ދައުލަތުގެ އަދި އަމިއްލަ އެންމެހާ މުއައްސަސާތަކުންވެސް އެއްގޮތަކަށްވެސް ބަލައިނުގަންގާނެ އަމަލުތަކެއްކަން ދައްކައިދިނުމަށް ވެސް އެ ޖަމްއިއްޔާއިން ވަނީ ގޮވާލާފަ އެވެ.












