ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ދެ މީހުން ބޭސްފަރުވާއަށް ކްރިމިނަލް ކޯޓުން ދޫކޮށްލަން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
އެންމެ އިސް ދެ މީހުން ކަމަށް ފުލުހުން ތުހުމަތު ކުރާ ގއ. ވިލިނގިލި, ލައިޓް ހައުސް, ޝަހީބް އިބްރާހީމް އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާގެ ބަންދަށް ލުއި ދިން އަމުރު އިސްތިއުނާފް ކުރާނެ ކަން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވަނީ މި ނޫހަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
ކްރިމިނަލް ކޯޓުން ޝަހީބާއި އަހްމަދު މޫސާގެ ބަންދަށް ލުއި ދިނީ ދެ މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި މި މުއްދަތުގައި ވެސް ރާއްޖޭން ބޭރަށް ފުރުން އޮތީ މަނާ ކޮށްފަ އެވެ.
ޝަހީބުގެ ދިފާއީ ވަކީލު ކޯޓުގައި ފާހަގަ ކުރެއްވި ކަމަކީ އޭނާގެ ހުރި ނަފްސާނީ މައްސަލަތަކާއި ކަށީގެ މައްސަލަތަކެކެވެ. އޭނާގެ މައިބަދައިގެ ދެ ޑިސްކު ގުޑާފައިވާއިރު އެކަމަށް ފަރުވާ ނުލިބޭ ކަމަށާއި، ޑޮކްޓަރުން ދިން ލަފައާ އެއްގޮތަށް އޭނާއަށް ކައުންސެލިން ދެމުން ނުދާ ކަމަށް ވަކީލު ވިދާޅުވެފައިވެ އެވެ.
އަހްމަދު މޫސާގެ ދިފާއީ ވަކީލު ފާހަގަ ކުރެއްވި ކަމަކީ އޭނާގެ ނޭވާލާ ނިޒާމުގައި މައްސަލަތަކެއް ދިމާވެފައި ހުރި ކަމެވެ. އެކަމާ ގުޅިގެން ހަދަން ޖެހޭ ޓެސްޓުތައް ވެސް މިހާތަނަށް ހެދިފައި ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ. އެއީ ދައުލަތުގެ ވަކީލުން ވެސް އެއްބަސްވި ކަމެކެވެ.

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މައްސަލައިގައި ހަތް މީހަކު ހައްޔަރުކުރީ 2019 ގަ އެވެ. މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެކެވެ.
މި ކަމުގައި އިސްކޮށް އުޅޭ ދެ މީހުންގެ ތެރެއިން ޝަހީބަކީ ހަމަ އެ އަހަރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން އަތުލައިގަތް އިރާންގެ ބޯޓުގެ މައްސަލައާ ވެސް ގުޅުން އޮތް މީހެކެވެ. އިރާން ބޯޓުން ހައްޔަރު ކުރި ހަތް މީހުން ދޫކޮށްލިއިރު ޖާމިނުވީ ޝަހީބެވެ.












