ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއޭއެމް) އިން ކޮންމެ ރަމަޟާން މަހަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކްރިކެޓް މުބާރާތުގެ ދެ ވަނަ ދުވަހުގެ ކުޅުން އިއްޔެ ނިމުނުއިރު، ސަންކުއިކް ލިލީ އާއި މީޓިއޯސް ފުރަތަމަ މޮޅު ހޯދައިިފި އެވެ.
އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗު އައިބީއެސްއާ ބައްދަލުކޮށް ސަންކުއިކް ލިލީ އިން ކާމިޔާބުކުރީ 33 ލަނޑުންނެވެ. ދެ ވަނަ މެޗުގައި ސުގަ ކޯންއާ ކުޅެގެން ހަތް ވިކެޓުން ކާމިޔާބުކުރީ މީޓިއޯސް އެވެ.
ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ޓޮސް ދިމާވުމުން ސަންކުއިކް ލިލީ އިން ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއެއް ވެސް ނުބައިނުވެ 140 ލަނޑު ހެދި އެވެ. އެ ޓީމަށް ކުޅޭ ގައުމީ ކްރިކެޓް ޓީމުގެ ތަރި ޔޫސުފް އަޒިޔާން 36 ލަނޑު ހެދިއިރު، މުހަންމަދު ރިސްވާން އާއި ހަސަން ހާޒިގް ކޮންމެ ކުޅުންތެރިއަކު ވަނީ 33 ލާނޑު ހަދައިފަ އެވެ.
ޖަވާބުގައި އައިބީއެސް އިން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހެދިފައިވަނީ 117 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ހަސަން އިބްރާހިމަށް ހެދުނީ 33 ލަނޑެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސަންކުއިކް ލިލީގެ އަޒްޔާން އެވެ.
އިއްޔެގެ ދެ ވަނަ މެޗުގައި ޓޮސް ދިމާވީ ސުގަ ކޯން އަށެވެ. އެ ޓީމުން ފުރަތަމަ ކުޅެންއަރައި އަށް އޯވަރު ހަމަވިއިރު، ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 107 ލަނޑު ހަދައިފަ އެވެ އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ލަނޑު ހެދި އަހުމަދު އިކްރަމް އެވެ. މީޓިއޯސްގެ ރައްސާމް ރަސީދު 2 ވިކެޓް ނެގި އެވެ.
ޖަވާބުގައި މީޓިއޯސް އިން ކުޅެންއަރައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 108 ލަނޑު ހަދައި، މެޗުން މޮޅުވި އެވެ. މީޓިއޯސްގެ އިބްރާހިމް އަލީ 35 ލަނޑު ހެދިއިރު، އެ ޓީމުގެ އަލީ ސުނާން ވަނީ 20 ލަނޑު ހަދައިފަ އެވެ.
މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެ އެވެ. މިއަދުގެ ފުރަތަމަ މެޗު 16:00 ގައޮ ފަށާއިރު، ލަވާލިޔާ ކުޅޭނީ ކިންޒާ ކެފޭއާ އެވެ. އަދި ދެ ވަނަ މެޗުގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ބައްދަލުކުރާނީ ގަލޮޅު ކަންމަތި ޓީމާ އެވެ.












