ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއޭއެމް) އިން ކޮންމެ ރަމަޟާން މަހަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކްރިކެޓް މުބާރާތުގައި އިއްޔެ ފެށިއިރު، ފުރަތަމަ މެޗުތަކުން އެވިއާ މޯލްޑިވްސް އާއި އެއާޕޯޓް ރެކްރިއޭޝަން ޓީމު ކާމިޔާބުކޮށްފި އެވެ.
ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗް މެރީ ކޯނާ އާއި ބައްދަލުކޮށް ހަތް ވިކެޓުން ކާމިޔާބުކުރީ އެވިއާ އެވެ. މެޗުގައި ޓޮސް ދިމާވުމުން މެރީ ކޯނާ އިން ކުޅެންއަރައި އަށް އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 102 ލަނޑެވެ. މި އިނިންގްސްގައި މެރީ ކޯނާގެ މުހައްމަދު ހައިކަލް ވަނީ 33 ލަނޑު އެއްކޮށްފަ އެވެ. އަދި އެވިއާގެ މުހައްމަދު ސަދުހާން ދެ ވިކެޓް ނެގި އެވެ. ޖަވާބުގައި އެވިއާ ކުޅެންއަރައި 6 ވަނަ އޯވަރުގައި 104 ލަނޑުހަދައި މެޗުން މޮޅުވި އެވެ. އެ ޓީމުގެ ޖިލްވާޒް ރަސީދު 33 ލަނޑު ހެދިއިރު، ސަދުހާން ވަނީ 31 ލަނޑު އެއްކޮށްފަ އެވެ.
އިއްޔެ ކުޅުނު ދެ ވަނަ މެޗުގައި ދިވެހި ސިފައިންގެ ކްލަބާއި ވާދަކޮށް އެއާޕޯޓް ރެކްރިއޭޝަން ކްލަބް މޮޅުވީ ފަސް ވިކެޓުންނެވެ. އެއާޕޯޓް ރެކްރިއޭޝަން ކްލަބަށް ޓޮސް ދިމާވުމުން ނިންމީ ފީލްޑް ކުރުމަށެވެ.
ސިފައިންގެ ކްލަބުން ކުޅެންއަރައި އަށް އޯވަރު ހަމަވިއިރު، ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 109 ލަނޑު ހަދައިފަ އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ލަނޑު ހެދި މުހައްމަދު ސަރީފް އެވެ. އެއާޕޯޓުގެ މުހައްމަދު މަފާޒް ތިން ވިކެޓް ނެގި އެވެ.
ޖަވާބުގައި އެއާޕޯޓް ރެކްރިއޭޝަން ކްލަބުން ކުޅެންއަރައި 6 އޯވަރުގެތެރޭގައި 110 ލަނޑުހަދައި މެޗުން މޮޅުވެ، ފެށުން ރަނގަޅުކުރި އެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 35 ލަނޑު ހެދި ލީމް ސަފީގް އެވެ.
ރަމަޟާން ކްރިކެޓް ކާނިވަލުގައި ޖުމްލަ ތިން ކެޓަގަރީއެއްގެ މުބާރާތް ކުރިއަށްދާނެ އެވެ. އޯޕަންޓޭޕްބޯލް ކްރިކެޓް، ސަރުކާރު އޮފީސް އަދި ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތެވެ. މިއަދު ވެސް ދެ މެޗެއް ކުޅެން ނިންމާފައިވާއިރު، ފުރަތަމަ މެޗުގައި ސަންކުއިކް ލިލީ ކުޅޭނީ އައިބީއެސްއާ އެވެ. ދެ ވަނަ މެޗުގައި މީޓިއޯސް ނުކުންނާނީ ސުގަ ކޯންއާ ދެކޮޅަށެވެ.












