މިލާން (އޭޕްރީލް 4) - އިޓާލިއަން ލީގުގައި މިރޭ ކުޅުނު މެޗުތަކުން އިންޓަ މިލާނާއި ނަޕޯލީ މޮޅުވެ، ލީގު ހޯދުމުގެ ރޭހުގައި އެއް ވަނައިގައި އޮތް އޭސީ މިލާން ފަހަތުގައި ވިއްދައިފި އެވެ.
މިލާން އެއް ވަނައިގައި އޮތީ 30 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ރަށުންބޭރުގައި އެޓަލަންޓާ އަތުން 3-1 އިން މޮޅުވެ، ނަޕޯލީން ވަނީ 31 މެޗުން 66 ޕޮއިންޓް ހަމަކޮށްފަ އެވެ. ހޯމަ ދުވަހުގެރޭ ބޮލޯނިއާ އަތުން މޮޅުވެގެން މިލާނަށް އެއް ވަނައިގައި އަލުން ތިން ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.
މިރޭ ޔުވެންޓަސް ދަނޑުގައި އިންޓަ މިލާނުން 1-0 އިން މޮޅުވިއިރު، އިންޓަ އަށް ވަނީ 30 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. ޔުވެންޓަސް ހަތަރު ވަނައިގައި އޮތީ 31 މެޗުން 59 ޕޮއިންޓާ އެކު އެވެ. އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ އަތުން ބަލިވުމުން ޔުވެންޓަސް އަށް ލީގު ހޯދުމުގެ ފުރުސަތު ވަނީ ކުޑަވެފަ އެވެ.
އެޓަލަންޓާ ދަނޑުގައި ކުޅުނު މެޗު ފަށައިގެން އެ ޓީމުގެ ޔޫކްރެއިން މިޑްފީލްޑަރު ރުސްލާން މަލިނޯވްސްކީ ބޮލުން ޖެހި ބޯޅަ ނަޕޯލީގެ ކީޕަރު ޑޭވިޑް އޮސްޕީނާ މަތަކުރި އެެވެ.
ކުރި ފުރަތަމަ އެޓޭކްގައި ކަހަލަ ގޮތަކަށް ނަޕޯލީން ލީޑުނެގީ މެޗުގެ 14 ވަަނަ މިނިޓްގައި ލޮރެންޒޯ އިންސީނިއޭ ވައްދާލި ޕެނަލްޓީންނެވެ. މިއީ ނަޕޯލީގެ ޑްރީސް މާޓެންސް އަށް އެޓަލަންޓާގެ ކީޕަރު ހުއާން މޫސޯ ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބަލާފައި ދިން ޕެނަލްޓީ އެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 37 ވަަނަ މިނިޓްގައި އިންސީނިއޭ ހިލޭ ޖެހުމަކުން ދިން ބޯޅަ މަޓެއޯ ޕޮލިޓާނޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައި ނަޕޯލީގެ ލީޑު ފުޅާކޮށްދީފަ އެވެ.

ނަޕޯލީގެ ކެޕްޓަން އިންސީނިއޭ ޕެނަލްޓީ ކާމިޔާބު ކުރުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ދެ ވަނަ ހާފްގެ ކުޅުން ފަށައި، ނަޕޯލީން ފަހަތަށް ޖެހުނު ވަގުތެއްގައި، މެޗުގެ 58 ވަނަ މިނިޓްގައި އެޓަލަންޓާގެ އަލެކްސޭ މިރަންޗުކް ނެގި ހުރަހަކުން މާޓިން ޑި ރޫން ބޮލުން ޖެހި ގޯލުން އެ ޓީމުން އުންމީދެއް ހޯދި އެވެ. އެޓަލަންޓާ އިން އެއްވަރުކުރަން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ކައުންޓަ އެޓޭކުގައި ނަޕޯލީން ވަނީ މެޗުގެ 81 ވަަނަ މިނިޓްގައި ތިން ވަނަ ގޯލު ޖަހައިފަ އެވެ. ނަޕޯލީގެ މެކްސިކޯ ވިންގް، ހާވިން ލޮޒާނޯ ހުސްކޮށްލާފައި އެ ޓީމުގެ އެލްފީ އެލްމާސް އަށް ދިން ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލަށް ވައްދާލައިފަ އެވެ.
ޔުވެންޓަސްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ހަމަލާ އެ ޓީމުން އުފެއްދިއިރު، ޓީމުގެ ކެޕްޓަން ޖިއޮޖިއޯ ކިއެލީނީ ޖެހި ބޯޅައެއް ވަނި ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. އޭގެ ފަހުން އޭރިއާބޭރުން ޔުވެންޓަސްގެ ހުއާން ކުއަޑްރާޑޯ ޖެހި ބޯޅައެއް އިންޓަގެ ކީޕަރު ސާމިރް ހަންޑަނޯވިޗް ވަނީ މަތަކޮށްފަ އެވެ.
އިންޓަ އިން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުުގައި ލިބުނު ޕެނަލްޓީ އަކުން ހަކާން ޗަނޮނޯގްލޫ އެވެ. މިއީ އިންޓަގެ ޑެންޒެލް ޑަމްފްރީސް އަށް އޭރިއާތެރެއިން ޔުވެންޓަސްގެ އަލެކްސް ސަންޑްރޯ ކުރި ފައުލަކަށް ވީއޭއާރް އިން ބަލާފައި މެޗުގެ ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ޗަނޮނޯގްލޫ ފުރަތަމަ ފޮނުވާލި ޕެނަލްޓީ ޔުވެންޓަސް ކީޕަރު ވޮޒްޝިއޭ ޝެޒްނީ މަތަކުރި ނަމަވެސް އެ ބޯޅަ ޖެހިއިރު، ޔުވެންޓަސްގެ މަތައިސް ޑި ލިޓް އޭރިއާތެރެއަށް ވަދެ ހުރުމުން އަލުން ދެ ވަނަ ފަހަރަށް ޖަހަން ދިނެވެ. މި ފަހަރު ޗަނޮނޯގްލޫ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ދެ ވަަނަ ހާފުގައި ޔުވެންޓަސް އިން ގިނަ އެޓޭކްތަކެއް ކޮށް ގޯލެއް ޖެހޭތޯ ބެލި އެވެ. އެ ގޮތުން އެ ޓީމުގެ ސާބިއާ ފޯވާޑް ޑޫސާން ވްލަހޯވިޗް އަށް ލިބުނު ފުރުސަތުތަކުގައި ރަނގަޅަށް ފޮނުވާލި ނަމަވެސް ގޯލާ ސީދާނުވި އެވެ. ޔުވެންޓަސް އަށް އެއްވަރުކޮށްދިނުމާ އެންމެ ގާތަށް ޖެހިލީ ސްވިޒަލެންޑްގެ މިޑްފީލްޑަރު ޑެނިސް ޒަކަރިއާ އެވެ. މެދުތެރެއިން ބޯޅަ ހިފައިގެން ގޮސް، އިންޓަ އޭރިއާ ރޮނގުމަތިން ޒަކަރިއާ ޖެހި ބޯޅަ ކީޕަރު ހަންޑަނޯވިޗް އަތުގައި ޖެހިފައި ބޭރުވީ ގޯލުގެ ދަނޑީގައި ވެސް ޖެހިފަ އެވެ.
އިންޓަ އަށް ދެ ވަނަ ގޯލެއް ޖަަހައިދޭން ދެ ވަނަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އާޖެންޓީނާގެ ޔަކީން ކޮރޭއާ އަށެވެ. މަޓެއޯ ޑާމިއަން ހުސްކޮށްލާފައި ދިން ބޯޅައަކުން އޭރިއާތެރޭގައި ހުސްކޮށް ހުރެފައި ކޮރޭއާ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑި މަތިންނެވެ.












