މިއަދު ފަށަން ނިންމާފައިވާ މައިލޯ ރަމަޝާން ކްރިކެޓް ކާނިވަލް މެޗުތައް މިއަދު ފަށަން ނިންމައިފި އެވެ.
އޯޕަން އާއި ސަރުކާރު އޮފީސްތަކުގެ ގުރުއަތުލުން މިދިޔަ ހުކުރު ދުވަހު ދަ ގްރޭންޑް ރެސްޓޯރަންޓްގައި ކުރިއަށްދިޔަ އެވެ. މި އަހަރުގެ އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި ބައިވެރިވީ 12 ޓީމަކުންނެވެ. އަދި ސަރުކާރު އޮފީސްތަކުގެ ބައިގައި ބައިވެރިވެފައިވަނީ 10 ޓީމެކެވެ.
މުބާރާތް ރޭވިފައިވާ ގޮތަށް ބަލާއިރު، އޯޕަން ޓޭޕްބޯލް މުބާރާތް ކުޅެވޭނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން އެންމެ މޮޅު ޓީމެއް ހޮވުމަށް ފަހު، ސެމީ ފައިނަލަށް ހޮވޭ ފަހު ޓީމެއް ކަނޑައަޅާނީ ތިން ޓީމުގެ ނަތީޖާތަކަށް ބަލައި ދެން އެންމެ ރަނގަޅު ޓީމެކެވެ.
އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި ބައިވެރިވެފައިވަނީ މެޓީއޯސް، ދިވެހި ސިފައިންގެ ކްލަބް، ސުގާ ކޯން، ސަންކުއިކް ލިލީ، އެވިއާ މޯލްޑިވްސް، ގަލޮޅު ކަންމަތި، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ، އެއާޕޯޓް ރެކްރިއޭޝަން ކްލަބް، ކިންޒާ ކެފޭ، އައިބީއެސް، މެރީ ގްލޯ އަދި ޓީމް ލަވެލިޔާ އެވެ.
ސަރުކާރު އޮފީސްތަކުގެ މެދުގައި ކުޅެވޭ މުބާރާތް މި އަހަރު ރޭވިފައި އޮތީ ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ ގޮތަށެވެ. އެއީ ކޮންމެ ގްރޫޕަކުން އެންމެ މޮޅު ޓީމެއް ހޮވުމަށް ފަހު ފައިނަލް ކުޅޭ ގޮތަށެވެ. މި ޑިވިޝަނުގައި ބައިވެރިވެފައިވަނީ މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އިމިގްރޭޝަން، މީރާ، ދިވެހި ސިފައިންގެ ކްލަބް، ރައީސް އޮފީސް، ޕޮލިސް ކްލަބް، އެމްއެމްއޭ، މުލިއާގޭ ރިކްރިއޭޝަން ކްލަބް، ހަޔާ އެޑިއުކޭޝަން އަދި ޔޫތު މިނިސްޓްރީ އެވެ.
މީގެ އިތުރުން ކްރިކެޓް ކާނިވަލްގެ ތިން ވަން މުބާރާތް ކުޅެވޭނީ ކުންފުނި ތަކަށް ހުޅުވާލައިގެންނެވެ. މިއީ އެންމެ ފޯރިގަދަ މުބާރާތެވެ. މި މުބާރާތުގައި ބައިވެެރިވެވޭނީ ޖުމްލަ 16 ޓީމަކަށެވެ.
މުބާރާތުގެ ފުރަތަމަ މެޗުތައް މިއަދު ކުޅޭއިރު، އޯޕަން ޓޭޕް ބޯލް މުބާރާތުގެ ދެ މެޗެއް ކުރިއަށްދާނެ އެވެ. އެއީ މެރީކޯނާ އާއި އެވިއާ މޯލްޑިވްސް ކުޅޭ މެޗާއި ދިވެހި ސިފައިންގެ ކްލަބާއި އެއާޕޯޓް ރެކްރިއޭޝަން ކްލަބް ވާދަކުރާ މެޗެވެ.












