ވީގޯ، ސްޕެއިން (އޭޕްރީލް 2) - އަނިޔާއިން ރަނގަޅުވެ ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރިމް ބެންޒެމާ އެނބުރި އައި މެޗުގައި ޖެހި ދެ ޕެނަލްޓީން 2-1 އިން ސެލްޓަ ވީގޯ އަތުން ރެއާލް މިރޭ މޮޅުވެއްޖެ އެވެ.
މިދިޔަ ދެ ހަފްތާއެއްހާ ދުވަހު އަނިޔާގައި ހުރި ބެންޒެމާ އެނބުރި އައިސް މިރޭ ތިން ޕެނަލްޓީ ޖެހި އެވެ. އެކަމަކު، އެއް ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. ބެންޒެމާ އަކީ 1951 ވަނަ އަހަރަށް ފަހު ސްޕެނިޝް ލީގުގެ މެޗެއްގައި ތިން ޕެނަލްޓީ ޖަަހައި، ދެ ޕެނަލްޓީ ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. ރެއާލަކީ 1996 ވަނަ އަހަރުގެ ފަހުން ސްޕެނިޝް ލީގުގެ އެއް މެޗެއްގައި ރަށުންބޭރުގައި ކުޅުނު ޓީމަކަށް ތިން ޕެނަލްޓީ ލިބުނު ފުރަތަމަ ފަހަރެވެ.
ސްޕެނިޝް ލީގުގެ ބާކީ ރެއާލަށް އޮތީ އަށް މެޗެވެ. ރެއާލް އެއް ވަނައިގައި އޮތީ 30 މެޗުން 69 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އަށް ވަނީ 29 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ. މިރޭ އަލަވޭސް އަތުން 4-1 އިން މޮޅުވި، އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑަށް ވަނީ 30 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ ހަތަރެއްގައި އޮތީ 28 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ.
ސެލްޓަ ދަނޑުގައި މިރޭ 19 ވަނަ މިނިޓްގައި ރެއާލުން ލީޑުނެގީ ބެންޒެމާ ޖެހި ފުރަތަމަ ޕެނަލްޓީންނެވެ. މި ޕެނަލްޓީ އަކީ ސެލްޓަ އޭރިއާތެރެއިން އެ ޓީމުގެ ނޮލީޓޯ ރެއާލްގެ އެޑާ މިލިޓާއޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. މެޗުގެ 40 ވަނަ މިނިޓްގައި ސެލްޓަގެ ތިއާގޯ ގަލާޑޯ ޖެހި ގޯލެއް ވަނީ ބަލައިނުގަންނަން ނިންމައިފަ އެެވެ. އެއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމި ނިންމުމެކެވެ.
އެކަމަކު، ދެ ވަނަ ހާފް ފަށައިގެން ހަތް މިނިޓް ތެރޭ ލިބުނު ފުރުސަތުން ސެލްޓަ އިން އެއްވަރުކުރި އެވެ. މިއީ ނޮލީޓޯ ޖެހި މޮޅު ގޯލެކެވެ. މިއީ ހާވީ ގަލާން އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ނޮލީޓޯ ޖެހި ގޯލެކެވެ. މެޗުގެ 63 ވަނަ މިނިޓްގައި ރެއާލްގެ ރޮޑްރީގޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީން ބެންޒެމާ ފޮނުވާލި ބޯޅަ ސެލްޓަގެ ކީޕަރު މަޓިއާސް ޑިޓޫރޯ ވަނީ މަތަކޮށްފަ އެވެ.
ރެއާލުން މޮޅުވި ޕެނަލްޓީ، ބެންޒެމާ ކާމިޔާބުކުރީ މެޗުގެ 70 ވަނަ މިނިޓްގަ އެވެ. މިއީ ފާލަންޑް މެންޑީ އަށް އޭރިއާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ވެސް ދިނީ ވީއޭއާރް އިން ބަލައިފަ އެެވެ.
މެޗަށް ފަހު ސެލްޓަ ވީގޯގެ ތަރި އިއާގޯ އަސްޕާސް ބުނީ މި މެޗުގެ ރެފްރީގެ ފަރާތުން ފެނުނީ ވަރަށް ދަށް ފެންވަރުގެ ކަންތައްތަކެއް ކަމަށެވެ. އަދި މި މެޗުގެ ރެފްރީ ޕަބްލޯ ގޮންޒާލޭޒް ބޭނުންވީ ބެންޒެމާ ލައްވައި ހެޓްރިކެއް ހަދުވަން ކަހަލަ ގޮތަކަށް މެޗުގެ ތެރެއިން މަންޒަރުތައް ސިފަވި ކަމަށް އަސްޕާސް ވަނީ ބުނެފަ އެވެ.
މި ގޯލުތަކާ އެކު ބެންޒެމާ ވަނީ ސީޒަނުގެ ހުރިހާ މުބާރާތެއްގައި 35 މެޗުން 34 ގޯލު ޖަހައި، 13 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ބެންޒެމާ ފިޓްވެގެން، އެނބުރި މިއައީ ސީޒަނުގެ މުހިންމު މެޗުތަކެއް ކުރިމަތީގައި އޮއްވަ އެވެ. ރެއާލުން ދެން އެންމެ އަވަހަށް ނުކުންނާނީ ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ދެކޮޅަށެެވެ.












