ދޯހާ، ގަތަރު (އޭޕްރީލް 2) - ގަތަރުގައި މި އަހަރު ފަހުކޮޅުގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާން ބްރެޒިލަށް އެކަށީގެންވާ ވަގުތު އެބައޮތް ކަމަށް ބުނެ، އެ ޓީމުގެ ކޯޗު ޓީޓޭ ހިތްހަމަޖެހުން ފާޅުކޮށްފި އެވެ.
ފީފާ އިން އެންމެ ފަހުން ނެރުނު ރޭންކިންގެ އެއް ވަނައިގައި އޮތް، ފަސް ފަަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ބްރެޒިލް ލައްވާލީ ސާބިއާ އާއި ސްވިޒަލެންޑް އަދި ކެމަރޫނާ އެއް ގްރޫޕެއްގަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ބްރެޒިލް، ސާބިއާ އަދި ސްވިޒަލެންޑް ހިމެނުނީ އެއް ގްރޫޕެއްގަ އެވެ. އެ ފަހަރު ދެން އެ ގްރޫޕްގައި އޮތީ ކޮސްޓަ ރިކާ އެވެ.
ގަތަރު ވޯލްޑް ކަޕް ފަށާނީ ނޮވެމްބަރު 21 ވަނަ ދުވަހު އެވެ. ބްރެޒިލް ކުޅޭ. މެޗު އޮތީ އޭގެ ތިން ދުވަސް ފަހުންނެވެ. ބްރެޒިލުން ފުރަތަމަ ކުޅޭނީ ސާބިއާއާ އެވެ. ދެ ވަނަ މެޗުގައި ސްވިޒަލެންޑާ ކުޅޭއިރު، ފަހު މެޗުގައި ބައްދަލުކުރާނީ ކެމަރޫންއާ އެވެ.
"ކުޅުންތެރިންނާ އެކު ހޭދަކޮށްލަން ލިބޭ އިތުރު ކޮންމެ ވަގުތެއް. ޓްރެއިނިންތައް ކުރިއަށް ގެންދަން ލިބޭ ކޮންމެ ސެޝަނެއް އެއީ އެޑްވާންޓޭޖެއް. އަހަރެން ވަރަށް ހިތްހަމަޖެހޭ މިހާރު މި އޮތް ވަގުތާ މުބާރާތް ރޭވިފައި އޮތް ގޮތާ މެދު،" ޓީޓޭ ބުންޏެވެ.

ބްރެޒިލްގެ. ކޯޗު ޓީޓޭ އާއި އެ ޓީމުގެ ތަރި ނޭމާ.-- ފޮޓޯ: އޭއެފްޕީ
ބްރެޒިލުން އެންމެ ފަހުން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދީ 2002 ވަނަ އަހަރު އެވެ. މި ފަަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލުން ކުރިމަތިލާނީ އެންމެ ފަހުން ހަތަރު ފަހަރެކޭ އެއް ގޮތަށް ފޭވަރިޓުންގެ ގޮތުގަ އެވެ. އެކަމަކު، ޓީޓޭ ހުރީ މީޑިއާގެ އެ ފޭވަރިޓް ޓެގަށް ސަމާލުވެގެންނެވެ.
ޓީޓޭ ބުނީ ކޮލިފައިން އަށް ބެލިޔަސް ވޯލްޑް ކަޕްގައި ބޮޑެތި ޓީމުތަކުން ސަމާލުވާން ޖެހޭނެ ކަންތައްތަކެއް ފެނިފައިވާ ކަމަށެވެ.
"އަހަރެމެން މި ދައްކަނީ ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ސްވިޒަލެންޑާއި ސާބިއާ އިން އިޓަލީ އާއި ޕޯޗުގަލް ފަަހަތަށް ޖައްސާލި ވާހަކަ. ދެން ބަލަމާ ކެމަރޫނަށް ވެސް. އެ މީހުން އެފްރިކަން ކަޕްގައި ފެނުނީ ތަފާތު ރޫހެއްގައި ކުޅެލިތަން،" ޓީޓޭ ބުންޏެވެ. "އިޓަލީ ފަދަ ޓީމުތައް ނޯތު މެސެޑޯނިއާ އަތްދަށުވާނެ ކަމަށް މެޗުގެ ކުރިން އެކަކު ވެސް ގަބޫލެއް ނުކުރާނެ. އެކަމަކު، އެއީ މިހާރު ލޯ މަތިން ފެންނަ ހަގީގަތް،"
ބްރެޒިލުން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ސާބިއާ އަތުން 2-0 އިން މޮޅުވެ، ސްވިޒަލެންޑާ 1-1 އިން އެއްވަރުކޮށްފަ އެވެ. ޓީޓޭ ބުނީ އެ މެޗުތަކާ މި ފަަހަރުގެ ކުރިމަތިލުންތައް ތަފާތުވާނެ ކަމަށެވެ.
ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލުން ބާކީ ނުކުޅެ އޮތީ އެންމެ މެޗެކެވެ. އެއީ އާޖެންޓީނާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗެވެ. ބްރެޒިލުން މިހާތަނަށް ކޮލިފައިންގައި އެއްވެސް މެޗަކުން ބަލިވެފައިނުވެ އެވެ.
ވޯލްޑް ކަޕް ކޮލިފައިންއެއްގެ ދެކުނު އެމެރިކާގެ ބުރެއްގައި މިހާތަނަށް އެންމެ ރަނގަޅު ރެކޯޑެއް އޮތީ މި ވަގުތު އޮތް ބްރެޒިލް ޓީމު އަތުގަ އެވެ. މީގެ ކުރިން އެންމެ ރަނގަޅު ރެކޯޑެއް އޮތީ 2002 ގެ ވޯލްޑް ކަޕް ކޮލިފައިންގައި މާސެލޯ ބިއެލްސާ އާޖެންޓީނާ ގޮވައިގެން ވާދަކުރިއިރު އެވެ. އެ ފަހަރު ބިއެލްސާ އަށް ހޯދުނީ 43 ޕޮއިންޓެވެ. ބްރެޒިލުން މިހާތަނަށް ވެސް ވަނީ 45 ޕޮއިންޓް ހޯދައިފަ އެވެ.
ބްރެޒިލުން އެންމެ ފަހުން ޔޫރަޕްގެ ޓީމަކާ ދެކޮޅަށް މެޗެއް ކުޅުނީ 2019 ވަނަ އަހަރުގެ މާޗް މަހު އެވެ. އެ ފަަހަރު ޗެކް ރިޕަބްލިކް އަތުން ވަނީ 3-1 އިން މޮޅުވެފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ކުރިން ބްރެޒިލުން ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް ގިނަ މެޗުތަކެއް ކުޅޭނެ ކަމުގެ އިޝާރާތެއް ޓީޓޭ ވަނީ ދީފަ އެވެ.












