ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބާއްވަން ހުށަހެޅީ ފީފާ އިންނެއް ނޫން: އިންފަންޓީނޯ

Apr 1, 2022, 4:25 AM
ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބާއްވަން ހުށަހެޅީ ފީފާ އިންނެއް ނޫން: އިންފަންޓީނޯ

ދޯހާ، ގަތަރު (އޭޕްރީލް 1) - މިހާރު ހަތަރު އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ފީފާ ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރު ބާއްވަން ހުށަހެޅީ ފީފާ އިންނެއް ނޫން ކަމަށް އެ ފެޑެރޭޝަނުގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

އިންފަންޓީނޯ މިހެން ވިދާޅުވީ ގަތަރުގައި އިއްޔެ ކުރިއަށްދިޔަ ފީފާ ކޮންގްރެސްގައި މެމްބަރު ގައުމުތަކާ މުހާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ރަސްމީ ބެލެނިވެރި ފަރާތް، ފީފާ އިން 1930 ވަނަ އަހަރު އެންމެ ފުރަތަމަ ވޯލްޑް ކަޕް ބޭއްވި ފަހުން އެ މުބާރާތް ތާވަލުކުރަމުން އަންނަނީ ހަތަރު އަހަރުން އެއް އަހަރު އެވެ. އެ ގޮތަށް ކުރިއަށް ނުގެންދެވި ދިޔައީ 1942 އާއި 1946 ވަނަ އަހަރު އެވެ. އެއީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ސަބަބުންނެވެ. އެ ފޯމެޓަށް ބަދަލު ގެންނަން ފެންނާތީ، މިދިޔަ އަހަރު ސައުދީ އަރަބިއްޔާ އިން އިސްވެ، ފީފާ ކޮންގްރެސް ތެރޭގައި ހުށަހެޅީ ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕެއް ބޭއްވުމަށެވެ.

އެ ކަމަށް ބާރު ލިބޭ ގޮތަށް ފީފާ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިިވެލޮޕްމަންޓްގެ މަގާމު ފުރަމުން އަންނަ މަޝްހޫރު ކޯޗު އާސެން ވެންގާ ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ދެ އަހަރުން ވޯލްޑް ކަޕް ބޭއްވުމާ އެއްކޮޅަށް ވާހަކަ ދައްކައި، އެ ޕްރޮޕޯސަލް އިސްތިހާރުކޮށްފަ އެވެ. ފީފާގެ ރައީސް އިންފަންޓީނޯ ވެސް މިދިޔަ އަހަރު ވިދާޅުވީ ކުރެވުނު ދިރާސާތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަ ދައްކާނަމަ ދެ އަހަރު ވޯލްޑް ކަޕް ބާއްވައިފިނަމަ ހަތަރު އަހަރަށް ބަހާލައިގެން، ކޮންމެ މެމްބަރު އެސޯސިއޭޝަންތަކަށް ދެމުން އަންނަ ފައިސާގެ އެހީ ޖުމްލަ އެއްކޮށް ބަލާއިރު އެތައް ގުނައެއް ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އޮތީ ވޯލްޑް ކަޕްގެ އާ ޕްރޮޕޯސަލްގެ މަޝްވަރާތައް މަޑުޖެހިފަ އެވެ. އަދި އިއްޔެގެ ކޮންގްރެސްގައި އިންފަންޓީނޯ ވަނީ ކުރިން ހިޔާލުފާޅުކުރައްވަމުން އައި ގޮތާ ތަފާތު ރާގަކަށް ވާހަކަ ދައްކަވައިފަ އެެވެ.

"މި ކަންކަން ވަރަށް ސާފުކޮށް އެނގެން އެބަޖެހޭ. ދެ އަހަރުން ވޯލްޑް ކަޕް ބޭއްވުމަކީ ފީފާގެ ހުށަހެޅުމެއް ނޫން. އެއީ މެމްބަރު ގައުމަކުން ހުށަހަޅައިގެން ފީފާ އިން ދިރާސާ ކުރަން ފެށި ޕްރޮޕޯސަލެއް. އެކަން ކުރިއަށް ގެންދިޔައީ ވެންގާ،" އިންފަންޓީނޯ ވިދާޅުވި އެވެ.

"އަހަރެމެންނަށް އޭގެ ހުރި ޕޮޒިޓިވް ކަންތައްތަކެއް ފެނިގެން އެ ވާހަކަ ދެކެވުނީ. އެކަމަކު، އެ ޕްރޮޕޯސަލާ ދެކޮޅު ކަންތައްތަކެއް ވެސް ހުރުމުން މިހާރު މިކަންކަން މި އޮތީ މަޝްވަރާކުރުމަށް ހުޅުވާލެވިފައި،"

ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބޭއްވުމާ ދެކޮޅަށް ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ދެ ބައްރުގެ ފެޑެރޭޝަނުން ވަނީ ބަޔާން ނެރެފަ އެވެ. އެއީ ޔޫރަޕްގެ ފެޑެރޭޝަން، ޔުއެފާ އާއި ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާ ކޮންމެބޯލް އިންނެވެ. މީގެ އިތުރުން ކްލަބް ފުޓްބޯޅައިގެ ވަރުގަދަ ލީގުތަކުގެ ބޯޑާއި ކްލަބް ފުޓްބޯޅައިގެ ޖަމިއްޔާތަކުން ވެސް އަންނަނީ ވޯލްޑް ކަޕްގެ މި ޕްރޮޕޯސަލާ މެދު ނުރުހުން ފާޅުކުރަމުންނެވެ. ދެ އަހަރުން ވޯލްޑް ކަޕް ބާއްވަން އޭޝިއާގެ ގައުމަތަކުން ތާއީދުކުރި ނަމަވެސް މިހާރު އެ ޕްރޮޕޯސަލާ އެއްގޮތަށް ދިއުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

ކޮންފެޑެރޭޝަން ކަޕް ބާއްވަމުން އަންނަ ތާރީހުގައި 24 ކްލަބް ކުޅޭނެ ކްލަބް ވޯލްޑް ކަޕެއް ބާއްވަން ފީފާ އިން އޮތީ މިދިޔަ އަހަރަށް ތާވަލުކޮށްފަ އެވެ. އެކަމަކު، 2020 ވަނަ އަހަރުގެ ޔޫރޯ އާއި ކޮޕަ އެމެރިކާ ކޮވިޑާ ހެދި 2021 އަށް ފަސްކުރުމުން ޖެހުނީ ކްލަބް ވޯލްޑް ކަޕް ވެސް ފަސްކުރާށެވެ.

އިންފަންޓީނޯ ވިދާޅުވީ 24 ކްލަބް ކުޅޭ ގޮތަށް ރޭވި ކްލަބް ވޯލްޑް ކަޕްގެ ކަންކަން އަދިވެސް އޮތީ ކުރިއަށް ކަމަށާއި މުބާރާތް ފަށާނެ ތާރިހެއް ވަރަށް އަވަހަށް ފައިނަލް ކުރާނެ ކަމަށެވެ.

ފީފާ ކޮންގްރެސްގެ ތެރެއިން އިންފަންޓީނޯ ވާހަކަ ދައްކަވަނީ.-- ފޮޓޯ: އޭއެފްޕީ

އިންފަންޓީނޯ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވާނެ

ފީފާގެ ރައީސްގެ މަގާމަށް ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ، އިޓަލީ އަށް އުފަން، އިންފަންޓީނޯ އިންތިހާބުވެވަޑައިގަތީ، ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާ އެކު ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. ބްލެޓާ ވަނީ ފީފާގެ ރައީސްގެ މަގާމު 17 އަހަރު ވަންދެން ފުރުއްވައިފަ އެވެ.

އިންފަންޓީނޯ، ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތީ 2019 ވަނަ އަހަރު ބޭއްވި އިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ. ދެ ވަނަ ދައުރަކަށް ފީފާ ހިންގެވުމާ އިންފަންޓީނޯ ހަވާލުވެވަޑައިގަތީ، ގިނަކަންޏާ ވާދަކުރެއްވި އިންތިހާބުގައި ފެންނަ ނުފެންނަ ވޯޓެއް ކާމިޔާބު ކުރައްވައިގެންނެވެ. އިންފަންޓީނޯ މިހާރު ފީފާގެ ރައީސަކަށް ހުންނެވީ 2023 ވަނަ އަހަރުގެ ނިޔަލަަށެވެ.

"އިތުރު ދައުރަކަށް ވާދަކުރައްވަން ނިންމައިފިން. އަހަރެންގެ ޕްލޭނުގައި ދެން ހުރި ކަންތައްތައް ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭ ހިއްސާކުރާނަން،" އިންފަންޓީނޯ، އިއްޔެގެ ކޮންގްރެސްގައި ވިދާޅުވި އެވެ.

ސްވިޒަލެންޑުގެ ޔުނިވާސިޓީއެއްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އެޑްމިނިސްޓްރޭޝަން ދާއިރާގައި މަސައްކަތް ފެށި އިންފަންޓީނޯ ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާއާ ގުޅުނީ 2000 ވަނަ އަހަރު އެވެ. އެ ފެޑެރޭޝަނުގައި ޑިރެކްޓާ އޮފް ލީގަލް އެފެއާޒްގެ މަގާމާއި ކްލަބް ލައިސަންސިން ޑިވިޝަންގައި މަސައްކަތްކުރެއްވުމަށް ފަހު 2007 ވަނަ އަހަރު ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ލިބިވަޑައިގަތެވެ.

އަދި އޭގެ ދެ އަހަރު ފަހުން ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެން ޔުއެފާ ނޭޝަންސް ލީގު ތައާރަފްކުރެއްވި އެވެ. އަދި އެންމެ ފަހުން ބޭއްވި ޔޫރޯ 11 ސިޓީއެއްގައި ކުރިއަށްދިޔައިރު، އެ މުބާރާތުގެ މަގުޗާޓު އެކުލަވާލި ކޮމިޓީގައި އިސް މޭސްތިރިއަކަށް ހުންނެވީ އިންފަންޓީނޯ އެވެ. ފީފާގެ ރައީސްގެ މަގާމަށް ހަވާލުވެވަޑައިގެން އިންފަންޓީނޯ އަންނަނީ ދުނިޔޭގެ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކަށް މުހިންމު ބަދަލުތަކެއް ގެނައުމުގެ ކަންކަން ކުރައްވަމުންނެވެ. އެ ގޮތުން 32 ޓީމު ކުޅެމުން އައި ފީފާ ވޯލްޑް ކަޕް 48 ޓީމު ބައިވެރިވާ ގޮތަށް އިތުރުކުރުން ހިމެނެ އެވެ. އެ ބަދަލު ފެންނާނީ 2026 ވަނަ އަހަރު އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox