އިންތިޒާމްވެގެން ކުށް ކުރުމާއި ފުޅާ ދާއިރާއެއްގައި އޮޕަރޭޓް ކުރާ މަސްތުވާތަކެތީގެ ނެޓްވޯކުތަކަކީ ދިވެހިރާއްޖޭގެ ސަލާމަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 89 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންތިޒާމްވެގެން ހިންގާ ކުށްތަކާއި މަސްތުވާތަކެތީގެ ނެޓްވޯކުތައް "ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކާ ހަމައަށް އުފުލާ މަންޒަރު އެބަފެނޭ" ކަމަށެވެ.
"އިންތިޒާމް ވެގެން ހިންގާ ކުށްތަކާ، ޑްރަގް ނެޓްވޯރކް ތަކުގެ ގުޅުމަކީ ރާއްޖޭގެ އަމާންކަމާ ސުލްހަ މަސަލަސް ކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން. އަދި މިހާރު މިކަން އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކާ ހަމައަށް އުފުލާ މަންޒަރު އެބަފެނޭ. އެއީ ރައްޔިތުންގެ އޮތް ވަރަށްބޮޑު ކަންބޮޑުވުމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުން ހާއްސަަ ސަމާލުކަމެއްދީގެން މަސައްކަތްކުރަމުންދާ ކަމަށެވެ.
"މިކަންކަން ހުއްޓުވާ ކޮންޓްރޯލް ކުރުމަށް ހާއްސަ ޓާސްކް ފޯސްތަކެއް އެކުލަވާލެވި، އަމަލީ މަސައްކަތް ހިނގަމުން އެބަދޭ،" އެ މަސައްކަތުގެ ތަފްސީލު ނުދެއްވައި، އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ، ކުށްކުރުމާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.
"ކޮންމެ ގައުމެއްގައި ވެސް ކުށްވެރިން ހިތްހެޔޮ ނުވާ ބަޔަކީ ފުލުހުން. އެއީ އެކި ގޮތްގޮތުން އެމީހުން ހިންގާ ޖަރީމާ ތަކާ ޑްރަގް ވިޔަފާރިއަށް ހުރަސް އަޅާ ހުއްޓުވާ ބަޔަކީ ފުލުހުން. ގޭ ބިންގަރާހުގައި ގުދަން ކޮށްފައި ހުއްޓަސް ޑްރަގް އަތުލައިގަންނަނީ ފުލުހުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެއަށް އެތެރެ ކުރަމުންދާ ވަރަށް ގިނަ މަސްތުވާތަކެތި މިހާރު އަތުލައިގަނެވޭކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވަނީ، ފުލުހުން، ސިފައިން އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"މިކަމުގާ އެބައިމީހުންނަށް ހިމަ ނަރެއްގެ ޖާގަވެސް ނުދެއްވުމަށް ތިޔަބޭފުޅުން ގަދައަޅާ ތިޔަ ކުރައްވާ މިންނެތް ބުރަ މަސައްކަތަށް އަޅުގަނޑު ޝުކުރު ދަންނަވަ،" ރައީސް ވިދާޅުވި އެވެ.













