ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ފުރަތަމަ ފަހަރަށް ސްރީ ލަންކާގެ ރަޓްމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ދަތުރުކުރަން ފަށައިފި އެވެ.
މޯލްޑިވިއަންގެ ޑެޕިއުޓި މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ މިއަދު އޮޕަރޭޓްކުރި ފްލައިޓަކީ މޯލްޑިވިއަންގެ ދަތުރުތައް އެ އެއާޕޯޓަށް ފެށުމުގެ ގޮތުން އޮޕަރޭޓްކުރި ފްލައިޓެއް ކަމަށެވެ. އަދި ރޯދަ މަސް ނިމުމުން ޝެޑިއުލް ފްލައިޓްތައް އެ އެއާޕޯޓަށް ފަށާނެ ކަމަށް ޖެނިފާ ވިދާޅުވި އެވެ.
"ރޯދަ މަސް ނިމުމުން އަޅުގަނޑުމެން އޮޕަރޭޝަންސްތައް ރަސްމީކޮށް ފަށާނަން. އެގޮތުން ހަފްތާއަކު ތިން ފްލައިޓް އަޅާނެ. އަދި ހަމަ ޑިމާން އޮންނަ ވަރަކުން އަޅުގަނޑުމެން ގަސްދުކުރަނީ ފްލައިޓްތައް އިތުރުކުރަން،" ޖެނިފާ ވިދާޅުވި އެވެ.
ސްރީލަންކާގެ ކޮލޮމްބޯގައި އޮންނަ ރަޓްމަލާނާ އެއާޕޯޓަކީ އެ ގައުމުގެ އެންމެ ފުރަތަމަ އިންޓަނޭޝަނަލް އެއާޕޯޓެވެ. ނަމަވެސް އެއީ އެ ގައުމުގެ އެންމެ ބޮޑު އަދި ބާރުބޮޑު އެއާޕޯޓެއް ނޫނެވެ. ޖެނިފާ ވިދާޅުވީ އެއާޕޯޓުގެ ސައިޒް ކުޑަވުމުގެ ސަބަބުން މޯލްޑިވިއަންގެ އޮޕަރޭޝަންސްތަކަށް އޭގެން ފައިދާތަކެއް ކުރުވާނެ ކަމަށެވެ.
"އެ އޮންނަ ފްލައިޓް ޓައިމްއާއެކު ކުޑަ ބޯޓެއްގައި ކުޑަ އެއާޕޯޓަކަށް އޮޕަރޭޓްކޮށްގެން އަޅުގަނޑުމެންނަށް މާ ޕްރޮޑަކްޓިވް އޮޕަރޭޝަންސްތަކެއް ކުރެވިދާނެކަމަށް އަޅުގަނޑުމެން މި ދެކެނީ. ދެން އެއާޕޯޓު އެ އޮންނަ ލޮކޭޝަންގެ ސަބަބުން ވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ބެލެވޭ،" ޖެނިފާ ވިދާޅުވި އެވެ.

ޖެނިފާ ވިދާޅުވީ ރަޓްމަލާނާ އެއާޕޯޓަކީ އާންމުކޮށް ސްރީލަންކާގައި ދިވެހިން އުޅޭ ސަރަހައްދުތައް ކަމުގައިވާ ދެހިވަލާ އާއި މައުންޓް ލެވީނިއާ އަދި ވެއްލަވައްތަ ފަދަ ސަރަހައްދުތަކާއި ކައިރި އެއާޕޯޓެއްކަމުން ލަންކާއަށް ދަތުރުކުރާ ދިވެހިންނާއި ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިންނަށް ވެސް ރާއްޖެ އައުމުގައި އެ އޮޕަރޭޝަންތަކުގެ ފައިދާކުރާނެ ކަމަށެވެ.
"އަދި ހަމައެއާއެކު ރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާގެ ގިނަ ރައްޔިތުންނަށް ވެސް އެކަމުގެ ފައިދާތަކެއް ކުރާނެކަމަށް ބެލެވޭ،" ޖެނިފާ ވިދާޅުވި އެވެ.
މިއަދު މޯލްޑިވިއަންއިން ރަޓްމަލާނާއަސް އޮޕަރޭޓްކުރީ ޑޭޝް އަށެއްގެ މަރުކާގެ ބޯޓެކެވެ. ޖުމްލަ 16 ފަސެންޖަރުންނާއެކު މިއަދު ދަތުރުކުރި އެ ބޯޓުގައި 50 ފަސެންޖަރުންނަށް ދަތުރުކުރެވޭނެ އެވެ.
މޯލްޑިވިއަން އިން މީގެ ކުރިން ވަނީ ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓްކޮށްފަ އެވެ. އަދި އެ ގައުމުގެ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް މޯލްޑިވިއަންއިން ވަނީ ދަތުރުކޮށްފަ އެވެ. ނަމަވެސް މިހާރު އެ އެއާލައިނުން އޮޕަރޭޓްކުރަނީ ރަޓްމަލާނާއަށް އެކަންޏެވެ.
އޭގެ އިތުރުން ވެސް މޯލްޑިވިއަންއިން ދަނީ އިންޑިއާގެ އެކި މަންޒިލްތަކަށާއި ބަންގްލަދޭޝަށް ވެސް އޮޕަރޭޓްކުރަމުންނެވެ. ޖެނިފާ އިތުރަށް ވިދާޅުވީ އެ އެއާލައިނުން އަދި މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް އޮޕަރޭޓްކުރަން ވެސް ބަލަމުންދާކަމަށެވެ.
މޯލްޑިވިއަން އިން މިއަދު ލަންކާގެ ރަޓްމަލާނާ އެއާޕޯޓަށް ފުރަތަމަ ފަހަރަށް އޮޕަރޭޓްކުރުމާއެކު އެގައުމުގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވަނީ ދިވެހި ބަހުން ޓްވީޓުކުރައްވައި މޯލްޑިވިއަން އަށް މަރުހަބާ ވިދާޅުވެފަ އެވެ.












