ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.
ފުވައްމުލަކަށް އިއްޔެ ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު, ރައީސް ސޯލިހު މިއަދު ހަވީރު އައްޑޫ ސިޓީގެ އެއާޕޯޓުން ގަމަށް ވަޑައިގެންނެވުމާއެކު އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.
އެމްޑީޕީގެ ދިދަ އާއި ގައުމީ ދިދަ ހިފައިގެން ގިނަ ބަޔަކު ރައީސް ސޯލިހުގެ އިސްތިގުބާލުގައި ތިއްބެ އެވެ. ރައީސް ވަނީ އެ އެންމެންނާ ވެސް ސަލާމް ކުރައްވާފަ އެވެ.
ރައީސްއާއެކު މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި އައްޑޫއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. އައްޑޫ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ މިރޭ ރައީސް ބައްދަލު ކުރައްވާނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެންމެ މުހިންމު ހަރަކާތެއްގެ ގޮތުގައި އޮތީ އައްޑޫގައި އިންޑިއާގެ އެހީގައި ގާއިމްކުރި ޕޮލިސް އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތެވެ. މާދަމާ ހެނދުނު އޮންނަ އެ ރަސްމިއްޔާތަށް އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖަޔަޝަންކަރު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖަޔަޝަންކަރު އައްޑޫއަށް ވަޑައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދާއެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
ރަސްމީ މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމުގެ ދެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާއިރު، ޑރ. ޖަޔަޝަންކަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.













