ޤައުމިއްޔަތަށްޓަކައި އިންތިޤާލީ އިންސާފު

ތިނަދޫން މީހުން ބޭލި ޒަމާނުގެ ފޮޓޯގަނޑަކަށް މީހަކު ބަލަހައްޓައިގެން: އެކަމުގެ ޝަރީއަތެއް މިހާރު އިންތިގާލީ އިންސާފުގެ އޮފީހުން ދަނީ ކުރަމުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ތިނަދޫން މީހުން ބޭލި ޒަމާނުގެ ފޮޓޯގަނޑަކަށް މީހަކު ބަލަހައްޓައިގެން: އެކަމުގެ ޝަރީއަތެއް މިހާރު އިންތިގާލީ އިންސާފުގެ އޮފީހުން ދަނީ ކުރަމުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ތިނަދޫ ފަޅުކުރި މައްސަލައިގެ އަޑުއެހުންތައް ފެއްޓީއްސުރެ ގިނަ ބައެއްގެ ހިތުގައި އުފެދި، ކުރަން ނުކެރިފައިހުރި ސުވާލުތަކެއް ވެއެވެ. އިންތިޤާލީ އިންސާފަކީ ކޮބައިތޯއެވެ؟ ދިވެހި ދެވަނަ ޖުމުހޫރިއްޔާއަށްވުރެވެސް މާ ކުރީގެ މައްސަލައަކަށް، މިހާރު ހޯދައިދެވޭނީ ކޮން އިންސާފެއްތޯއެވެ؟ ޒަމާނާއި ޢުމުރާއި ނަފުސާނީ ދުޅަހެޔޮކަމައި އަޅައި، އެ އަޑުއެހުންތަކުގައި އެ އިއްވާ ޙަޤީޤަތުގެ އިތުބާރު ހިފޭނޭތޯއެވެ؟ އެތައް ޖީލަކަށް އެ ކަމެއްގެ ވޭން ތަހައްމަލުކުރަން ޖެހުނު ބޮޑު މައްސަލައެއްގައި މާލީ ބަދަލެއް ދިނުމުން ފުދޭތޯއެވެ؟ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އެއްބަޔަކު މި ދުނިޔެ ދޫކޮށްފައިވާ ހިނދު ޖަވާބުދާރީ ކުރުވާނީ ކޮންބައެއް ތޯއެވެ؟ އެއްބަޔަކު އަދިވެސް ބާރުވެރިންގެ ގޮތުގައި ތިއްބައި، ކަށަވަރުކޮށްދެވޭނީ ކޮން އިންސާފެއްތޯއެވެ؟ އިންތިޤާލީ އިންސާފުގެ ސަބަބުން ހާސިލުވަނީ ކޮން ކަމެއްތޯއެވެ؟

އަޑުއެހުންތަކުގެ މިހާހިސާބަށް އައި އިރުވެސް ޔަޤީންވާ އެއް ކަމެއް އެބައޮތެވެ. ތާރީޚަކީ ހަމަ ޙަޤީޤަތުގައިވެސް ނަޞްރުވެރިން އިމުލާކުރާ އެއްޗެއްކަމެވެ. އެއީ ބާރުވެރިންގެ ނަޒަރުން ލިޔާ، ތަޢައްޞަބުތަކުން ބުރަހެލިވެފައިވާ ޔައުމިއްޔާއެއް ކަމެވެ. ޤައުމެއްގެ ތާރީޚުގައި، އެ ޤައުމެއްގެ ބައެއްގެ ކެކުޅުންތަކަކަށް ފަސްއަޅައި މަތިއޮމާން ކޮށްފައި އޮއްވައި، އެއީ ޤައުމީ ތަރިކަކަމަށް މުޅި ރައްޔިތް ބަލައިގަންނާނީ ކިހިނަކުން ހެއްޔެވެ؟ ތާރީޚުގައި ހުރި ދޮގުވާހަކަތަކުގެ ބާރު ކަނޑުވާލައި، ތާރީޚުގެ ފަތްފުށްތަކަކީ ޚުދު ރައްޔިތުންނަށް އިޚުލާސްތެރި އެއްޗަކަށް ހެދުމަކީ އިންތިޤާލީ އިންސާފުގެ އެންމެ މުހިއްމު އެއް މަޤުޞަދެވެ.

ތިނަދޫ ފަޅުކުރި މައްސަލައިގައި މި ދައްކަނީ މާ ދުރު ޒަމާނެއްގެ ވާހަކައެއް ނޫނެވެ. އަޅުގަނޑުމެންގެ މާމަ، ކާފަ ޒަމާނުގެ ވާހަކައެވެ. ކުޑައިރު ކިޔައިދޭ ވާހަކަތަކެވެ. މަދުންނަމަވެސް، ބައެއް ފޮތްފޮތުގައިވެސް، ޢަބުރުގެ ޤާނޫނުގެ ހިފެހެއްޓުންތަކަށް ވިސްނައިގެން، ވީ ވަރަކުން ތަފްޞީލުކޮށްފައިވާ ވާހަކަތަކެކެވެ. މި ފަދަ އެއް ފޮތްކަމަށްވާ އަލީ ފަހުމީ އަހުމަދުގެ "ސުވާދީބު"ގައި، ދިވެހި ދައުލަތުގެ ބާރުތަކުން އޭރުގެ ހަވަރުތިނަދޫއަށް އަރައިގަތުން ސިފަކުރައްވާފައިވަނީ "ދިވެހިންގެ މި ޒަމާނުގެ ތާރީޚު ދުއް އެންމެ އަނިދިރި" އެއް ދުވަހުގެ ގޮތުގައެވެ. 1959 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ "ވިޔަފާރި މިއަދު"އަށް ހަވާލާދެއްވައި "މޯލްޑިވްސްޓާރ" އިން ރަށުގެ ރައްޔިތުންނަށް އިއްވި އިންޒާރު އެކަނި އަޑުއިވުނު ނަމަވެސް، މި ހާދިސާގެ ކުޑަބޮޑު މިނާމެދު ސުވާލު އުފައްދާނޭ ބަޔަކު މިއަދު ނުތިބޭނެއެވެ. އަލީ ފަހުމީ އަހުމަދު ލިޔުއްވާފައިވެއެވެ.

"ނަމަވެސް ކެނޑިނޭޅި އިންޒާރުދެއްވަމުންދިޔައެވެ. "މިތިބަ މީހުން، މި މީހުންގެ ހަތިޔާރާއެކު، ތިޔަ ރަށަށް ބާލައިފިނަމަ ކަލޭމެންގެ އަނބިދަރިންނާއި ގެދޮރުވެސް ކަލޭމެންނަށް ސަލާމަތުން ނުލިބޭނެއެވެ. ކަލޭމެން ތިޔަ އުޅެނީ މޮޔައިންގެ ހައެއްކަ މީހުންގެ ބަހަށް ހެއްލިގެންނެވެ. އަމިއްލަ އެދުމަށް ހެއްލިގެންއުޅޭ ހައެއްކަވެރިންގެ ބަހަށް ކަލޭމެންގެ އަނބިދަރިން ނަގާނުލާށެވެ"

ގުޅުންހުރި ޢާއިލާތަކަށް، ނާނާތަކުންނާއި ސައި މޭޒުތަކުން؛ އަދި ތާރީޚުގެ ދަރިވަރުންނަށް މަދު ފޮތަކުން މި ފަދަ މަޢުލޫމާތުތައް ލިބިފައިވާނަމަވެސް، ސުވާދީބުގައި އޭރު ހިމެނުނު ރަށްތަކާއި އަތޮޅުތަކާ އެއްވެސް ގުޅުމެއް ނެތް ދިވެހި ޢާއިލާތަކަށް، ތިނަދޫ ފަޅުކުރި މައްސަލައިގެ އަޑުއެހުންތަކުގައި މިއަދު އިވެމުންދަނީ އިހަށް އަޑު ނާހާ، ޤަބޫލުކުރަން ދަތި، އާ ވާހަކަތަކެކެވެ. ދިވެހިން ބަޠަލެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތަކާ ދެކޮޅަށް ދައްކާ ވާހަކަތަކެކެވެ. ދިވެހި އިޤްތިޞާދުގައި ޒަމާނީ ކުލަ ޖައްސައިދިން "ބަޠަލު"ގެ ފަރާތުން ފެނުނު ސުވާލުއުފެދޭ ފަދަ ޢަމަލުތަކެއްގެ ވާހަކަތަކެވެ. އޭރުވެސް، މިހާރުވެސް، ޤައުމީ ޚިދުމަތްތެރިންގެ ސަފުގައި ނަން ފަވާލެވިފައިވާ އެތައް ޚިދުމަތްތެރިންނެއް، އިންސާނިއްޔަތާ ޚިލާފު ކަމެއް ހިނގަމުންދިޔައިރު، އެކަމުގައި ބައިވެރިވިކަމަށް ބެލެވޭ ފަދަ ވާހަކަތަކެކެވެ.

އިންތިޤާލީ އިންސާފު މުހިއްމުވަނީ މިހެންވެގެންނެވެ. ތާރީޚުން ސަހަރޯވެރި ނަޞްރުވެރިންގެ ލަޤަބު ދީފައިވާ ބައެއްގެ ފުށުން އަނިޔާ ލިބފައިވާ ބަޔަކަށް، އެމީހުންގެ ޙަޤީޤަތް އިއްވުމުގެ އިޚުތިޔާރު ދީގެން މެނުވީ، ދިވެހި ތާރީޚަށް އެ ޖަމާޢަތުން ކުރާނޭ އިތުބާރެއް ނޯންނާނޭތީއެވެ. ގެއްލުނު ފުރާނަތަކެއް އަނބުރާ ނުލިބޭނެއެވެ. ނަގާލި އިއްފަތްތެރިކަމަށް ބަދަލެއް ނުދެވޭނެއެވެ. އެހެންނަމަވެސް، އެ އަނިޔާތައް ތަހައްމަލުކުރި މީހުންގެ ތަޖުރިބާ ދޮގުކުރަމުން ނުވަތަ ކުޑައިމީސްކުރަމުންދިޔަ ދިއުމަށް ނިމުމެއް ގެނެވިދާނެއެވެ. ލިބުނު މާލީ ގެއްލުމަށް ބަދަލުދެވިދާނެއެވެ. އެ ހާދިސާގެ ސަބަބުން، ރަށެއްގެ މުޅި އާބާދީއަށް ލިބުނު ބަދުނާމުގެ ސަބަބުން އެތައް ޖީލެއް ތަޖުރިބާކުރި ތަޢައްޞަބުތަކުން ލީ ފާރުތައް ހިއްކަން އެހީއެއް ވެދެވިދާނެއެވެ.

އިންތިޤާލީ އިންސާފަކީ ނިޒާމީ ގޮތުން ބަޔަކާމެދު ވެފައިވާ ނާއިންސާފެއް ހާމަކޮށް، އެކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، އިދާރީ ގޮތުންނާއި، ދުސްތޫރީ ގޮތުންނާއި، ނިޒާމީ ގޮތުންނާއި، ޖިނާޢީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ކުރެވެން އޮތް ކަމެއް ކުރުމުގެ ފިކުރުގެ މައްޗަށް ބިނާވެފައި އޮންނަ މަސައްކަތެކެވެ. ކޮންމެ ޤައުމެއްގެވެސް ސިޔާސީ ނިޒާމަށް އަންނަ ބަދަލުތަކާއެކު އިންތިޤާލީ އިންސާފުގެ މަރުޙަލާއެއް ކަޑައްތު ކުރުން މުހިއްމު ވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކުރީގެ ނިޒާމުގެ ސަބަބުން އަނިޔާވި ފަރާތްތަކަށް ޝިފާއެއް ހޯދައިދެވިގެން ނޫނީ، ޤައުމަށް ދުޅަހެޔޮ މުސްތަޤުބަލެއް ކަށަވަރުނުވާނޭތީއެވެ. ފައިގެ ހުދު ހަމުގައި ނަގާ އެސްވަޅެއްގެ މިސާލު ބަލާލަމާހެއްޔެވެ. އެ ދިމާލުން ހަން ބޯވެ، ފައިޖައްސައި އުޅެން އުނދަގޫ ވުމުން، ބޯވެފައިވާ ހަންކޮޅު ކަހާލައިގެންވެސް ވަގުތީ ލުޔެއް ލިބިދާނެއެވެ. އެހެންނަމަވެސް އަނެއްކާ ދުވަސްކޮޅަކުން ހަންބޯވެ، މުޅި ފަޔަށް ތަދުވާން ފަށާނެއެވެ. ދާއިމީ ޙައްލެއް ކަމުގައިވަނީ ބޭސްވެރިއެއްގެ އެހީގައި، އެ އެސްވަޅު ކޮނެ، ލޭތަކެއް އޮހޮރުވާ، މުލުން ލުހެލުމަށްފަހު، އެ ޒަޚަމަށް ހޭހަންކޮށް، ދިގު މުއްދަތެއް ހޭދަކޮށް، ޚަރަދުތަކެއް ކޮށްގެން، އެ އެސްވަޅުން "ސަލާމަތް"ވީމާ ނޫންތޯއެވެ؟

ޤައުމެއްގެ ސިޔާސީ ޙަޔާތުގައި ތަފާތު ދައުރުތަކެއް އަންނަ ކަމަށް، ސިޔާސީ ޢިލްމުގެ މާހިރުން ބުނެ އުޅެއެވެ. ފުރަތަމަ ދައުރަކީ ބިންގާ އެޅޭ ދައުރެވެ. އެ ދައުރުގައި އެ ނިޒާމެއްގެ އުސޫލުތައް ޤާނޫނު އަސާސީއެއްގެ ސިފައިގައި ކަރުދާހަށް ތިރިކުރެވެއެވެ. ދެވަނަ ދައުރަކީ، އެ އުފަންކުރި ނިޒާމު، ދެމެހެއްޓެނިވި ސިފައެއްގައި ތަންފީޒުކުރެވޭ ދައުރެވެ. ހަމަނުޖެހުންތަކާއި ދެކޮޅުވެރިކަމާވެސް އެކުއެކީގައެވެ. މި ދަންނަވާ ދައުރުގައި ޤާނޫނާއި އިންސާނީ ޙައްޤުތައް ނަގަހައްޓާނެއެވެ. ހާމަކަންބޮޑު ސިޔާސަތުތަކާއި ޖާވާބުދާރީކުރުވުމަށް އަހައްމިއްޔަތުދީފައިވާނެއެވެ. ތިންވަނަ ދައުރަކީ ދާޚިލީ ހަނގުރާމައެއް ނުވަތަ ޚުދުމުޚުތާރު ވެރިކަމެއް ތަޖުރިބާކުރަން ޖެހިދާނެ ދައުރެވެ. ކުއްލި ޙާލަތް އިޢުލާނުކުރުމާއި ހަނގުރާމައިގެ ޤަވާއިދުތައް އިސްކުރުން އެ ދައުރުގައި ފެނުން އެކަށީގެންވެއެވެ. މި ހަމަނުޖެހުމުގެ ދައުރުން އަރައިގަތުމަށްފަހު ދެން އަންނާނީ އިސްލާޙާއި ޤައުމު އާރާސްތުކުރުމުގެ ދައުރެވެ. އިންތިޤާލީ އިންސާފުގެ ފިކުރު ޤައުމެއްގައި އުފަންވަނީ އެ ފަދަ ދައުރެއްގައެވެ.

ދިވެހި ސިޔާސީ ތާރީޚުގައި، ކުރީގައި ނާއިންސާފު ތަހައްމަލުކުރަން ޖެހުނު މީހުންނަށް ފަހުން އިންސާފު ހޯދައިދިނުމުގެ ޘަޤާފަތެއް އުފަންވެފައެއް އަދި ނެތޭ ދެންނެވިދާނެއެވެ. އޮތީ، ކުރީގައި އަނިޔާވެރިންގެ ލަޤަބު ދީ، ލާއިންސާނީ އެތައް ޢަމަލެއްގެ ތުހުމަތުތައް ކުރެވުނު މީހަކު ކަމުގައިވިޔަސް، އޭނާގެ ތާއީދު "ގަނެގެން" އެ އިރެއްގެ ސަރުކާރަކަށް ފައިދާއެއް ލިބެން އޮތް ނަމަ، އެ "ލާއިންސާނީ ޖަރީމާތައް" ހަނދާނުން ފުހެލުމުގެ ޘަޤާފަތެވެ. އެ ޘަޤާފަތް މިއަދު ބަދަލުކުރެވޭނެ ކަމުގެ އުއްމީދު ފެންނަކަމުގައިވިޔަސް، އެ އުއްމީދުގެ ހުޅުކޮޅުން އަލިކަމެއް ހޯދަން ރުހޭނީ ކިތައް މީހުން ބާވައެވެ؟

އެއްބައެއްގެ ހިތުގައި އިންތިޤާލީ އިންސާފުގެ މަރުޙަލާގެ މުހިއްމު ކަމާމެދު ސުވާލު އުފެދޭ އިރު، އަނެއް ބަޔަކު ކުރަނީ، އެއިން އިންސާފު ލިބޭނޭކަމާމެދު ކުރާ ސުވާލެވެ. މި މައްސަލަ ނިމޭ ގޮތެއްގެ މައްޗަށް ރިޢާޔަތްކޮށް، ރޮހިންޔާ މީހުންނަށް ކުރި އަނިޔާގެ މައްސަލައާ ގުޅިގެން މިޔަންމާގެ އައުން ސާން ސޫޗީ އަށް ދިން ނޯބެލް ޕީސް ޕްރައިޒް އަތުލަން ގޮވާލި ފަދައިން، އަޅުގަނޑުމެން ދިވެހިންގެ މިނިވަންކަމުގެ ބާނީކަމަށް މިހާތަނަށް ބަލަމުން ދިޔަ ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސަށް ކިޔަމުންދިޔަ ތަހާނީ އާއި ޘަނާ ހުއްޓުވަން ޖެހޭނެ ބާވައެވެ؟ ލީޑަރެއްގެ ހިންގި ލާއިންސާނީ ޢަމަލެއްގެ ސަބަބުން، އޭނާގެ "ހަނދާން" ކިލަނބު ކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ބާވައެވެ؟ މިހާހިސާބުން ހިތާ ހިތާ ސުވާލުކޮށްލާށެވެ. އެކެއްގެ ޤަދަރާއި ކާމިޔާބީ އަދި ތަރިކަ ހިމާޔަތްކުރުމުގެ މަޤްޞަދަކުގައި ބޮޑު ޖަމާޢަތަކަށް ލިބުނު އަނިޔާގެ އަގެއް ނެތްކަމަށް ނިންމުން އެއީ އިންސާފެއް ތޯއެވެ؟ ހަނދާނުގައި ބަހައްޓަން ޖެހޭ އެއްކަމެއް އެބައޮތެވެ. އިންސާފު މި ހޯދަނީ ކުށްވެރިންތަކަކަށް ދިން އަދަބުގެ ބަދަލުގައެއް ނޫނެވެ. ބަޔަކު ކުށެއް ކުރިކަމަށް ތުހުމަތުކޮށް، އެ މީހުން ނިސްބަތްވާ ރަށުގެ ކުދިބޮޑު ހުރިހާ ރައްޔިތުންނަށް ނުޙައްޤުން ދިން އަނިޔާއަކަށެވެ.

ކޮންމެއަކަސް، މިއީ ފެށުމެއް ކަމަށް ބަލަމާ ހެއްޔެވެ. ތިނަދޫ ފަޅުކުރި މައްސަލައިގެ އަޑުއެހުންތަކުން އެދެވޭ ނަތީޖާއެއް؛ އެބަހީ، އަނިޔާ ލިބުނު މީހުންނަށް ބަލައިގަނެވޭ ނަތީޖާއެއް ނިކުމެއްޖެނަމަ، އެއީ ދިވެހިންނަށް ސަރުކާރު ޖަވާބުދާރީކުރެވިދާނެކަމުގެ ފެހި ސިގުނަލެއް ކަމަށް ބެލިދާނެއެވެ. އަދި މިފަދަ އިތުރު މައްސަލަތަކުގައި އިންސާފު ލިބުމަށް އޮތް މުހިއްމު ޕްރިސިޑެންޓެއްކަމުގައި ބެލެވިދާނެއެވެ. އަޅުގަނޑުމެންނަށް އޮތީ، މި މަރުޙަލާ ކުރިއަށްދާގޮތް ބެލުމެވެ. ކޮންމެ ނަތީޖާއެއް ނިކުތްކަމުގައިވިޔަސް، މި އަޑުއެހުންތަކުގެ ތެރެއިން މިހާތަނަށް ކަރުދާހަށް ތިރިނުކުރެވި ހުރި ތުހުމަތުތަކަކާއި ތަޖުރިބާތަކެއް ޔައުމިއްޔާވެ އަރުޝީފުވެގެންދާނެއެވެ. އެއީވެސް ކޮންމެވެސް ވަރެއްގެ ތަސައްލީއެކެވެ. މިއީ އިންސާފުގެ ބަނދަރާ ދިމާއަށް ޤައުމު މިސްރާބުޖެހުމުގެ ކޮޅުމަތިކަމުގައި ޚުދު އަޅުގަނޑުވެސް މި ދެކެނީ ވަރަށް ފަރުވާތެރިކަމާއެކު، ޖެހިލުންވެ ހުރެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox