މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 35ރ. ބަހަން ބެންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
މިއީ މިހާތަނަށް އެ ކުންފުނީގެ ތާރީހުގައި ހިއްސާއަކަށް އެންމެ ބޮޑު ފައިދާއެއް ދޭނެ އަހަރެވެ.
މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 188.3 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބީއެމްއެލް އިން ބަހާނެ އެވެ.
އަދި، އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 13 ރުފިޔާގެ މަގުން ޖުމްލަ 69.9 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ބަހާނީ، އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި ފާސްކޮށްގެން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
އޭގެ އިތުރުން، އިންޓެރިމް ޑިވިޑެންޑް ދިނުމަށް ހަމަޖެހިފައިވަނީ އެޕްރީލް 10، އާ ހަމަޔަށް ހިއްސާދާރުންގެ ތެރެއިން ބޭންކުގެ ހިއްސާ ރަޖިސްޓަރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
2020 ގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15ރ. މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ބަހާފައިވެ އެވެ. އަދި، 2019 ވަނަ އަހަރު އެ ބޭންކުން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައި ވަނީ 129.17 މިލިއަން ރުފިޔާ އެވެ.










