ހަންނަ ގައުމީ ޓީމުގައި: ނަސީބުގެ ވާހަކަ، ހައްގު މަގާމެއް ހޯދަން ދުލެއް ނުދިން!

ގައުމީ ޓީމުގެ ހުނަރުވެރި ވިންގް، ހަސަން ރާއިފް އަހުމަދު (ހަންނަ).-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ގައުމީ ޓީމުގެ ހުނަރުވެރި ވިންގް، ހަސަން ރާއިފް އަހުމަދު (ހަންނަ).-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި ސާފް ސުޒުކީ ކަޕަށް ތައްޔާރުވާން ޕީޓަ ސެގާޓްގެ ކޯޗުކަމުގައި ގައުމީ ފުޓްބޯޅަ ޓީމުން ގަތަރުގައި މަހަކަށް ވުރެ ގިނަ ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަަމަކޮށް، ސްކޮޑު ފައިނަލްކުރަން ފަސް ކުޅުންތެރިން ބާކީކޮށް އެނބުރި ގައުމަށް ފޮނުވާލަން ޖެހުނު ކުޅުންތެރިންގެ ތެރޭގައި ޒުވާން އުމުރުގައި ތަފާތު ދައްކަމުން އައި ހަސަން ރާއިފް އަހުމަދު (ހަންނަ) ހިމެނެ އެވެ. އެ ފަހަރު ޓީމުން ބާކީވި ގޮތަކީ ހަނދާނުން ފޮހެލަން އުނދަގޫވާނެ ކަމެއް ކަމަށް ނަމަވެސް ހަންނަ ބޭނުންވީ ކުރަމުން އައި މަސައްކަތް ހުއްޓައިނުލުމަށެވެ. ގައުމީ ޓީމުން ޖާގަ ހޯދަން ކުރާ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

އޭގެ ފަހުން މިދިޔަ އަހަރު ޖޫން މަހު ކުޅެން ހަމަޖެހިފައި އޮތް ފީފާ ވޯލްޑް ކަޕް ކޮލިފައިން އަށް ކޭމްޕް ފުރުމުގެ ކުރިން ގައުމީ ޓީމުން ހޮޓަލް ޖެންގައި ކޭމްޕްކުރިއިރު، ޓީމާ އެކު ހަންނަ ވެސް ޗެކިން ވި އެވެ. އެކަމަކު، ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ފަހަރު ޓީމާ އެކު ދިއުމުގެ ފުރުސަތު ގެއްލުނެވެ.

ދިރިއުޅުމެކޭ އެއްގޮތަށް ބައެއް ފަހަރު ފުޓްބޯޅައިގައި ވެސް ނަސީބުގެ އެހީ ބޭނުންވާނެ އެވެ. ގައުމީ ޓީމާ އެކު ހަންނަގެ ފުރަތަމަ ދެ ތަޖުރިބާ ފެނުނީ ނަސީބުގެ އެހީ ނުލިބި އެވެ. އެ ވަރުން ވެސް ފަސް އެނބުރި ނުބަލައި ކުރީ މަސައްކަތެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ހަންނަ ބޯޅަ ހިފައިގެން.-- ފޮޓޯ: އެފްއޭއެމް

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގެ ޓްރެއިނިން ކޭމްޕަށް ދިޔައިރު، ހަންނަގެ އެއް އަޒުމަކަށްވީ އޭގެ ތިން އަހަރު ކުރިން ފައިނަލް ސްކޮޑުން ބާކީވި ހަނދާންތަކުން އަރައިގަންނަން ބުރަކޮށް މަސައްކަތް ކުުރުމަށެވެ. ހިތްވަރު އެލުވާނުލައި ޓްރެއިނިންގައި ކުރި މަސައްކަތުން ސްކޮޑަށް އެރިއިރު، ކުރިން ނުލިބި އޮތް ނަސީބުގެ އެހީ ކޮންމެވެސް ގޮތަކަށް މި ފަަހަރު ލިބުނެވެ. އެއީ އެންމެ ބޭނުންވި ގޮތަށް ލިބުނު ފުރުސަތެއް ނޫން ނަމަވެސް ޓީމުގެ ޖާގައަކަށް ފެންބޮވައިގަނެފައި ހުއްޓައި ލިބުނީ ވަރަށް އެދިގެން ހުރި ފުރުސަތެކެވެ.

ގަތަރުގެ ޓްރެއިނިން ކޭމްޕްގެ ފަހު މެޗުގައި ގަތަރުގެ އާމީ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު ނާއިމްގެ ކަކުލަށް އަނިޔާވެ މާގިނަ ވަގުތު ކުޅެވޭ ގޮތްނުވެ، އޭނާ ޖެހުނީ ވަގުތުން ބަދަލުކުރާށެވެ. ނާއިމްގެ ބަދަލުގައި ހަންނަ ކުޅެން އެރުވި އެވެ. އެ މެޗުގައި އޭނާގެ ފަރާތުން ރަނގަޅު ކޮންފިޑެންސް ލެވަލެއްގައި މޮޅު ކުޅުމެއް ފެނުނެވެ.

"ނާއިމް އިންޖަރީ ނުވިނަމަ ހިއެއްނުވޭ ހަންނަ އެ ފަހަރު ސްކޮޑުގައި (ސާފް ޗެމްޕިއަންޝިޕް ސްކޮޑުގައި) ލައްވާލާނެހެން،" ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާއާ ހަވާލުވެ ހުރި އަލީ ސުޒޭން މީގެ ކުރިން ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް ސްކޮޑުގައި ހަންނަ ހިމެނި، ސްރީ ލަންކާއާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ރަނގަޅަށް ކުޅުނެވެ. ގޯލެއް ޖަހަން ލިބުނު ފުރުސަތުގައި ކަންދިމާވީ އެންމެ ރަނގަޅަކަށް ނޫނެވެ.

ސާފް ޗެމްޕިއަންޝިޕްގައި ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ހަންނަ ބޯޅަ ހިފައިގެން.-- ފޮޓޯ: އަދަދު

ސާފް ޗެމްޕިއަންޝިޕްގައި ލިބުނު ފުރުސަތުގައި ދެއްކި ތަފާތާ އެކު މިދިޔަ އަހަރު ނޮވެމްބަރު މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި ކުޅުނު ގައުމީ ޓީމުން ވެސް ހަންނަ އަށް ފުރުސަތު ލިބުނެވެ.

އެކަމަކު، އެ މުބާރާތުގެ ކުރިން ގައުމީ ޓީމާ ހަވާލުވި އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖޭން ކުޅުނު ފުރަތަމަ ދެ މެޗުގައި ހަންނަ އަށް ކުޅެލުމުގެ ފުރުސަތެއް ނުލިބެ އެވެ. ތިން ވަނަ މެޗުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅެން އޮތް މެޗުގެ ވޯމްއަޕްގައި ނާއިޒު ހަސަން (ދާދު) އަށް އަނިޔާވެ، ވަގުތުން ކޯޗު މޮރިއޭރޯ އާއި ކޯޗިން ސްޓާފުން ނިންމީ ހަންނަ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދޭށެވެ.

"އެ ދަނޑުގެ (ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގެ) ހާލަތުގެ ގޮތުން އެ ދުވަހު އެންމެ ރަނގަޅަށް ނުކުޅެވުނީ. ދެން، ހީވެސް ނުކޮށް ހުރެފައި ކުއްލިއަކަށް ކުޅެން އަރައި، އެ ގޮތަށް އޮތް ދަނޑެއްގައި ކުޅެވޭނެ ރަނގަޅަށް ކުޅެވުނު. ކޮންފިޑެންސް ރަނގަޅުކުރަން ބަލާއިރު، މެޗެއް އެ ގޮތަށް ސްޓާޓް ކުރެވުމަކީ ރަނގަޅު ކަމެއް ކަމަށް ފެންނަނީ،" ފޯ ނޭޝަންސް ކަޕްގައި ސީޝެލްސްއާ ދެކޮޅަށް ކުުޅުނު މެޗާ ބެހޭގޮތުން ހަންނަ "އަދަދު" އަށް ބުންޏެވެ.

ގައުމީ ޓީމުން އެ ލިބުނު ފުރުސަތުތަކަށް ފަހު ހަންނަ މި ފަހަރުގެ ސީޒަނާ ކުރިމަތިލިއިރު، އޭނާ ހުރީ ކެރިއަރުގައި މިހާތަނަށް ފެނުނު އެންމެ ތަފާތު ފޯމުގަ އެވެ.

ހަންނަ އީގަލްސް އަށް ގެނައީ އެ ޓީމުގެ މިހާރުގެ ވައިސް ޗެއާމަން އަދި ކުރީގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އަށް ފެނިގެންނެވެ. އެއީ 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕްގެ މެޗުތައް އައްޑޫގައި ކުޅުނުއިރު، އެ ފަަހަރު ހިތަދޫ ޓީމުން ފާހަގަވެގެންނެވެ.

އޭގެ ފަހުން އިހުސާން އަބްދުލް ގަނީ (ސާންތީ) އީގަލްސްގައި ޓީމެއް ބިނާކުރުމަށް ހިންގި ޕްރޮޖެކްޓްގެ ތެރެއިން 2016 ވަނަ އަހަރު އީގަލްސް ސީނިއާ ޓީމުން ފުރުސަތު ހޯދައި، މިހާތަނަށް ހަންނަ އެ ޓީމުގައި އެންމެ ރަނގަޅަށް ކުޅެމުން އަންނަނީ މި ސީޒަނުގަ އެވެ.

މި ފަހަރުގެ ސީޒަނުގެ މެޗެއްގެ ތެރެއިން ގޯލު ޖެހުމަށް ފަހު ހަންނަ އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި ފަހަރުގެ ސީޒަނުގައި މިހާތަނަށް މުހައްމަދު ޝާޒްލީ (ޝާޒް) އާއި އަހުމަދު ނިމާދު (ނިމާ)ގެ ކޯޗުކަމުގައި ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތާއި އުރީދޫ ދިވެހި ޕްރިމިއާ ލީގާ އެކު ހަންނަ ވަނީ ޖުމްލަ 12 މެޗު ކުޅެފަ އެވެ. ފަސް ގޯލު ޖަހައި އަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިންއިރު، ފަސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވަނީ ހޯދައިފަ އެވެ. ލޯކަލް ކުޅުންތެރިންނަށް ބަލާއިރު، އެންމެ ގިނައިން މެޗުތަކުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިންގެ ތެރޭގައި ހަންނަ ހިމެނެ އެވެ.

"މިހާތަނަށް ބަލާއިރު، މިއީ ކެރިއަރުގެ އެންމެ ރަނގަޅު ސީޒަނޭ ބުނެވޭނީ،" ސ. ހިތަދޫ އަށް އުފަން ހަންނަ، 24، ބުންޏެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމުން މިރޭ ފީފާ ރެޖިސްޓާޑް ފްރެންޑްލީ މެޗެއް ކުޅޭނެ އެވެ. އެ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ ވަނީ ޓީމުގައި ގިނައިން ފުރުސަތު ނުލިބި ތިބި ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި އެ ކުޅުންތެރިންނަށް ހައްގުވާ ފުރުސަތު ދޭން ބޭނުންވާ ކަމަށެވެ. މޮރިއޭރޯ އެ އިޝާރާތް ކުރީ ހަންނަ ފަދަ މަދުން ފުރުސަތު ލިބިފައިވާ ކުޅުންތެރިންނަށް ކަމަށް ވުމުގެ ފުރުސަތު އެބައޮތެވެ.

ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) ފަދަ ގައުމީ ޓީމުގެ އެޓޭކިން ލައިނުގެ މުހިންމު ކުޅުންތެރިންތަކެއް އެއްކޮށް ފިޓް ނޫންކޮށް ތިބި މި ދަނޑިވަޅުގައި ގައުމީ ކޯޗު މޮރިއޭރޯ އަށް ވަނީ އާ ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހިފަ އެވެ. އޭނާ ވަނީ ގިނަ ކުޅުންތެރިންތަކަކަށް މިރޭ ނުވައެއް ޖަހާއިރު ފަށާ މެޗުގައި ފުރުސަތު ދޭނެ ކަމަށް ވެސް ބުނެފަ އެވެ.

މި ސީޒަނުގައި އިންޑިވިޖުއަލީ ކުޅުންތެރިން ދެއްކި ކުޅުމަށް ބަލާއިރު، މިރޭ ބަންގްލަދޭޝާ ދެކޮޅަށް ގައުމީ ޓީމުން ނެރޭ ފުރަތަމަ އެގާރައިގައި ޖާގައެއް ހައްގުވާވަރުގެ ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ ހަންނަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox