ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބޭ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ސިލްސިލާކޮށް ހިންގަމުން އަންނަ ހަރަކާތުގެ ދަށުން އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ރާވަމުން އަންނަ "ނޭވާހޮޅިއަށް" އެއްވުން އާންމު ސަލާމަތަށް ނުރައްކާވާތީ ކުރިއަށް ގެންދިޔުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެ އެ ހަރަކާތުގައި ބައިވެރިވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ ވަރުގަދަ އިންޒާރެއް ފުލުހުން ވަނީ އިއްޔެ ދީފަ އެވެ.
"ނޭވާހޮޅިއަށް" ނަމުގައި ބާއްވާ މި އެއްވުން ކުރިއަށް ގެންދަން ހަމަޖެހިފަ ވަނީ މާޗް 25، ވާ ހުކުރު ދުވަހުގެ ހަވީރު 4 އިން 6 އަށް މާލޭގެ މަގުތަކާއި، ޕީޕީއެމް އޮފީސް ސަރަހައްދާއި، ކާނިވާ ސަރަހައްދާއި، ރަސްފަންނު ސަރަހައްދާއި، ބޮޑުތަކުރުފާނު މަގާއި، މާލޭ ދެކުނުފަރާތު އުސްފަސްގަނޑު ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން އިއްޔެ ބުނެފައިވެ އެވެ.
އިދިކޮޅު ކޯލިޝަންގެ މި ބޮޑު އެއްވުމަށް ރަށްރަށުން ވެސް މީހުން މާލެ އަންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އެ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫންކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަ ހުރި ކަމަށް ފުލުހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"ގިނަ އަދަދެއްގެ ދުއްވާ އެއްޗެހި ބޭނުން ކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކް ކޮށް ރައްޔިތުންނާއި އާންމު ދަތުރު ފަތުރާއި ހިދުމަތްތަކަށް ހުރަސްއެޅޭގޮތަށް ކަންތައްތައް ކުރުމަށް ރޭވުމާއި، މާލޭގައި އުޅޭ ކުށްކުރާ ގްރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށާއި، އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއްވަގުތެއްގައި އެކި ސަރަޙައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތުން ދަނީ ރާވަމުން،" މި އެއްވުން ހުއްޓުވާނެ ކަމުގެ އިންޒާރު ދެމުން ފުލުހުން އިއްޔެ ނެރުނު ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން، މިފަދަ ސިފަތައް ފެންނަން ހުރުމާއި އެއްވުމުގެ ސަބަބުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އެރުމުގެ ފުރުސަތު ބޮޑުވުމުން، އެ އެއްވުން ނުބޭއްވުމަށް ޕީޕީއެމް އަށް އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އަދި، އެއްވުމުގައި އެއްވެސް މީހަކު ބައިވެރިނުވުމަށް ފުލުހުން ވަނީ އިއްޔެ އިލްތިމާސް ކޮށްފަ އެވެ.

"ގާނޫނާ ހިލާފަށް އެއްވުން ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށާއި، މި އެއްވުމުގައި ބައިވެރިވެ، ގާނޫނާއި ހިލާފު އަމަލުތަކަށް މަގުފަހިކުރުވާ ކަމަށް ތުހުމަތުކުރެވޭ އެއްގަމު އުޅަނދާއި، ކަނޑު އުޅަނދު ބަލައި ފާސްކުރާނެ ކަމަށާއި، އަދި މިފަދަ އެއްވުމެއް ބާއްވައިފިނަމަ އެއްވުން ރޫޅާލާ، ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ،" ފުލުހުން އިއްޔެ ނެރުނު ބަޔާނުގައިވެ އެވެ.
އެ ހަރަކާތަކީ "ގާނޫނާ ހިލާފު" ހަރަކާތެއް ކަމަށް ސިފަކުރައްވަމުން، އެ ހިނގާލުމަށް ފުރުސަތު ނުދެވޭނެކަމަށް އިދިކޮޅު ކޯލިޝަނަށް އަންގާފައިވާނެ ކަމަށް މީގެކުރިން ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވެ އެވެ.
އިންޑިއާ އައުޓް ކެމްޕެއިނުގެ ބެކްގްރައުންޑް
އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅު ކޯލިޝަނުން ކުރަން ފެށީ އުތުރުތިލަފަޅު އެއްބަސްވުމާއި މުޅި ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭއެއް ހެދުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކުރި އެގްރިމެންޓުގެ ތަފްސީލު ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ.
އެގްރިމެންޓުތައް ހާމަ ކުރަން ދެކޮޅު ހެދުމުން އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ވަނީ އެކި މަސައްކަތް ކުރައްވައިގެން އެންމެފަހުން މަޖިލީހުގެ ކޮމެޓީއެއްގައި އެގްރިމެންޓް ބައްލަވައިފަ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުވާ ދެކޮޅު ކަމަށް ބުނެ ޕެޓިޝަނެއްގައި ސޮއި ކުރަން ފެށީ އެ ހިސާބުންނެވެ.
ދިވެހިންގެ މިނިވަންކަން ގެއްލެމުންދާ ކަމަށް ބުނެ އެންމެ ފުރަތަމަ ޕީޕީއެމުން ޖުލައި 30، 2021 ގައި ކެމްޕެއިނެއް ފެށީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގަ އެވެ. ކެމްޕެއިނުގެ ނަން "އިންޑިއާ އައުޓް" އަށް ބަދަލުވީ އޭގެ ފަހުންނެވެ.
ބައެއް މުހިންމު ހަބަރުތައް
- ވިޔަފާރި ކުންފުނިތައް ހަދަން ކައުންސިލްތަކަށް ހުއްދަ ނުދީ ސަރުކާރުން އެކަން ހިފަހައްޓައިގެން ތިބޭ ކަމަށް ތުހުމަތުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ނުރުހުން ފާޅުކުރެއްވީ އިއްޔެ އެވެ.
- ރާއްޖޭގައި އެންމެ ބޮޑު އަދި އެންމެ ގިނަ ދުވަސްވަންދެން ނެރުނު ނޫސް، ހަވީރު ނޫހުގެ ހިއްސާދާރުންގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ނިންމުން މުރާޖައާ ކުރުމަށް އެ ކޯޓުގެ ގަވާއިދުގައި ބަޔާންކުރާ މިންގަނޑަށް ނުފެތޭ ކަމަށް އެ މައްސަލަ ރައްދުވާ އަބްދުﷲ ފާރޫގު ހަސަން އަދި އިބްރާހިމް ރަޝީދު މޫސާގެ ވަކީލު ކޯޓުގައި ވިދާޅުވީ އިއްޔެ އެވެ.
- މި އަހަރުގެ ރޯދަ މަހަށް ދޭންޖެހޭ ހާއްސަ އިނާޔަތް، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދިނުމަށް ފިނޭންސް މިނިސްޓްރީން އެންގީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
މުޖްތަމައުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދުމަށް، ގޭ ތެރޭގައި އުފުލަންޖެހޭ ޒިންމާތަކުގައި ފިރިހެނުން ހިއްސާވާ ނަމަ ހަމަހަމަ ކަމަށް ހުރި ހުރަސްތައް ނައްތާލެވޭނެ ކަމަށް ދެކެވަޑައިގަަންނަވާ ކަމަށް ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވީ:
"ނިންމުންތައް ނިންމުމުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން އޮންނަންޖެހޭ. ސަބަބަކީ އޭގެ އެންމެ މުހިންމު ބޭނުމަކީ ފިރިހެނެއްގެ ނަޒަރުން ވިސްނިފައިނުވާ ތަޖުރިބާ ކޮށްފައިނުވާ އެތައް ކަމެއް އަންހެނެއްގެ ނަޒަރުން ވިސްނައި، ކަންކަން ނިންމުމުގައި އެކަންކަން ހިއްސާވެގެން ދިއުން،"
ދުވަހުގެ ފޮޓޯ

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ބަންގްލަދޭޝް ޓީމު ކުޅޭއިރު، އެ މެޗުގެ ޓިކެޓް ގަތުމަށް އިއްޔެ ބަންގްލަދޭޝްގެ ރައްޔިތުން ގަލޮޅު ދަނޑު ކައިރީ ކިއު ހަދައިގެން. ޓިކެޓް ވިއްކަނީ ގޮނޑިބަރިން 100 ރުފިޔާ އަށް އަދި ސިޑިބަރިން 75 ރުފިޔާ އަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"ޑިސްއެބިލިޓީ-އިންކުލޫސިވް އެޑިއުކޭޝަން ޕްރެކްޓިސަސް އިން މޯލްޑިވްސް"
މިއީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުނގަންނައި ދިނުމަށް 2010 އިން 2020 އަށް ތަންފީޒުކުރި ތަފާތު އެކި ސިޔާސަތުތަކާއި އެ ކުދިންނަށް އުނގަންނައި ދިނުމަށް ބޭނުންކުރި ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައި ޔުނިސެފުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.












