މާސޭ (މާޗް 23) - ފްރާންސްގެ ގައުމީ ޓީމާ އެކު 2018 ގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްގެން ހޯދި ރަން މެޑަލް ވަގަށް ނަގާފައިވާ ކަމަށް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.
ޕޮގްބާ މިވަގުތު ހުރީ ގައުމީ ޓީމާ އެކު ފްރާންސްގެ މާސޭގަ އެވެ. އެ ޓީމު ތައްޔާރުވަމުން އަންނަނީ އައިވަރީ ކޮސްޓާއި ސައުތު އެފްރިކާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ ދެ މެޗަށެވެ.
ޕޮގްބާ 29، ވަނީ މިދިޔަ ހަފްތާގައި އޭނާގެ ގެއަށް ވަގުން ވަދެ ހިނގައިދިޔަ ކަންތައްތަކާއި ގުޅޭގޮތުން މީޑިއާގައި ވާހަކަދައްކާފަ އެވެ. ޕޮގްބާގެ ގެއަށް ވަގުން ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ މެޗު ކުޅުނު ވަގުތުގަ އެވެ. އެ ވަގުތު ގޭގައި ތިބީ ޕޮގްބާގެ ދެ ކުދިންނާއި އެ ދެ ކުދިން ބަލަހައްޓަން ގޭގައި ބަހައްޓާފައި ހުރި މީހާ އެވެ.
ޕޮގްބާ ބުނީ އެ ހާދިސާ އަށް ފަހު ދެ ކުދިން ތިބީ ވަރަށް ބޮޑު ޝޮކެއްގައި ކަމަށާއި ނަމަވެސް މިހާރު ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. ޕޮގްބާ ބުނީ ވަގުން ގެންދިޔަ ތަކެތީގެ ތެރޭގައި އޭނާގެ މަންމަގެ ގަނަހާތަކާއި، ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ރަން މެޑަލް ވެސް ހިމެނޭ ކަމަށެވެ.
ފްރާންސް އިން 20 އަހަރު ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ފައިނަލްގައި ކްރޮއޭޝިއާ 4-2ގެ އިން ބަލިކޮށްގެންނެވެ. މި މެޗުގައި ފްރާންސްގެ ތިން ވަނަ ލަނޑު ޖަހައިން ޕޮގްބާ މޮޅު ކުޅުމެއް ދެއްކި އެވެ.
ޕޮގްބާ މިހާރު ކުޅެމުން އަންނަ މެންޗެސްޓާ ޔުނައިޓެޑާ ގުޅުނީ 2016 ވަނަ އަހަރު އޭރުގެ ރެކޯޑު ފީއެއްކަމަށްވާ 118 މިލިއަން ޑޮލަރަށެވެ. ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާއިރު އޭނާ އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ ފުރުސަތު ކުޑަ އެވެ. ސަބަބަކީ ފޯމު ދަށްވުމުގެ ސަބަބުން ޓީމުގެ ފުރަތަމަ އެގާރައިން އޭނާއަށް ޖާގަ ގެއްލުމާއި، ކުލަބުގެ މެނޭޖުމަންޓާއި ޕޮގްބާގެ އޭޖެންޓް، މިނޯ ރައިއޯލާއާ ދެމެދު ދެބަސްވުންތައް އުފެދިފައި ވުމެވެ.
ސީޒަންގެ މުހިންމު ދަނޑިވަޅެއްގައި ގައުމީ ޓީމާއިއެކު މެޗެއް ކުޅެން ދުވަސްކޮޅެއްގެ ބްރޭކެއް ލިބުމުން ޕޮގްބާ ހުރީ ހިތްހަމަ ޖެހިގެންނެވެ.
"ގައުމީ ޓީމާއި ގުޅެން މި ޖެހުނީ ރަނގަޅު ދަނޑިވަޅެއްގައި، ރަނގަޅު ދެ މެޗު ކުޅެ ކުޅުން ރަނގަޅު ކޮށްލަން ފުރުސަތު މި ލިބުނީ. ކުލަބަށް އެނބުރި ދާއިރު ފޯމު ރަނގަޅުވާނެ ކަމަށް އުއްމީދު ކުރަނީ" ޕޮގްބާ ބުންޏެވެ.
ޕޮގްބާ ދެން ފެނުމުގެ ފުރުސަތު އޮތީ ފްރާންސްގެ ޕީއެސްޖީ ނޫނީ ރެއާލް މެޑްރިޑުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.












