ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މާދަމާރޭ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ބަންގްލަދޭޝް ޓީމު ކުޅޭއިރު، އެ މެޗުގެ ޓިކެޓް މިއަދު ހަވީރު ވިއްކަން ފަށާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އެފްއޭއެމުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖްގައިވާ ގޮތުން މިއަދު ހަވީރު 16:00 ގައި ޓިކެޓް ވިއްކަން ފަށާނީ ބަންގްލަދޭޝް ސަޕޯޓަރުންނާއި ދިވެހި ސަޕޯޓަރުންނަށް ވަކި ދެ ގޭޓުންނެވެ. ދިވެހި ސަޕޯޓަރުންނަށް އޮލިމްޕަސް ގޭޓުން ޓިކެޓް ވިއްކާއިރު، ބަންގްލަދޭޝް ސަޕޯޓަރުންނަށް ޓިކެޓް ވިއްކާނީ ތިން ނަމްބަރު ގޭޓުންނެވެ.
ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ގޮނޑިބަރިން 100 ރުފިޔާ އަށް އަދި ސިޑިބަރިން 75 ރުފިޔާ އަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗުތަކުގެ ޓިކެޓްގެ ޑިމާންޑް ވަރަށް ބޮޑުވި އެވެ. ހާއްސަކޮށް ބަންގްލަދޭޝް މެޗުގެ ޓިކެޓްގެ ކަންކަން ދިޔައީ ވަރަށް ފޯރިގަދަކޮށެވެ.
ޖުމްލަ ވިއްކަން ހަމަޖެހިފައިވަނީ 5000 ޓިކެޓް!
ރާއްޖޭން 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހު މާލޭގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ރާއްޖޭގެ ސަޕޯޓަރުންނާއި ބަންގްލަދޭޝް ސަޕޯޓަރުންނަށް ވަކިން ޓިކެޓް ވިއްކާ އުސޫލެއް ތަންފީޒުވާގޮތަށް ހަމަޖެހިފައި ނެތްއިރު، އެ މެޗުގައި ދަނޑުފުރާލީ ބަންގްލަދޭޝް ސަޕޯޓަރުން ވަދެ އެވެ.
މިދިޔަ އޮކްޓޫބަރު މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝާއި ރާއްޖެ ކުޅުނު މެޗުގައި ޓިކެޓް ވިއްކީ މުބާރާތުގެ ގަވާއިދުގައިވާ އުސޫލަށް ބަލައި، ބަންގްލަދޭޝް ސަޕޯޓަރުންނަށް 200 ޓިކެޓެވެ. އެ ފަހަރު ޓިކެޓްގެ މައްސަލަ ހޫނުވެ، ފަހުން ސޯޝަލް ސެންޓަރުގައި ވެސް ވަނީ ޓިކެޓް ވިއްކައިފަ އެވެ.
އެކަމަކު، އެފްއޭއެމުން މިހާރު ނިންމާފައިވަނީ ބަންގްލަދޭޝްގެ އެދުމާ އެކީގައި މި ފަހަރު ވިއްކަން ހަމަޖެހިފައިވާ 5000 ޓިކެޓްގެ ތެރެއިން 500 ޓިކެޓް ބަންގްލަދޭޝް ސަޕޯޓަރުންނަށް ވިއްކުމަށެވެ.
ރާއްޖެ އާއި ބަންގްލަދޭޝް، ގަލޮޅު ދަނޑުގައި މާދަމާރޭ ނުވައެއް ޖަހާއިރު ކުޅޭ މެޗަކީ ދެ ޓީމަށް ވެސް ހާއްސަ މެޗެކެެވެ. ރާއްޖެ އަށް ހާއްސަވަނީ މިއީ މިދިޔަ އަހަރު އޮކްޓޫބަރު މަހު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ގަލޮޅު ދަނޑުގައި ކުޅޭނެ ފުރަތަމަ މެޗެެވެ. އަނެއްކޮޅުން، މިދިޔަ ޖެނުއަރީ މަހު ބަންގްލަދޭޝް ގައުމީ ޓީމާ ހަވާލުވި ސްޕެއިނުގެ ކޯޗު ހަވިއޭ ކަބްރޭރާ އެ ޓީމު ގޮވައިގެން ނުކުންނާނެ ރަސްމީ ފުރަތަމަ މެޗަކީ މާދަމާރޭގެ މެޗެވެ.
އެންމެ ފަހުން ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނީ މިދިޔަ ނޮވެމްބަރު މަހު ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގަ އެވެ. އެ ފަހަރު ބަންގްލަދޭޝް އިން 2-1 އިން ރާއްޖެ ބަލިކުރިއިރު، މިއީ 18 އަހަރު ތެރޭ ބަންގްލަދޭޝް އަށް ރާއްޖެ އަތުން ލިބުނު ފުރަތަމަ މޮޅެވެ. އެ މެޗުގެ ބަދަލު ހިފުމުގެ ރޫހުގައި ރާއްޖޭން މާދަމާރޭގެ މެޗަށް ނުކުންނައިރު، މިއީ އަންނަ ޖޫން މަހު ކުޅޭ އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ގައުމީ ޓީމަށް މާލޭގައި ކުޅެލަން ލިބޭނެ ރަސްމީ ފަހު މެޗެވެ.











