ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން މެޖިސްޓްރޭޓް ކޯޓުތަކަށް ދައުވާ ހުށަހަޅަން ހާއްސަ އޮންލައިން ވިއުގައެއް ގާއިމުކޮށްފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ގާއިމުކުރި އެ އޮންލައިން ވިއުގަ އިން ރާއްޖޭގެ 187 ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތައް ގުޅުވާލެވިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އެ ވިއުގަ މެދުވެރިކޮށް ރައްކާތެރި އަދި ފަސޭހަ ނިޒާމަކުން ލިޔެކިޔުންތައް ފޮނުވޭނެ ކަމަށް ވެސް ޑީޖޭއޭއިން ބުނެ އެވެ.
އެ ވިއުގައާއި ގުޅިގެން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ ވިދާޅުވީ ނިޒާމުގެ ސަބަބުން ޝަރީއަތް ހިންގުން އަވަސްވެ، އިދާރީ ދަތިތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.
"މިއީ ޖުޑިޝަރީން ފަށާފައިވާ ޑިޖިޓަލައިޒޭޝަން މަސައްކަތުގައި ހިމެނޭ މުހިންމު އެއް ބައި. އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތް މުޅިން ނިމިގެން ދާއިރު އަދުލު އިންސާފު ހޯދުމަށް ފަސޭހައިން ވާސިލުވެވޭ ތަންތަނަށް ކޯޓުތައް ވެގެން ދާނެ،" ރިޒްނާ ވިދާޅުވި އެވެ.

އެ ނިޒާމަކީ މިހާރު ވެސް ކްރިމިނަލް ކޯޓުގައި ބޭނުންކުރަމުން އަންނަ ނިޒާމެކެވެ.
ޑީޖޭއޭ އިން އިތުރަށް ބުނީ އެ ނިޒާމު ބޭނުންކުރާނީ އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކުރެވެންދެން ކަމަށެވެ. އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމް ނިމުމާއެކު އިލެކްޓްރޯނިކް ފައިލިން ތައާރަފްވެ މައްސަލަ ހުށަހެޅުމުގެ ކަންކަން އޮޓޮމޭޓް ވެގެންދާނެކަމަށް ޑީޖޭއޭއިން ބުނެ އެވެ.













