ހަނގުރާމައެއްގެ ތެރޭގައި އޮތް ޔޫކްރެއިންގެ ކާކީވް ސިޓީގެ ޑޮކްޓަރެއްގެ އަތަށް ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް، އޭނާގެ އިންސްޓަގްރާމް އެކައުންޓް ދީފި އެވެ.
އިންސްޓަގްރާމުގައި ފޮލޯކުރާ 71.4 މިލިއަން މީހުން ތިބި ބެކަމް، އޭނާގެ ސޯޝަލް މީޑިއާ ހޭންޑްލް، ކާކީވް ގެ ޑޮކްޓަރެއްގެ އަތަށް ދޭން ނިންމީ ހަނގުރާމައެއްގެ ދަށުވެފައި ތިބެގެން ވެސް ޑޮކްޓަރުން ކުރާ ހިތްވަރު ދުނިޔޭގެ ވީހާވެސް ގިނަ ބަޔަކަށް ދައްކާލުމުގެ ގޮތުންނެވެ.
އައިރީނާ ނަމަކަށް ކިޔާ އެ އަންހެން ޑޮކްޓަރަކީ ކާކީވްގެ މައި ހޮސްޕިޓަލެއްގެ ޕްރިނޭޓަލް ސެންޓަރުގެ ހެޑް ގެ އިތުރުން ޗައިލްޑް އެނެސްތީސިއޮލޮޖިސްޓެކެވެ. އާދީއްތަ ދުވަހު އޭނާ ވަނީ، ބެކަމްގެ އިންސްޓަގްރާމް ސްޓޯރީއަށް، ހަނގުރާމައިގެ ސަބަބުން އޭނާ އާއި ޓީމުގެ މަސައްކަތަށް އަސަރު ކޮށްފައިވާ ގޮތް ދައްކުވައިދޭ ފޮޓޯތަކެއް ވެސް އަޕްލޯޑުކޮށްފަ އެވެ.
އައިރީނާ ޝެއާކޮށްފައިވާ ވީޑިއޯގައި ފެންނަނީ ހަނގުރާމަ ފެށުމުން މާބަނޑު މީހުންނާއި ވިހައިގެން ތިބި އަންހެނުންތައް ބަދަލުކުރި ބިންގަރާހެކެވެ. އަދި އެތަނުގައި އަލަށް ވިހާ ތުއްތު ކުދިންނަށް ފަރުވާދިނުމަށް ހަދާފައިވާ އައިސީޔޫ އެކެވެ.


އައިރީނާ އާއި އޭނާގެ ޓީމު
ވީޑިއޯގައި އައިރީނާ ބުނާ ގޮތުން، ސިޓީގެ ހާލަތު އޮތްގޮތުން އޭނާ އާއި ޓީމަށް ހިންދެމިލާނެ ފުރުސަތެއް ނުލިބި ސައުވީސް ގަޑި އިރު މަސައްކަތުގައި އުޅެންޖެހިފައިވާ ކަމަށެވެ.
"މަސައްކަތުގައި ދެމިތިބެ މި ނަގަނީ ވަރަށް ބޮޑު ރިސްކެއް. އެކަމަކު އަހަރެމެން އަހަރެމެންގެ މަސައްކަތް ދެކެ ލޯބިވޭ،" އައިރީނާ ވީޑިއޯގައި ބުނެ އެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ރިއަލް މެޑްރިޑަށް ކުޅުނު 46 އަހަރުގެ މަޝްހޫރު ކުޅުންތެރިޔާ ބެކަމް އަކީ 2005 ވަނަ އަހަރުން ފެށިގެން ޔުނިސެފްގެ އެމްބެސެޑަރެކެވެ. މިދިޔަ ހަފްތާގައި ކުރި ޕޯސްޓެއްގައި އޭނާ ވަނީ، ޔޫކްރެއިންގެ އާއިލާތަކަށް ސާފު ބޯފެނާއި ކާ ތަކެތި ފޯރުކޮށްދީ، ކުޑަކުދިންނަށް ތރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްކަށް އެހީތެރިވުމަށް ޔުނިސެފުން ހުޅުވާފައިވާ ޔޫކްރެއިކން ޗެރިޓީ ފަންޑަށް ވީ ވަރަކުން ޑޮނޭޓު ކުރުމަށް ވެސް ފޮލޯވަރުންގެ ކިބައިން އެދިފަ އެވެ.
"ޑޮނޭޓް ކުރާ ފަރާތްތަކަށް އޮތީ ވަރަށް ބޮޑު ޝުކުރެއް. އެމީހުން ކުރި ހޭދައިގެ ސަބަބުން އޮސިޖަން ޖެނަރޭޓަރު ތައް ވެސް ލިބި، އައިސީޔޫގައި ތިބި ނިއުބޯން ކުދިން ތިބީ ރައްކާތެރި ހާލަތެއްގައި،" ބެކަމް ބުންޏެވެ.
ކާކީވް އަކީ ޔޫކްރެއިންގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ އެވެ. މިދިޔަ ތިން ހަފުތާގައި ރަޝިއާ އިން އެންމެ ގިނަ ހަމަލާ އަމާޒުވެފައިވަނީ ވެސް އެ ސިޓީ އަށެވެ.






