ޓިއުރިން (މާޗު 21) - އިޓާލިއަން ލީގުގެ ތާވަލްގެ ފުލުގައި އޮތް ސެލަނިޓާނާ އަތުން އަމިއްލަ ދަނޑުގައި 2-0 އިން ރޭ މޮޅުވެ، ޔުވެންޓަސް އިން ހިންދެމިލައިފި އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި މިދިޔަ ހަފުތާގައި ވިޔަރެއާލް އަތުން އަމިއްލަ ދަނޑުގައި 3-0 އިން ބަލިވެ، ލަދުވެތި ގޮތަކަށް އެ މުބާރާތުން ކެޓުމުން ޔުވެންޓަސް އަށް އޮތީ ޕްރެޝަރު ކުރިމަތިވެފަ އެވެ.
އެކަމަކު އަމިއްލަ ދަނޑުގައި ރޭ ސެލަނިޓާނާ އަތުން ޔުވެންޓަސް މޮޅުވީ ޕައުލޯ ޑިބާލާ އަދި ޑުސާން ވްލަހޯވިޗް ޖެހި ލަނޑުތަކުންނެވެ. މިއީ ލީގުގެ މަތީ މަގާމަކަށް ފޯކަސް ކޮށްގެން ޔުވެންޓަސް އިން ކުރާ މަސައްކަތަށް ލިބުނު ހިތްވަރެކެވެ.
މި މެޗުން މޮޅުވެ، ޔުވެންޓަސް އޮތީ 59 ޕޮއިންޓާ އެކު ތާވަލްގެ ހަތަރު ވަނައިގަ އެވެ. ތާވަލްގެ ތިން ވަނައިގައި އޮތް އިންޓަ އާއި ޔުވެންޓަސްއާ ދެމެދު އޮތީ އެއް ޕޮއިންޓްގެ ފަރަގެކެވެ. އިންޓަ ވަނީ ޔުވެންޓަސް އަށް ވުރެ އިތުރަށް އެއް މެޗު ކުޅެފަ އެވެ. ތާވަލްގެ އެއް ވަނައިގައި އޮތް އޭސީ މިލާނާއި ޔުވެންޓަސްއާ ދެމެދު މިހާރު އޮތީ ހަތް ޕޮއިންޓްގެ ފަރަގެކެވެ.
"ޗެމްޕިއަންސް ލީގުން ޔުވެންޓަސް ކަޓާނެ ކަމަށް އެއްވެސް މީހަކު ހިއެއް ނުކުރާނެ. އޭގެ އަސަރު ޓީމަށްކޮށްފާނެ ކަމަށް ބެލެވުނު. އެކަމަކު، އެކަމެއް ނުފެނުނު،" މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މެސިމިލިއާނޯ އަލެގްރީ ބުންޏެވެ. "އެންމެ މުހިންމު ކަމަކީ މެޗުން ތިން ޕޮއިންޓް ހޯދައި، ފަހަތުގައި އޮތް ޓީމުތަކާ އޮތް ފަރަގު ބޮޑުކުރުން."
އިޓާލިއަން ލީގުގައި ރޭ ވާދަވެރި ލާޒިއޯ އަތުން ރޯމާ މޮޅުވީ 3-0 އިންނެވެ. ރޯމާގެ އިނގިރޭސި ފޯވަޑް ޓެމީ އަބްރަހަމް މި މެޗުގައި ދެ ލަނޑު ޖެހިއިރު، ލޮރެންޒޯ ޕެލެގްރީނީ ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. ޗެލްސީ ދޫކޮށް މި ފަހަރު ރޯމާއާ ގުޅުނު ޓެމީ ވަނީ މި ފަހަރު ހުރިހާ މުބާރާތެއްގައި ރޯމާ އަށް 40 މެޗުން 23 ގޯލު ޖަހައިދީފަ އެވެ.
"ރޭވި ގޮތަށް މި މެޗުގައި ޓީމުން ހުރިހާ ކަމެއް ވެސްކޮށްފި. މިއީ ވަރަށް ހާއްސަ މެޗެއް،" ރޯމާގެ ކޯޗު ޖޯސޭ މޮރީނިއޯ ބުންޏެވެ.
މި މެޗުން މޮޅުވެ، ރޯމާ އޮތީ 51 ޕޮއިންޓާ އެކު، ތާވަލްގެ ހަ ވަނައިގަ އެވެ. މި މެޗުގެ ނަތީޖާއާ އެކު، ލާޒިއޯ ވަނީ ހަތް ވަނަ އަށް ވެއްޓިފަ އެވެ. -- އޭއެފްޕީ












