ހަރުކަށި ފިކުރު ހުއްޓުވުމަށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަތުމުގެ މަޝްވަރާތައް އެޓާނީ ޖެނެރަލްގެ އޮފީހުން ފަށައިފި އެވެ.
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ މިއަދު ސަރުކާރުގެ ބައެއް އިސްވެރިންނާ އެކު އެ ގާނޫނު މުރާޖާ ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާފަ އެވެ.
މި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި، އެ އިދާރާތަކުގެ ބައެއް އިސްވެރިން ވެސް ބައިވެރިވި އެވެ.
ފަތުވާދޭ މަޖިލިސް އެކުލެވިގެންވާ ގޮތާއި އެ މަޖިލީހުގެ މަސްއޫލިއްޔަތުތައް މުރާޖަ ކުރުމުގެ އިތުރުން ހަރުކަށި ފިކުރު ހުއްޓުވުމަށް އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަތުމަށް މި ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.
އޭގެ އިތުރުން، ކޮންމެ މައްސަލައަކަށް ޖިނާއީ އަދުލުގެ ނިޒާމުން ހައްލު ހޯދުމުގެ ބަދަލުގައި ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކުން އިދާރީ ހައްލު ހޯދޭނެ ގޮތްތައް ދެނެގަތުމަށް ވެސް މަޝްވަރާކުރި އެވެ.

ހަމައެހެންމެ، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.
މިހާރު އޮތް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަކީ 1994 އިން ފެށިގެން އަމަލުކުރަމުންދާ ގާނޫނެކެވެ. މިދިޔަ 28 އަހަރުގެ ތެރޭ އެ ގާނޫނަށް ގެނެސްފައި ވަނީ އެންމެ ދެ އިސްލާހެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ގަސްތުކުރާ ބިލްތަކުގެ ތެރޭގައި މި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެ އެވެ.











