މާލޭ މާވެޔޮ މަގުގައި ހުރި ހަދަމުންދާ އިމާރާތެއްގެ މަތިން ވެއްޓުނު ފިލާގަނޑަކުން މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާގެ މައްސަލަ ބަލަން ފަށައިފި އެވެ.
އިއްޔެ ހަވީރު މާވެޔޮ މަގުގައި ހުންނަ ހަނީ ކޯނާ ފިހާރައިގެ ކުރިމަތީ ހުރި އިމާރާތުން ފިލާގަނޑެއް ވެއްޓި ހިނގި މި ހާދިސާގެ ވީޑިއޯއެއް މިއަދު ވަނީ އާންމުވެފަ އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި މާވެޔޮ މަގުން ދެކުނަށް ސައިކަލެއްގައި މީހަކު ދުއްވާފައި ދަނިކޮށް ހަދަމުންދާ އިމާރާތަކުން ކުއްލިއަކަށް ފިލާގަނޑެއް ވެއްޓި ދުއްވަން އިން ފިރިހެން މީހާގެ ކަނދުރާމަތީގައި ޖެހެ އެވެ. އަދި، އެވަގުތު އެ ފިލާގަނޑު ހިފަހައްޓަން ޖަހާފައި ހުރި ކަމަށް ބެލެވޭ ދަގަނޑު ދެ ހޮޅިއެއް ވެސް މަގުމައްޗަށް ވެއްޓެ އެވެ.
އެ ހޮޅިތަކުން މީހެއްގެ ގައިގައި ނުޖެހުނު ނަމަވެސް ވެއްޓޭ ފިލާގަނޑު އެ މީހާ ގައިގައި ޖެހުމަށްފަހު ގޮސް ޖެހެނީ ސައިކަލުތަކެއްގަ އެވެ. އަދި، ހޮޅިތަކުން ވެސް އެ ސައިކަލުތަކަށް ކޮންމެވެސް ވަރަކަށް ގެއްލުންވެ އެވެ.
އެ ހާދިސާގައި އިތުރު މީހަކަށް އަނިޔާ ނުވި ނަމަވެސް ފިލާގަނޑުން ޖެހުނު މީހާ އާ އެއްވަރަށް ދުއްވާފައިދާ މީހާގެ ބޮލުގައި ހޮޅިން ނުޖެހި ސަލާމަތްވަނީ ކިރިޔާ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މާލޭގައި މީހެއްގެ ބޯމައްޗަށް ފިލާގަނޑެއް ވެއްޓި އަނިޔާވިކަން ފުލުހުންނަށް އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަނިޔާ ލިބުނު މީހާ އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ނަމަވެސް އެ މީހާގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، މީގެ ކުރިން ވަނީ މިފަދަ އެތައް ހާދިސާއެއް ހިނގާފަ އެވެ.
އެގޮތުން، ހަދަމުންދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ޖިއާން މަރުވި ހާދިސާ އާއި ސިމެންތި ބަސްތާއެއް ވެއްޓި ބިދޭސީއެއް މަރުވި ހާދިސާ ފާހަގަ ކޮށްލެވެ އެވެ. މީގެ އިތުރުން ވެސް މިފަދަ އިހުމާލުގެ ހާދިސާތަކުގައި މީހުންގެ ފުރާނަ ގޮސްފައި އެބަ ހުއްޓެވެ.













