މިއުނިކް (މާޗް 20) - ޖަރުމަނު ލީގުގައި ރޭ ޔޫނިއަން ބާލިން އަތުން ބަޔާން މިއުނިކް 4-0 އިން މޮޅުވި މެޗުގައި އެ ޓީމުގެ ރޮބަޓް ލެވަންޑޯސްކީ އާއި މެނުއަލް ނޯޔާ ރެކޯޑްތަކެއް ހާސިލްކޮށްފި އެވެ.
ލެވަންޑޯސްކީ، 33، ވަނީ ރޭގެ ދެ ގޯލާ އެކު މި ފަހަރު ޖަރުމަނު ލީގުގައި 27 މެޗުން 31 ގޯލު ޖަހައިފަ އެވެ. މިދިިޔަ ދެ އަހަރު ފީފާ ބެސްޓް އެވޯޑްސް ހޯދި ލެވަންޑޯސްކީ އަކީ ގާޑް މުލާ އަށް ފަހު ފަސް ސީޒަނެއްގައި ޖަރުމަނު ލީގުގައި 30 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. އަނެއްކޮޅުން ރޭގެ މޮޅާ އެކު ނޯޔާ ވަނީ ޖަރުމަނު ލީގުގައި 311 މެޗުން މޮޅުވެ، ކުރިން އެންމެ ގިނަ މެޗު ކާމިޔާބުކުރުމުގެ ރެކޯޑް އޮތް އޮލިވާ ހާން ފަހަތަށް ޖައްސާލައިފަ އެވެ.
ރޭ ބަޔާން ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ފުރަތަމަ 25 މިނިޓް ތެރޭ ދެ ގޯލު ޖެހި އެވެ. އެ ގޮތުން 16 ވަނަ މިނިޓްގައި ކިންގްސްލީ ކޯމަން އޭރިއާބޭރުން ޖެހި ގޯލުން ލީޑުނަގައިދިން އިރު އޭގެ ނުވަ މިނިޓް ފަހުން ޓަންގީ ނިއާންޒޫ ވަނީ ބޮލުން ގޯލެއް ކާމިޔާބުކޮށް ބަޔާންގެ ލީޑުފުޅާކޮށްދީފަ އެވެ. ލެވަންޑޯސްކީ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެއް ކާމިޔާބުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ތިން ގޯލު ކުރީގައި އޮވެ، ހަމަޖެހިލި އެވެ. އަދި ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ލެވަންޑޯސްކީ ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ.
ބަޔާނުން މި މެޗުގައި ލީޑުނެގި ފަހުން ޔޫނިއަން ބާލިންގެ ރޮބިން ކްނޮޗާއި ޓައިވޯ އަނިޔޯވީ އަށް ގޯލު ޖަހަން ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު، މުޅި މެޗުގައި ވެސް ބަޔާން ކީޕަރު ނޯޔާގެ ގޯލަށް ބޯޅައެއް ވައްދާލެވޭ ގޮތެއްނުވި އެވެ،
ރޭގެ ނަތީޖާ އަށް ފަހު ބަޔާން ލީގުގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބަޔާނަށް 27 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ޑޯޓްމަންޑް އޮތީ 26 މެޗުން 56 ޕޮއިންޓެވެ.












