ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ބީޗްވޮލީބޯޅަ ކޮލިފައިންގައި ރާއްޖޭން ވާދަކުރާ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ކޮލިފައިން ފައިނަލުން މިއަދު ޖާގަ ހޯދައިފި އެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ކުޅެން ޖެހިފައިވަނީ ލަންކާ، މެލޭޝިއާ އަދި ސިންގަޕޫރާ ދެކޮޅަށެވެ. އިއްޔެ ހެނދުނު ލަންކާގެ ޕެއާ އަޝެން އާއި މަލިންތާގެ ޕެއާ އަތުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ބަލިވީ 21-18 އާއި 21-15 އިންނެވެ. އެކަމަކު، ދެ ވަނަ މެޗުގައި އިއްޔެ ހަވީރު ރާއްޖޭން ވަނީ ސިންގަޕޫރުގެ ޕެއާ ޒިހާއޯ އާއި ރޭމެންގް ގެ ޕެއާ އަތުން 21-12 އާއި 21-08 އިން މޮޅުވެފަ އެެވެ. މިއަދު ހެނދުނު މެލޭޝިއާގެ ޕެއާ، ޝޮން އާއި ސިމް އަތުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ބަލިވީ 19-21، 18-21 އިންނެވެ.
ގްރޫޕްގެ މެޗުތައް މިއަދު ހެނދުނު ނިމުނުއިރު، އެއް ވަނަ އަށް ދިޔައީ ހަ ޕޮއިންޓް ހޯދި އަޝެން އާއި މަލިންތާ އެވެ. ފައިނަލުގެ ފުރަތަމަ ޖާގަ ލިބުނީ އަޝެން އާއި މަލިންތާ އަށެވެ. ދެން އޮތް ތިން ޓީމު، ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ، ސިންގަޕޫރުގެ ޒިހާއޯ އާއި ރެމެންގެ ޕެއާ އަދި މެލޭޝިއާގެ ޝޮން އާއި ސިމްގެ ޕެއާ އަށް ވަނީ ހަތަރު ޕޮއިންޓް އެއްވަރުވެފަ އެެވެ. ތިން ޕެއާ އެއްވަރުވުމުން ދެން ބެލީ، ސްކޯރިން އަށެވެ. ސްކޯރިން އިން ރާއްޖެ އަށް 112 ޕޮއިންޓް ލިބުނުއިރު، މެލޭޝިއާގެ ޝޮން އާއި ސިމްގެ ޕެއާ އަށް ލިބުނީ 103 ޕޮއިންޓް ހޯދައިފަ އެވެ. އަދި ސިންގަޕޫރުގެ ޕެއާ، ޒިހާއޯ އާއި ރޭމެންގަށް ވަނީ 88 ޕޮއިންޓް ލިބިފަ އެވެ.
ފައިނަލް މެޗުގައި މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 6:30 ގައި ވާދަކުރާނީ ލަންކާގެ އަޝެން އާއި މަލިންތާގެ ޕެއާ އާއި ރާއްޖޭގެ ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އެވެ.
މި ފަހަރުގެ ކޮމަންވެލްތު ކޮލިފައިން އަކީ އެޑަމް އާއި ކުޑަކާއްޓެ ބީޗްވޮލީބޯޅައިގެ ޕެއާއެއްގެ ގޮތުގައި ކުޅޭ ދެ ވަނަ މުބާރާތެވެ. އެންމެ ފުރަތަމަ މުބާރާތަކީ މިދިޔަ މަހު ލަންކާގައި ބޭއްވި ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތެވެ. އެޑަމް އަކީ މި ފަަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ހޮވި އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާ އެވެ. ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ކުޑަކާއްޓެ ވެސް ހިމެނެ އެވެ. ކުޑަކާއްޓެ މީގެ ކުރިން ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ.
އަންނަ ޖުލައި މަހު ފަހުކޮޅު އިންގްލެންޑްގެ ބާމިންހަމްގައި ފަށާ ކޮމަންވެލްތު ކޮލިފައިންގައި ވާދަކުރުމުގެ ކުރިން ޓްރެއިނިންއެއްގެ ގޮތުން ގައުމީ ބީޗްވޮލީބޯޅަ ޓީމު ވަނީ ގަތަރުގައި ކޭމްޕެއް ބާއްވައިފަ އެވެ. ގަތަރު ޓްރެއިނިން ކޭމްޕްގައި ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާގެ އިތުރުން ގައުމީ ކޯޗު ވިނީޝިއުސްއާ އެކު ރާއްޖޭގެ އަނެއް ޕެއާ ކަމަށްވާ، އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ ވެސް ބައިވެރިވި އެވެ. ބީޗްވޮލީބޯޅަ ކުޅުންތެރިޔާ، ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) ހަރަކާތްތެރިވަމުން އަންނަނީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ.













