ރެޕްގެ ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) އެނބުރި ޖަލަށް ބަދަލުކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފެބުރުއަރީ 13ގައި ހައްޔަރުކޮށް، ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް އުފުލި އެވެ. އޭގެ ތެރެއިން ތިން ދައުވާއަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ މަސްތުވާތަކެތި ޓްރެފިކިންގެ ދައުވާތަކެވެ.
އުމުރު ދުވަހުގެ ހުކުމެއް އަންނަ ވަރުގެ ދައުވާއެއް އޮއްވާ، އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ޕެސްޓް ޝަކުވާ ކުރުމުން ޝަރުތުތަކާ އެކު ކުރިމިނަލް ކޯޓުން އޭނާ ދެ މަސް ދުވަހަށް ގޭބަންދަށް ބަދަލުކުރި އެވެ.
ނަމަވެސް, މިއަދު އޭނާ އެނބުރި ޖަލަށް ބަދަލުކުރުމަށް ހައިކޯޓުން ނިންމީ ބޭސްފަރުވާއާ ގުޅޭ ގޮތުން ކުރި ޝަކުވާތަކަށް ބެލި ކަމަށް ދަށު ކޯޓުގެ އަމުރުގައި އޮތް ކަމުގައި ވިޔަސް, އެ ކަންކަމުގެ ތަފްސީލު އެ ނިންމުމުން އެނގެން ނެތުމުންނެވެ. އަދި ބޭސްފަރުވާއަށް ޕެސްޓް ދޫކޮށްލިއިރު ރިޔާއަތް ކުރި ކަންކަން ކްރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައި ނެތުމުންނެވެ.
"ޝަރީއަތަށް ހުށަހެޅޭ ކަންކަމާ މެދު ގޮތެއް ކަނޑައަޅުއްވާއިރު ފަނޑިޔާރުގެ ނިންމެވުމަށް ވާސިލްވި ގޮތް ނިންމުމުން ސާފުވާން އޮތުމަކީ ހަސްމުންނަށް ލިބިގެންވާ ހައްގެއް،" ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުކުރަން ކުރި އަމުރަށް ތާއީދުކޮށް، އޭނާ އެނބުރި ޖަލަށް ބަދަލުކުރުމަށް ހައިކޯޓުން މިއަދު ކުރި އަމުރުގައި ވެއެވެ.

ހައިކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް އާއި، އިސް ފަނޑިޔާރުހާތިފް ހިލްމީ އާއި ފަނޑިޔާރު އަލީ ސަމީރު ހިމެނޭ ބެންޗަކުންނެވެ.













