ޔޫކްރެއިންގެ ވެރިރަށް ކިޔެވްގައި ރިޕޯޓު ކުރަމުން ދަނިކޮށް ރަޝިއާއިން ދިން ހަމަލާއެއްގައި ފޮކްސް ނިއުސްގެ ކެމެރާމަން ޕިއޭ ޒެކްރްޒިއުސްކީ މަރުވެއްޖެ އެވެ.
އެ ހަމަލާގައި ނޫސްވެރިޔާ ބެންޖަމިން ހޯލްއަށް އަނިޔާވި އެވެ. އޭގެ އިތުރުން ޔޫކްރެއިންގެ ނޫސްވެރިޔާ އޮލެކްސެންޑްރާ ކުވްޝިނޯވާ ވެސް މަރުވި އެވެ.
އަންގާރަ ދުވަހު ދެ ނޫސްވެރިން މަރުވެފައިވާ އިރު، ހޯމަ ދުވަހު ވެސް ކިޔެވްގައި ދިން ހަމަލާއެއްގައި އެމެރިކާގެ ނޫސްވެރިޔާ ބްރެންޓް ރެނޯޑް ވަނީ މަރުވެފަ އެވެ.

ފޮކްސް ނިއުސްގެ ޗީފް އެގްޒެކްޓިވް ސުޒޭން ސްކޮޓް ވިދާޅުވީ ޕިއޭ މަރުވީ ކިޔެވްގެ ބޭރުގައި އޮންނަ ހޮރެންކާ އަވަށުގައި ކަމަށެވެ.
"ޕިއާއަކީ ހަނގުރާމައިގެ ފޮޓޯ ނެގުމަށް ތަޖުރިބާކާރު ކެމެރާމަނެއް. އޭނާ ވަނީ ފޮކްސް ނިއުސްއާ އެކު ހުރިހާ ބައިނަލްއަގްވާމީ އިވެންޓެއް ކަވަރުކޮށްފައި. އޭގެ ތެރޭގައި އިރާގާއި، އަފްގާނިސްތާނާއި، ސީރިއާ ހިމެނޭ."
ސްކޮޓް ވިދާޅުވީ އުމުރުން 55 އަހަރުގެ ޕިއާ ވަނީ މިދިޔަ އޯގަސްޓް މަހު އަފްގާނިސްތާނުގެ ރައްޔިތުން އެ ގައުމު ދޫކޮށް ދާން ކުރި މަސައްކަތުގައި ވެސް އެހީވެފައި ކަމަށެވެ.
"އަފްގާނިސްތާނުގައި ތިބި އަޅުގަނޑުމެންގެ ފްރީލާންސް މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތައް ސަލާމަތްތެރިކަމާ އެކު އެހެން ގައުމުތަކަށް ފޮނުވުމުގައި އޭނާ މުހިއްމު ދައުރެއް އަދާކުރި."
ކޮންމެ އަހަރަކު އޮންނަ ފޮކްސް ނިއުސްގެ މުވައްޒަފުންގެ މެދުގައި ދޭ އެވޯޑު ހަފްލާގައި މިދިޔަ ޑިސެމްބަރު މަހު ވަނީ ޕިއޭގެ އަގު ވަޒަންކޮށް "އަންސަންގް ހީރޯ"ގެ އެވޯޑު ދީފަ އެވެ.










