މެޑްރިޑް (މާޗް 15) - ކަރިމް ބެންޒެމާ ޖެހި ރެކޯޑް ގޯލާ އެކު މަޔޯކާ އަތުން 3-0 އިން މޮޅުވެ، ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
ރޭގެ މެޗުގައި ބެންޒެމާ ޖެހި ދެ ގޯލާ އެކު އޭނާ އަކީ ފުޓްބޯޅަ ތާރީހުގައި ފްރާންސަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާ އެވެ. ރޭގެ ދެ ގޯލާ އެކު ބެންޒެމާ ވަނީ ކެރިއަރުގައި 413 ގޯލު ޖަހައި، ތިއަރީ އޮންރީ އަށް ވުރެ ދެ ގޯލު ކުރިއަށް ޖެހިލައިފަ އެވެ.
ރެއާލުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގައި، ވަނީ 28 މެޗުން 66 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އަށް 28 މެޗުން ވަނީ 56 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ ތިން ވަނައިގައި އޮތީ 27 މެޗުން 51 ޕޮއިންޓާ އެކު އެވެ. އަދި އެތުލެޓިކޯ މެޑްރިޑް ވަނީ 28 މެޗުން 51 ޕޮއިންޓް ހަމަކޮށްފަ އެވެ.
މަޔޯކާ ދަނޑުގައި ރޭ ރެއާލުން ތިން ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި މަޔޯކާ އަށް ލިބުނު އެއް ފުރުސަތުން އެ ޓީމުގެ ވެޑާޓް މުރީގީ ފޮނުވާލި ބޯޅަ ބޭރުވީ ގޯލުގެ ދަނޑީގައި ޖެހިގަ އެވެ. މެޗުގެ 55 ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިން ގޯލު ޖެހީ ވިނީޝިއުސް ޖޫނިއާ އެެވެ. މަޔޯކާގެ އޭރިއާކައިރިން ފެޑޭ ވަލްވޭޑޭ ބޯޅަ ހޯދުމަށް ފަހު ބެންޒެމާ އަށް ދިން ބޯޅަ އޭނާ ހުސްކޮށްލާފައި ދިނީ ވިނީޝިއުސް އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ 75 ވަނަ މިނިޓްގައި ވިނީޝިއުސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީން ބެންޒެމާ ވަނީ ރެއާލަށް ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ހަތް މިނިޓް ފަހުން މާސެލޯ ނެގި ހުރަހަކުން ބެންޒެމާ ބޮލުން ގޯލެއް ޖެހިއިރު، މިއި މި ސީޒަނުގައި އޭނާގެ 32 ވަނަ ގޯލެވެ. މިއީ އެއް ސީޒަނެއްގައި ބެންޒެމާ 2011-12 ވަނަ ސީޒަނުގައި އެ އަދަދަށް ގޯލު ޖަހައިގެން ހެދި ރެކޯޑާ އެއްވަރެވެ. ދެން ޖަހާ ގޯލާ އެކު ބެންޒެމާގެ ކެރިއަރުގައި ގޯލު ޖެހުމަށް ބަލާއިރު، މިއީ އެންމެ ރަނގަޅު ސީޒަނަށް ވާނެ އެވެ.
އަންނަ އާދިއްތަ ދުވަހު ރެއާލުން ބާސެލޯނާއާ ދެކޮޅަށް ކުޅޭއިރު، ރޭގެ މެޗުގެ ފަހު ވަގުތުގައި ބެންޒެމާގެ ވާތު ފަޔަށް އަނިޔާވެގެން ބަދަލުކުރި އެވެ. މެޗަށް ފަހު ރެއާލްގެ ކޯޗު އަންޗެލޮޓީ ބުނީ ބެންޒެމާގެ އަނިޔާއާ ބެހޭ ފުރިހަމަ މައުލޫމާތެއް އެނގޭނީ ކުރިއަށް އޮތް 24 ގަނޑިއިރު ތެރޭގައި ހަދާ ޓެސްޓްތަކަށް ފަހު ކަމަށެވެ.












