ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފި އެވެ.
ކަސްޓަމްސުން ބުނީ ޕޯސްޓު މެދުވެރިކޮށް މިއަދު ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކެއް ބަލައި ފާސްކުރިއިރު ޕާރުސަލެއްގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ފެނިފައިވާ ކަމަށެވެ.
ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ އެމްޑީއެމްއޭ ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓްމްސް އިން ބުނެ އެވެ.
މި މައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.1 ކިލޯގުރާމް ހުރި ކަމަށާއި، އެ ތަކެތީގެ މަގުމަތީ އަގު ތިން މިލިއަން ރުފިޔާއަށް އަރާ ކަަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައި ވާއިރު މިދިޔަ ހުކުރު ދުވަހު ވެސް ކަސްޓަމްސުން ވަނީ ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 12 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އެމްޑީއެމްއޭ، މެފެޑްރޯނާއި ކޮކެއިން އެވެ. އެއީ މި މަހުގެ އެއްވަނަ ދުވަހު ބަލާ ފާސް ކުރި ޕާރްސަލްގެ ތެރެއިން 546 ގްރާމް އެމްޑީއެމްއޭ އާއި 585 ގްރާމް މެފެޑްރޯން ފެނިފައިވާ ކަމަށާއި މި މަހުގެ ވަނަ ދުވަހު ބަލާ ފާސް ކުރި ޕާރްސަލެއްގެ ތެރެއިން 2.228 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.
އެގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.359 ކިލޯ ހުއްޓެވެ.












