ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ޓެޑް ޓޯކް ކަމަށްވާ ޓެޑެކްސް ބ. އަތޮޅުގެ ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި މަންޓާ އެއާ ހަމަޖައްސައިފި އެވެ.
މި އިވެންޓްގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ދަ ސްލޯ ލައިފް" އެވެ. ސޮނެވާ ފުށީގައި މި އިވެންޓް އޮންނާނީ މާޗް 19، ގަ އެވެ.
މި އެއްބަސްވުމުގައި މަންޓާ އެއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކޮމާޝަލް މެނޭޖަރު އިބްރާހިމް ޝިފާން އެވެ. އަދި، ޓެޑެކްސް ބ. އަތޮޅު އިވެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ އިވެންޓްގެ ކޯ-އޯގަނައިޒާ ނީލާ ޕަޓީ އެވެ.
"މުޖުތަމައުގެ ކަންކަމުގައި ބައިވެރިވެ ޕާޓްނަރެއްގެ ގޮތުގައި މިފަދަ އިންގިލާބީ ބަދަލު ގެނެވިދާނެ ކަންކަމުގައި ބައިވެރިވުމަކީ މަންޓާ އިން އަބަދުވެސް ގަބޫލުކުރާ ކަމެއް. ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ޓެޑް ޓޯކްގެ ޕާޓްނަރަކަށް ވެވުމަކީ ލިބުނު އުފަލެއް،" މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވި އެވެ.
ޓެޑެކްސް ބ. އަތޮޅު އިވެންޓަކީ ޓެޑް.ކޮމްގެ ލައިސެންސްގެ ދަށުން ބާއްވާ އިވެންޓެކެވެ.

"މިފަދަ ޓެޑެކްސް ކޮންފަރެންސަކާއެކު ރާއްޖޭއިން ހޮވާލެވޭ ތަފާތު ހިޔާލުތަކާއި ތަޖުރިބާތައް ފާހަގަކުރެވިގެންދާނެ،" މި އިވެންޓް ބޭއްވުމަށް ލައިސެންސް ހޯދި އަޒްހޫރާ އަހްމަދު ބުންޏެވެ.
މި އިވެންޓުގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުން ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތައް ވާހަކަ ދައްކާނެ އެވެ. އޭގެ ތެރޭގައި ސޯނޫ ޝިވްދަސާނީ، ކަރިއްސާ ނިމާ، ޔަލާ ޝަމީމް، ހުސައިން ރާޝިދު (ސެންޑީ)، އައިޝަތު އަދްނާން، ބްރޫސް ބްރޮމްލީ، ޝާޒިޔާ ސައީދު (ސާޒު) އަދި އާކިބް ޖާހިރުގެ އިތުރުން މަލްސާ މާޒް ހިމެނެ އެވެ.
ޓެޑެކްސް އަކީ އެމެރިކާގެ ޓެޑް ކުންފުނީގެ ލައިސެންސްގެ ދަށުން އެ ބަޔެއްގެ އަމިއްލަ ގައުމުގައި އާ ހިޔާލުތައް ހޯދައި އެންމެފަހުގެ ރިސާޗްތަކާ އެކު މުޖުތަމައުގައި ހިޔާލު ބަދަލުކުރުމަށް ފުރުސަތު ދިނުމަށް ކުރިޔަށްގެންދާ އިވެންޓްތަކެވެ.











